މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ހުމާއި އަރިދަފުސްރޯގާ ފެތުރެމުންދާތީ ހުރިހާ މިސްކިތެއްގައި މާދަމާ ރޭ މަޣުރިބް ނަމާދަށްފަހު ގުނޫތު ކިޔަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ސާކިއުލާއެއްގައި ވަނީ މާދަމާގެ މަޣުރިބު ނަމާދަށް ފަހު އަޑު ހަރުކޮށް ކިޔަވާ ކޮންމެ ނަމަދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ކިޔަވަން އަންގާފަ އެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން ގުނޫތު ކިޔުން ކުރިއަށްގެންދަން ވާނެ ކަމަށެވެ.
ވައިރަލް ހުމުގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޗްވަންއެންވަން ނުވަތަ ސްވައިން ފުލޫ ކޮންޓްރޯލް ނުކުރެވި ފެތުރެމުން ދާ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފަ އެވެ.
މި އަހަރުގެ މިހާތަނަށް ޓެސްޓް ކުރި 251 މީހެއްގެ ތެރެއިން 51 މީހަކު ވަނީ އެޗް1އެން1 އަށް ޕޮޒިޓްވެފަ އެވެ.