ތިމާވެއްޓަށް ދެވޭ ސަމާލުކަން

16901715_867035483435889_1344138342_n

އަޅުގަނޑުމެން ދިރިއުޅެމުންދާ ވެއްޓާ ގުޅިފައިވާ އެންމެހައި ތަންތަނަކީ، ތިމާވެށީގެ ތެރޭގައި ހިމެނޭ ތަންތަނެވެ. މޫދާއި ފަޅާއި ފަރުފަދަ ތަންތަނާއި، ގޮނޑުދޮށާއި މީހުން ދިރިއުޅޭ އެންމެހާ ގޭބިސީތަކާއި، ފަޅު ގޯތިތަކާއި މަގުތައްވެސް ހިމެނެނީ ތިމާވެށީގެ ތެރޭގަ އެވެ. އެހެންކަމަށް ވީހިނދު، މިދެންނެވި އެންމެހައި ތަންތަނާމެދު ސަމާލުކަން ދިނުމަކީ، އެތަނެއްގަިއ ދިރިއުޅޭ ފަރުދުންގެ ޒިންމާއެކެވެ. ވަކިން ހާއްސަކޮށް ރަށު ކައުންސިލާއި އަތޮޅު ހޮސްޕުޓަލުފަދަ މުއައްސަސާތަކުގެ ދައުރު މިކަމުގައި މާބޮޑުކަމުގައި ދަންނަވަން ޖެހެއެވެ.

އޭދަފުށްޓަކީ ވަށައިގެން ހިއްކައި، ގުދުރަތީ ގޮތުން ލެވިފައިވާ ތޮށީގެ ބަދަލުގައި ބޮޑު ހިލައިން ބޭރުތޮށި ލެވިފައިވާ ރަށެކެވެ. ގޭގެއިން އުކާލެވޭ ކުނީގެ ބާވަތްތައް ރަށު ކައުންސިލު މެދުވެރިކޮށް ކުނި އަޅާ ސަރަހައްދަށް ގެންދިއުމުގެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ރަށެއްވެސްމެއެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ، އެކަން ކުރަމުން ގެންދަނީ އެންމެ ރަނގަޅަށްތޯ އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލެވެ. އާއްމު ރައްޔިތުން، ތިމާވެއްޓާމެދު ސަމާލުކަންދެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެެދޭ ސުވާލެވެ.

ހިތާމަ ހުއްޓެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ، ތިމާވެއްޓަށްދެވޭ ސަމާލުކަން ކުޑަވެފައިވާ މަންޒަރެވެ. އަތިރިމަތިންނާއި މަގުމަތިންވެސް މިއަދު ފެންނަނީ ހަމަ އެމަންޒަރެވެ. ފަޅުތެރެއިން މިއަދު ފެންނަ މަންޒަރުން، ތިމާވެއްޓަށް ލޯބި ޖެހިފައިވާ ފަރުދަކު ދިރިއުޅޭ ރަށެއްކަމުގައި ބެލެވޭނެ ހަމަ އެއްވެސް ޖާގައެއް ނެތެވެ.

ކުނިއަޅާ ސަރަހައްދުން އެދުވާ ނުބައި ވަހާއި، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލައިލުމުންވެސް ހިތް ފަޅައިގެން ދާހާވަރުވެ އެވެ. އެ ސަރަހައްދުގެ މޫދުގައި އޮޔާދާ ކުންޏާއި ޕްލާސްޓިކް ކޮތަޅުގެ އަދަދު ގުނާލަން އެހާ ފަސޭހައެއް ނުވާނެ އެވެ. ކޮންމެ ދުވަހަކު މި މަންޒަރު ނުފެނުނަސް، މިއީ އެ ސަރަހައްދުގެ އާއްމު ހާލަތޭވެސް ދެންނެވިދާނެ އެވެ. އަދި ދަންނަވަންތޯ އެވެ؟ އެ ސަރަހައްދުގެ ކަނޑުތޮށި ލެވިފައިވާ ހިލަތަކުގެ ހިމާޔަތުގައި ދިރިއުޅޭ މީދަލުގެ އަދަދު ރަށުގެ އާބާދީއާ ގާތްކުރާނޭހެންވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެހާވެސް ގިނައެެވެ.

ތިމާވެއްޓާ ގުޅުންހުރި މިފަދަ ކަންކަމުގައި ރަށުގެ އެންމެހާ ރައްޔިތުން ޒިންމާ އަދާކުރަމާތޯ އެވެ؟ ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން އެންމެން މިކަމުގައި ޝާމިލް ވަމާތޯއެވެ؟ އަތޮޅު ހޮސްޕިޓަލާއި ރަށު ކައުންސިލުން، މިކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނަންގަވަމާތޯ އެވެ. “ރަޖުނީ ކާންތު ހެދިގެން” ހަމައެކަނި މީޑިއާ އަށް އިންޓަވިއު ދިނުމަކުން ނުފުދެއެވެ.

އެޑިޓަރުގެ ނޯޓް

މި ކޮލަމަކީ، އޭދަފުށީގެ ހާލަތާމެދު ޢާންމުން ދެކޭގޮތް ހާމަކުރުމުގެ ގޮތުން، އީޓީ މެދުވެރިކޮށް، ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ލިޔަންފެށި ކޮލަމެކެވެ. މި ކޮލަމުގައި ބަލާލެވިފައިވާނީ، ބައެއް ކަންކަމުގައި އޭދަފުށީގެ ޙާލަތު އޮތްގޮތާއި، އެކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.