ކުވައިތުގެ ޕާލަމަންޓަށް ފުރަތަމަ ފަހަރަށް އަންހެނުން އިންތިޚާބު ވެއްޖެ

ކުވައިތުގެ ޕާލަމަންޓަށް މިއަދު ހޮވުނު އިގުތިސާދީ މާހިރެއް ކަމަށްވާ ރައުލާ ދަޝްތީ
މީގެ 5 އަހަރު ކުރިން އަންހެނުންނަށް ވޯޓު ލެވޭ ގޮތަށާއި ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެހުމަށް ފަހު ކުވޭތުގެ ޕާލަމަންޓަށް ފުރަތަމަ ފަހަރަށް އަންހެނުން އިންތިޚާބު ވެއްޖެ އެވެ.

50 މެންބަރުން ހިމެނޭ މަޖިލީހަށް 210 ކެންޑިޑޭޓުން ކުރިމަތިލިއިރު އޭގެ ތެރޭގައި 16 އަންހެނުން ވެސް ހިމެނެ އެވެ. އެ ގޮތުން މިއަދުގެ ނަތީޖާއިން ދައްކަނީ އޭގެ ތެރެއިން 4 އަންހެނުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކޮށްފި ކަމަށެވެ.

މަޖިލީހަށް އިންތިޚާބު ވި އަންހެނުންގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލްގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި އަސީލް އަލްއަވާދީ އާއި އިގުތިސާދީ މާހިރެއް ކަމަށްވާ ރައުލާ ދަޝްތީ ހިމެނެ އެވެ.

ކުވައިތުގެ ރަސްގެފާނު މި ފަހަރު ޕާލަމަންޓް އުވާލީ އިދިކޮޅު މެންބަރުން ގިނަވެ، ސަރުކާރުގެ ހިންގުން ހުއްޓުމަކާ ހިސާބަށް އައުމުންނެވެ. ނަމަވެސް އިދިކޮޅު މެންބަރުން ބުނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ދޭ ފަރާތްތަކާ މެދު ސުވާލު އުފެދޭތީ، ސަރުކާރުގެ ނިންމުންތަކަށް އެ ފަރާތްތަކުން ހުރަސް އަޅަނީ ކަމަށެވެ.

މީގެ 200 އަހަރު ކުރިން ކުވައިތު އުފެދުނީއްސުރެ އެ ތާނގައި ރަސްކަން ކުރަމުން އަންނަނީ ސަބާހް އާއިލާއިންނެވެ. ނަމަވެސް ކުވައިތަކީ މިހާރު ބަރުލަމާނީ ނިޒާމެއް އޮންނަ އަދި އަރަބި ދުނިޔޭގައި ޑިމޮކްރެސީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ގައުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.