ބަހިއްޔާ ސްކޫލް އިންޓަނޭޝަނަލް ކޮށް، ފީ ބޮޑުކޮށްފި

ބަހިއްޔާ ޕްރި-ސްކޫލް | އީޓީ ފައިލް ފޮޓޯ
ބަހިއްޔާ ޕްރި-ސްކޫލް | އީޓީ ފައިލް ފޮޓޯ

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލު އިންޓަނޭޝަނަލް ފެންވަރުގެ ޕްރީ ސްކޫލަކަށް ބަދަލުކޮށް، ކުދިން އަތުން ނަގާ ފީ ބޮޑުކުރަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން ހިންގަމުން އަންނަ ބަހިއްޔާ ޕްރީ ސްކޫލުގައި އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ބައިނަލް އަގްވާމީ ފެންވަރުގައި ޕްރީ ސްކޫލުތައް ހިންގުމުގައި ތަރުހީބު ލިބިފައިވާ އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލާ ގުޅިގެންނެވެ.

އޭދަފުށީ ކައުންސިލުން ބުނީ ބަހިއްޔާ ޕްރީ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް މަހު ފީއެެއްގެ ގޮތުގައި ކޮންމެ ދަރިވަރެއްގެ އަތުން 500ރ ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސްކޫލުގައި މިހާރު ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން އިންޓަނޭޝަނަލް ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

އިގްރާގެ ކަރިކިއުލަމަށް ޕްރީސްކޫލް ހިންގާ ފަރާތްތަކާއި ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަނީ ފްރެންޗައިސް އުސޫލުންނެވެ. އެ ކަރިކިއުލަމަށް ސްކޫލް ބަދަލުކުރުމުން ޓީޗަރުން ތަމްރީން ކުރުމާއި، ކްލާސްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމާއި ކުދިންނަށް ބޭނުންވާ ފޮތްތަކާއި ވޯކް ބުކްތަކާއި އެހެނިހެން ސާމާނު އިގްރާއިން ފޯރުކޮށްދެ އެވެ.
“އިގްރާ” ކަރިކިއުލަމަކީ ރާއްޖޭގެ ގިނަ ޕްރީސްކޫލްތަކުގައި މިހާރު ކިޔަވައިދޭ ކަރިކިއުލަމަށްވުރެ ސްޓެންޑަޑް މަތި ކަރިކިއުލަމެކެވެ. އިސްލާމް ދީނުގެ އިލްމު ކިޔަވައިދިނުމާ އެކު، ދިވެހި އިނގިރޭސި، ހިސާބު އަދި ސައިންސް ފަދަ މާއްދާތައް ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު އެކުލަވާލާފައިވާ ކަރިކިއުލަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.