މިހާރު މާލެ އާއި އެކި ރަށްރަށުގައި ހަލުވިކަމާ އެކު އެޗް1އެން1 ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް މާދަމާއިން ފެށިގެން ވަގުތީ ގޮތުން ބަންދުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާދަމާއިން ފެށިގެން ސްކޫލަކުގައި ކިޔެވުން ނޯންނާނެ ކަމަށެވެ. އަދި ސްކޫލު ޗުއްޓީއަށްފަހު އަލުން ހުޅުވޭނެ ދުވަހެއް ނިންމާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީގައި ކުރިއަށްދާ ކުއްލި ޕްރެސް ކޮންފަރެންސްގައި އިއުލާންކޮށްފައިވާ ގޮތުން އެޗްވަންއެންވަން ރޯގާގައި 26 އަހަރުގެ މީހަކު މަރުވެފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.
އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.