އުރީދޫގެ ހެޑްކުއާޓާ ހުޅުމާލޭގައި ގާއިމުކުރަނީ

image02

އުރީދޫގެ ހެޑްކުއާޓާ ހުޅުމާލޭގައި ބިނާކުރުމަށް، އެއްބަސްވުމެއްގައި އުރީދޫ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން މިއަދު ސޮއިކޮށްފިއެވެ.

ހުޅުމާލޭގައި އުރީދޫގެ ހެޑްކްއާޓާޒް ހެދުމުގެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ސައިމަން އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސިއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ހުޅުމާލޭގައި އެ ކުންފުނީގެ ހެޑްކުއާޓާޒް ގާއިމްކުރެވިގެންދިއުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

“އަޅުގަނޑުމެންގެ މަގްސަދަކީ ފަހުގެ ޓެކްނޮލޮޖީގެ ފަސޭހަކަން ލިއްބައިދީފައިވާ، މަސައްކަތްކުރާ ހިތްވާ ކަހަލަ މާހައުލެއް މުވައްޒަފުންނަށް ގާއިމްކޮށްދީގެން، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ހުނަރުތައް ތަރައްގީކުރުމާއި އެކު، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރާ މަސައްކަތް އިތުރަށް ފުރިހަމަވެގެންދިއުން،”

ވިކްރަ ސިންހާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި މި އިމާރާތް ބިނާކުރަން ބޭނުންވަނީ ޑިޖިޓަލް އިނޮވޭޝަން ހަބެއް ގޮތުގައެވެ. އެގޮތުން، ޒުވާނުންނަށް ހާއްސަކޮށްގެން، ޒަމާނީ ބިޒްނަސް އިންކިއުބޭޓަރއެއް ބިނާކުރުމަށްވެސް އެ އިމާރާތުން ޖާގައެއް ކަނޑައެޅިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ، މުވައްޒަފުންނާއި ގުޅޭ، މަސައްކަތް ކުރަން ދާހިތްވާ ފަދަ މާހައުލެއްގެ ގޮތުގައި އައު ހެޑްކުއާޓަރޒް ބިނާކުރުމެވެ. އެގޮތުން، އެ އިމާރާތުގައި ކެފޭއެއް އަދި ފިޓްނެސް ސެންޓަރ އެއްގެ އިތުރުން، އުރީދޫގައި މަސައްކަތް ކުރާ މައިންބަފައިންގެ ފަސޭހައަށް ގާއިމްކުރެވޭ ޑޭކެއަރ ސެންޓަރ އެއްވެސް ހިމެނޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު ވިދާޅުވި ގޮތުގައި އުރީދޫގެ ފްލޭގްޝިޕް ބިލްޑިންގް ވެގެންދާނީ އެންމެ ޒަމާނީ، އަދި ހަމަ އެހެންމެ މުވައްޒަފުންނަށް ފަސޭހަޔާއި ހިތްހަމަޖެހުމާއި އެކު މަސައްކަތް ކުރެވޭނެ ފަދަ މާހައުލަކަށެވެ. އެގޮތުން ހުރިހާ ފަންތިއެއްގެ މުވައްޒަފުންވެސް އެކުގައި އެންމެ ފުރިހަމަގޮތުގައި މަސައްކަތް ކުރުމަށް ފަސޭހަކޮށްދޭނެ “އޯޕަން އޮފީސް ކަލްޗަރ” އެއް ބިނާ ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒުކަމަށް އޭނާ ވިދާޅުވި އެވެ.

“ހަމައެއާއެކު، މިތަނުގައި ގާއިމްކުރެވޭ ޑޭކެއާ ސެންޓަރ އަދި ކުޅިވަރާއި މުނިފޫހިފިލުފިލުވުމުގެ ހާއްސަ ފެސިލިޓީތައް ވެގެންދާނީ އުރީދޫ މުވައްޒަފުންގެ އާންމު ދިރިއުޅުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް. އުރީދޫ އަކީ ރާއްޖޭގެ އެންމެ މަޤްބޫލު އެމްޕްލޯޔަރ ބްރޭންޑް ކަމަށް ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް، މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.” މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

އުރީދޫން ބުނި ގޮތުގައި އެ ކުންފުނީގެ ފްލޭގްޝިޕް ބިލްޑިންގް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހުގެ ތެރޭގައި ފެށިގެންދާނެއެވެ. ހަމައެއާއި އެކު، އެކުންފުނިން މަސައްކަތް ކުރަމުން ދާނީ 18 މަސްދުވަސް ތެރޭގައި ހެޑްކުއާޓާސްގެ މަސައްކަތް ނިންމުމަށެވެ.

އުރީދޫގެ ހެޑްކްއާޓާޒެއް ހުޅުމާލޭގައި ގާއިމްކުރުމުން އެ ކުންފުނި ވެގެންދާނީ ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން، އެންމެ ފުރަތަމަ މިފަދަ ތަނެއް ގާއިމުކުރާ ކުންފުންޏަށެވެ. އަދި ހުޅުމާލޭގައި މައި ހެޑްކުއާޓަރ ގާއިމް ކުރާ ފުރަތަމަ މަލްޓި ނެޝަނަލް ކުންފުންޏަށްވެސް އެ ކުންފުނި ވެގެންދާނެ އެވެެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.