އޭދަފުށީގައި ފާނަބަސަންދު ފެތުރެނީ

hosp

އޭދަފުށީގައި ފާނަބަސަންދު ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިރަށުގައި ފާނަބަސަންދު ޖެހޭ މީހުންނާއި ކުދިންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި ބައްޔަކީ އެކަކު ގައިން އަނެކަކުގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔަކަށް ވުމާއެކު، އަދި ބަލި ޖެހިއްޖެނަމަ އާއްމުކޮށް 2 ނުވަތަ 3 ހަފްތާގެ މުއްދަތެއް ބަލި އެއްކޮށް ފަސޭހަވުމަށް ނަގާތީވެ، ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އަތޮޅު ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ. އެގޮތުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ހަރަކާތްތައް މަޑުޖައްސާލުމަށްވެސް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

އަދި ސްކޫލު ކުއްޖަކަށް ފާނަ ބަސަންދު ޖެހިއްޖެނަމަ ބަލި އެއްކޮށް ފަސޭހަ ނުވަނީސް އެހެން ކުދިންނަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ސްކޫލު ކުދިންނާއި ބެލެނިވެރިންނާއި ދަރިވަރުންގެ ސަމާލުކަމަށް އަތޮޅު ހޮސްޕިޓަލުން އެކަން މިހާރުވަނީ އަންގައިފަ އެވެ.

ފާނަބަސަންދު ބަލި މިރަށުން ފެނުނު ނަމަވެސް، ކަންބޮޑުވާން ޖެހޭ މިންވަރަށް އެ ބަލި މިހާތަނަށް ފެތުރިފައި ނުވާ ކަމަށް ޕަބްލިކް ހެލްތު ޔުނިޓުން ބުންޏެވެ.

ފާނަބަސަންދު (ޗިކަން ޕޮކްސް) އަކީ ވައިރަހެއްގެ ޒަރީއާއިން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ޖައްސާ ވައިރަހަކީ ހާރޕީޒް ވައިރަހުގެ 8 ވައްތަރުގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ކިޔާ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ޝިންގްލްސް (ހާރޕީޒް ޒޮސްޓަރ) ކިޔާ ބައްޔެއްވެސް ޖެހެއެވެ.

އާންމުކޮށް ފާނަބަސަންދު ޖެހެނީ 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލިޖެހެއެވެ. އަދި ހޫނުގަދަ ޤައުމުތަކުގައި މިބަލި ފެތުރޭ މިންވަރު އިތުރުކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ މާޗު މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް މި ބަލި ފެތުރޭ މިންވަރު ގިނަކަންވެސް ފާހަގަކުރެވެ އެވެ.

ފާނަބަސަންދަކީ ބައެއް ހާލަތްތަކުގައި ވަރަށް ނުރައްކައުތެރި ބައްޔަކަށްވާތީ، ބަލީގެ ކުރީކޮޅު ޑޮކްޓަރަކަށް ދައްކައިގެން ޤަވާއިދުން ފަރުވާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބަލިޖެހުމުގެ ކުރިން ފާނަބަސަންދުން ރައްކާތެރިވުމަށްޓަކައި ކަނޑައަޅާފައިވާ ވެކްސިން ދިނުމަކީވެސް މިބަލިން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.