މި އަހަރުގެ ޒޯން މުބާރާތް ވެސް އޭދަފުށީގައި ބާއްވަން ނިންމައިފި

މި އަހަރުގެ ޒޯން 3 ފުޓްބޯޅަ މުބާރާތް ބ. އަތޮޅު އޭދަފުށީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން އެފްއޭއެމުން ހާމަކޮށްފި އެވެ.

މި ކަން ހާމަކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިދިޔަ އަހަރު ވެސް އޭދަފުށީގައި ބޭއްވި މި މުބާރާތް މި އަހަރު ކުރިޔަށް ދާނީ މި ހިނގާ މޭ މަހުގެ 21 އިން 30 ގެ ނިޔަލަށެވެ. ޒޯން ފުޓްބޯޅަ މުބާރާތް 2006 ވަނަ އަހަރު ވެސް ބާއްވާފައި ވަނީ އޭދަފުށީގަ އެވެ.

މި އަހަރުގެ މުބާރާތުގައި އޭދަފުށީ ޔޫތްގެ އިތުރުން ޅ. އަތޮޅު 2 ޓީމަކާއި ރ. އަތޮޅުގެ 2 ޓީމަކުން ވާދަ ކުރާނެ އެވެ. ޅ. އަތޮޅުން މުބާރާތުގައި ވާދަ ކުރާނީ އެންމެ ފަހުގެ ޗެންޕިއަން ނައިފަރު ޖުވެނައިލް އާއި އެ އަތޮޅު މުބާރާތުގެ މޮޅު 2 ޓީމަށް ހޮވުނު ކުރެންދޫގެ 2 ޓީމެކެވެ.

ރ. އަތޮޅުން ވާދަކުރާ 2 ޓީމަކަށް ވާނެ ކަމަށް ބެލެވެނީ އަލިފުއްޓާއި މީދޫގެ ޓީމެކެވެ. އެ އަތޮޅުގެ މުބާރާތް ނިމޭނީ މާދަމާ އެވެ.

މުބާރާތަށް ބ. އަތޮޅުން ތައްޔާރުވަމުންދާ އޭދަފުށީ ޔޫތް ސްޕޯޓްސް ކްލަބްގެ ފުޓްބޯޅަ ޓީމް ތަޖްރިބާ ހޯދުމުގެ ގޮތުން ކުޅުނު ރަހްމަތްތެރިކަމުގެ 5 ވަނަ މެޗް ކާމިޔާބުކޮށް މުބާރާތަށް ކުރަމުންދާ އުއްމީދުތައް އާކޮށްފި އެވެ.

އިއްޔެ ހަވީރު އޭދަފުށި ރަސްމީ ފުޓްބޯޅަ ދަނޑުގައި މި އަތޮޅު ތުޅާދޫ ފުޓްބޯޅަ ޓީމަކާ ވާދަކޮށް ޔޫތް ސްޕޯޓްސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުން ބަލިވެ އަނެއް 2 މެޗުން އެއްވަރުވެފައިވާ ޔޫތް މި މެޗަށް ނުކުމެފައި ވަނީ ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިއީ މިދިޔަ މަހުގެ ފަހުކޮޅު ޓީމާ ހަވާލުވި އިތުބާރު ކޯޗް މުހައްމަދު ޒާހިދް (ބައްޓޭ)ގެ ބެލުމުގެ ދަށުން މިހާތަނަށް ކުޅުނު 2 މެޗެވެ. އޭގެ ތެރޭން މި މަހުގެ ކުރީކޮޅު ކުޅުނު ފުރަތަމަ މެޗުން ކިހާދޫއާ ކުޅެ ވީ އެއްވަރެވެ.

އިއްޔެގެ މެޗަށް ފަހު ކޯޗް ބުނީ ޓީމްގެ ހުރިހާ ޑިޕާޓްމެންޓްތަކެއް ވެސް މަޑުމަޑުން ހަމަޔަކަށް އެޅެމުންދާ ކަމަށާއި މެޗްގައި ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ކުރެވުނު ނަމަ ތަފާތު ބޮޑު ނަތީޖާއެއް ނެރެވުނީސް ކަމަށެވެ.

“ޓީމްގެ ކުޅުން މިހާރު ހަމަޔަކަށް އެޅެމުން އެ ދަނީ. ކިހާދޫ މެޗަށް ވުރެ އިއްޔެ ރަނގަޅަށް ކުޅުނު،” މިދިޔަ އަހަރު ޒޯން މުބާރާތުގެ ރަނަރއަޕްކަން އޭދަފުށީ ޒުވާނުންގެ ކްލަބަށް ހޯދާދިން ކޯޗް ބައްޓޭ މިއަދު ފޯނުން ބުންޏެވެ.

އޭނާ ބުނީ ޓީމްގެ ބައެއް މުހިއްމު ކުޅުންތެރިން އެންޖަރީ އަށް ފަހު މިއަދު ޕްރެކްޓިސްތަކުގައި އަލުން ބައިވެރިވާން ފަށާނެ ކަމަށާއި އޭދަފުށީގެ އަރަމުން އަންނަ އިތުރު 2 ކުޅުންތެރިއަކާއި ރަށުން ބޭރު ކުޅުންތެރިއަކު ވެސް ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމަށެވެ.

ބ. އޭދަފުށިން އަބްދުލްގައްޔޫމް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.