މިނިވަން ޗެމްޕިއަންޝިޕަށް މިފަހަރުވެސް އޭދަފުށިން ވަރުގަދަ ޓީމެއް

football-ishan

މިއަހަރުގެ މިނިވަން ފުޓްބޯޅަ މުބާރާތަށްވެސް މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށިން ވަރުގަދަ ޓީމެއް އެކުލަވާލައިފިއެވެ.

ރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާއި އެކު މިފަހަރު އެކުލަވާލި ޓީމުގައި މުޅިން އާ ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފައެވެ.

މިފަހަރުގެ ޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ މިދިޔަ އަހަރުގެ މުބާރާތަށްފަހު ޓީމަށް ކުޅުން ހުއްޓާލި ޢަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ޓީމުގައި ހިމެނުމެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރުމުގައި އޭދަފުށީ ޓީމުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި ގޯލް ކީޕަރ ޢަބްދުﷲ ޒިޔަޒަންގެ ބަދަލުގައި ޓީމުގައި ޒުވާން ދެކީޕަރުން ވަނީ ހިމަނާފައެވެ. މި ސީޒަނަށް ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ޒިޔަޒަންގެ ބަދަލުގައި ގޯލު ކީޕަރުންގެ ގޮތުގައި ޓީމުގައި ހިމަނާފައިވަނީ އަފްޒަލް އިބްރާހީމް އާއި މުޅިން އަލަށް ޓީމުން ފުރުސަތު ލިބުނު ހިސާން ޢަބްދުއްރައްޒާގެވެ. ހިސާންގެ އިތުރުން މިފަހަރުގެ ޓީމުގައި އަލަށް ހިމަނާފައިވަނީ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި މޮޅު ކުޅުމެއް ދައްކާފައިވާ ފެހެންދޫއަށް ނިސްބަތްވާ އާދަމް ނަސީމުއެވެ. މީގެ އިތުރުން މިދިޔަ އަހަރުވެސް ޓީމުގައި ހިމެނުނު ބ. ގޮއިދޫއަށް ނިސްބަތްވާ އާދަމް ނިޒާމް (ކިތުނާ) އާއި ޙަސަން ޝުޖާއުވެސް ވަނީ މިފަހަރުގެ ޓީމުގައި ހިމަނާފައެވެ. މީގެ އިތުރުން މިދިޔަ ދެއަހަރުވެސް ޓީމަށް ކުޅުނު މުހިއްމު ހުރިހާ ކުޅުންތެރިންވެސް މިފަހަރުގެ ޓީމުގައި ވަނީ ހިމަނާފައެވެ. އޭދަފުށީ ޓީމުން ބުނިގޮތުގައި މިދިޔަ އަހަރަށްވުރެ މިފަހަރުގެ ޓީމު ވަރުގަދަވާނެއެވެ.

ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މިއަހަރުވެސް މަޖިއްޓޭ ހަމަޖައްސާފައި ވާއިރު މެނޭޖަރެއްގެ މަޤާމް އަދާކުރާނީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރިއިރު ކޯޗުގެ މަޤާމްވެސް އަދާކުރި ކުރީގެ ކުޅުންތެރިޔާ އަބްދުލް މަޖީދު ޙަސަން އެވެ. މިފަހަރުވެސް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މުޙައްމަދު ޒާހިދު (ބައްޓޭ) އެވެ.

މިއަހަރުގެ މިނިވަން ފުޓްބޯޅަ މުބާރާތުގައި އޭދަފުށި ފުރަތަމަ ކުޅޭނީ އަތޮޅު ބުރުގެ ދެމެޗެވެ. ފުރަތަމަ މެޗު މިއަދު ހަވީރު ކުޅޭއިރު ދެވަނަ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ހަވީރު އެވެ. ޒޯން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ޒޯން މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 20 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފައިވާއިރު މުބާރާތް ކުޅޭނެ ވަކި ރަށެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.