އެޑިޓަރުގެ ނޯޓް
މި ކޮލަމަކީ، ބ.އޭދަފުށީގެ ހާލަތާމެދު ޢާންމުން ދެކޭގޮތް ހާމަކުރުމުގެ ގޮތުން، އީޓީ މެދުވެރިކޮށް، ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ލިޔަންފެށި ކޮލަމެކެވެ. މި ކޮލަމުގައި ބަލާލެވިފައިވާނީ، ބައެއް ކަންކަމުގައި އޭދަފުށީގެ ޙާލަތު އޮތްގޮތާއި، އެކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.
އޭދަފުށްޓަކީ، އުމްރާނީގޮތުން ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ރަށަކަށް ވީހިނދު، މިރަށުގައި އުޅޭ ބިދޭސީންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. މި ރަށަކީ ބ.އަތޮޅުންނާއި ރާއްޖޭގެ އެކި ހިސާބުތަކުން، އެބައިމީހުންގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށްޓަކައި އެތައް އާއިލާއެއް ހިޖުރަކޮށްފައިވާ ރަށެއްވެސް މެއެވެ. އެހެންކަމަށް ވީހިނދު، އޭދަފުށްޓަށް އިތުރުވަމުން އަންނަ އާބާދީއާ އަޅާބަލާއިރު، ރަށުގައި ގާއިމުވެފައިހުރި ދެ މިސްކިތަކީ، އެންމެ އެކަށީގެންވާ، ޖާގައިގެ ތަނަވަސްކަން އޮތް ދެ މިސްކިތް ކަމުގައި ދެންނެވޭކަށް ނެތެވެ.
މިހާރުވެސް ހުކުރު ނަމާދު ފަދަ ބައެއް ނަމާދުތަކުގައި، ގިނަ ޢަދަދެއްގެ ބަޔަކު، މިސްކިތުން ބޭރުގައި ނަމާދުކުުރާތަން އެބަފެނެއެވެ. ވާރެއާއި ގަދަހޫނުގައި ކެތްތެރިކަމާއެކު، އަޅުކަމުގައި، ކުޑަ ވަގުތުކޮޅެއް ނަމަވެސް އެބަ ހޭދަކުރެއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، މިސްކިތްތައް ބެލެހެއްޓުން ސަރުކާރުން މަތިކޮށްފައިވާ ފަރާތުން، އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރޭތޯއެވެ؟
ބައެއް ފަހަރަށް މިސްކިތުން ބޭރުގަައި ނަމާދު ކުރާ ފަރާތްތަކަށް “ކުނާ” ލިބެން ހުއްޓަސް ގިނަ ދުވަހު މި މަންޒަރު ފެންނަނީ ބަދަލުވެފައިވާތަނެވެ. މިފަދަ ދަތި ޙާލުގައި ކަންކަން ހުއްޓަސް ކޮންމެވެސް ވަރެއްގެ ހައްލެ މިކަމަށް ގެނެވިދާނެ ކަމަށް ފެނެއެވެ. ވަކި މީހެއްގެ ނުފޫޒުން، މިސްކިތުން ބޭރުގައިވާ ހުސްޖާގަ ހިޔާ ނުކުރެވި އޮތަސް، ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބޭނަމަ، ކައުންސިލުން އެކަމާ ފަސްޖެހުމުގެ ބޭނުމެއް ނެތެވެ.
ވީއިރު، އެންމެންގެ ލާބައާއި މަންފާއަށްޓަކައި، މިފަދަ ކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލަމެވެ. ރަމަޟާންމަހުގެ ތަރާވީޙު ނަމާދާއި، ހުކުރު ނަމާދަށް ޙާޒިރުވާ ގިނަ ބަޔަކަށް މިކަމުން ލިބިގެންދާނޭ ހިތްހަމަޖެހުމާއި ފަސޭއަށްޓަކައެވެ. ގަދަ ހޫނާއި ވާރެއިން އެބައިމީހުން ސަލާމަތްކުރުމަށްޓަކައެެވެ. މިއީ އެކަލާންގެ ޙަޒްރަތުން ސަވާބާއި ދަރުމައަށްއެދި، މަސައްކަތްކުރާ އަޅުނަށް ކައުންސިލުން ކޮށްދެވިދާނެ އަގު ހުރި މަސައްކަތެކެވެ. ހަމަގައިމުވެސް އޭދަފުށި ރައްޔިތުން މި މަސައްކަތް ބަލައިގަންނާނީ، އުފަލާއި ހިތްހަމަޖެހުމާ އެކުގައިކަން ގަބޫލުކުރަމެވެ.
ކުޑަމިސްކިތް ބޮޑުކުރުން ވަރަށް މުހިންމު!