ފާނަ ބަސަންދު: ފަރުވާތެރިވާން ޖެހޭ ބައްޔެއް

dd1

މިދުވަސްވަރަކީ އޭދަފުށީގައި ފާނަބަސަންދު ފެތުރެމުންދާ ދުވަސްވަރެކެވެ. މިބަލި ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިއީ އާންމުން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.

ފާނަ ބަސަންދަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ހުން އައުމާ އެކު ގައިން ފޮޅުނަގާ، އަދި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ނަމަވެސް އާއްމު ގޮތެއްގައި މި ބަލިޖެހެނީ ކުޑަކުދިންނަށެވެ.

ބަލީގެ އަލާމާތްތައް

o ވަރުބަލިކަން އިހްސާސްކުރެވުން
o ހުންއައުން:
o ކާހިތްނުވުން
o ބޮލުގައި ރިއްސުން
o ކެއްސުން
o ކަރަށް ތަދުވުން
o ބަނޑުގައި ރިއްސުން
o ބްލިސްޓަސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން

 

 

ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން

ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުން އަންނަން ފަށައެވެ. އެހެންނަމަވެސް އެ ދުވަސްވަރު ހަށިގަނޑުން ބިހިނަގާކަށް ނުފަށާނެއެވެ. އެހެންނަމަވެސް ބަލިމީހާ ކެއްސައި، ކިނބިހި އަޅާ ހަދާއިރު ކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހެއެވެ.

 

ހަށިގަނޑުހައި ބީހުމުން

ބަލިމީހާގެ ގައިން ބިހިނަގަން ފެށުމުން އޭނާގެ ގައިގައި މީހުންނާއި، އޭނާ ބޭނުންކޮށްފައި ހުންނަ ތައްޓާއި، ތުވާއްޔާއި އަންނައުނު ފަދަ ތަކެތި ބޭނުން ކުރުމުން ނުވަތަ ބީހުމުންވެސް މި ބަލި ޖެހެ އެވެ. ގައިގައި ހުންނަ ބިހިތައް ކުރަމަގާލި ލާންދެން އެ ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.

މިއީ ނުރައްކާތެރި ބައްޔެއްތަ

 

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ މިއީ ނުރައްކާތެރި ބައެއްޔެއް ނޫން ކަމަށެވެ. މިބަލި ޖެހޭ މީހުން ދިހަވަރަކަށް ދުވަސްތެރޭގައި އާންމު ގޮތެއްގައި ރަނގަޅު ވެއެވެ. މިބަލިޖެހޭ މީހުންގެ ތެރެއިން މަދުބައެއްގެ ފުއްޕާމެއަށް ނުވަތަ ސިކުނޑިއަށް އަސަރު ކުރުމުން ނުރައްކާވެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދެއެވެ. އަދި މާބަނޑު ދުވަސްވަރު މިބަލި ޖެހޭ މީހުންގެ ތެރެއިން މަދު ބަޔަކަށް އެކަމުގެ ސަބަބުން ނުރައްކާ ވެއެވެ. އަދި ވަރަށް މަދުބައެއްގެ ބަނޑުގައިވާ ކުއްޖާއަށްވެސް ނުރައްކާވެއެވެ.
ރައްކާތެރިވުން

އެއްފަހަރުވެސް މިބަލި ނުޖެހޭ މީހަކަށް ބަލިޖެހުމުގެ ފުރުސަތު ވަރަށްބޮޑެވެ. އެހެންނަމަވެސް އެއްފަހަރު މި ބަލި ޖެހިފައިވާ މީހަކަށް ބަލިޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހެއްގެ ގޭގެ އަށް ޒިޔާރަތް ކުރުން ހުއްޓާލަން ޖެހެއެވެ.

ސްކޫލަށްދާ ކުއްޖެއްނަމަ ސްކޫލަށް ގޮސްގެން ނުވާނެ އެވެ. ފާނަ ބަސަންދު ޖެހިފައިވާ މީހާ ނުވަތަ ކުއްޖާ ގޭގެ އެހެން މީހުންނާ ވަކިކުރަން ވާނެއެވެ. އޭނާ ކާންބޯން ބޭނުންކުރާ ތަށިފަދަ ތަކެއްޗާއި ތުވާއްޔާއި އަންނައުނުވެސް ވަކިކޮށް އެހެން މީހުން އެއިން އެއްގޮތަކަށްވެސް ބޭނުން ކޮށްގެން ނުވާނެ އެވެ.

މިބަލިން ރައްކާތެރިވުމަށް ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ވެކްސިން ޖަހަން ވާނެއެވެ. މިއީ ފާމަސީތަކުން އާންމުކޮށް ލިބެން ހުންނަ ވެކްސިނެކެވެ. މި ވެކްސިން ޖަހަން ސަމާލުވާންޖެހޭ މީހުންނަކީ، މުސްކުޅިންނާއި، މާބަނޑު މީހުންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.