ދަރަވަންދޫ އަތުން އޭދަފުއްޓަށް އުނދަގޫ މޮޅެއް

މިނިވަން ޗެންޕިއަންޝިޕްގައި މިއަދު އޭަދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިނިވަން ޗެންޕިއަންޝިޕްގައި މިއަދު އޭަދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިނިވަން ފުޓްބޯޅަ މުބާރާތުގެ އަތޮޅު ބުރުގައި މިއަދު ދަރަވަންދޫގެ މައްޗަށް އޭދަފުށިން އުނދަގޫ މޮޅެއް ހޯދައިފިއެވެ. މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އޭދަފުށި މޮޅުވީ 1-0 އިންނެވެ. މެޗު އެއްވަރުވާން ދަނިކޮށް ފަހު 10 މިނިޓުގައި އޭދަފުށި މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 17 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ހައިޝަމް ޙަސަން އެވެ. ހައިޝަމް އަކީ މިފަހަރުގެ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

މުޅި މެޗުގައިވެސް ދަރަވަންދޫ ޓީމުން ވަނީ އޭދަފުށި ޓީމު ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ގިނަ ހަމަލާ އުފައްދައި ލަނޑު ޖަހާގެ ގިނަ ފުރުސަތުތައް ތަނަވަސްކުރީ އޭދަފުށިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭދަފުށީ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ދެވަނަ ހާފުގައި ވަނީ ކުޅުން އިތުރަށް ރަގަޅުކޮށް ދަރަވަންދޫގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފުގައި އޭދަފުށިން މެޗުގެ ކޮންޓްރޯލް ހޯދި ނަމަވެސް ދަރަވަންދޫއަށް ވަނީ ލީޑު ނަގާނެ ރަގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މިއަދުގެ މެޗަށް އޭދަފުށީ ޓީމު ނިކުތީ މުހިއްމު ދެކުޅުންތެރިން ކަމަށްވާ އިޝާން އިބްރާހީމް (ސައްޓު) އާއި އަޙްމަދު ލަޠީފް (ލައްޗޭ) ނުލައެވެ.

އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާ ދެވަނަ މެޗުވެސް ކުޅޭނީ އޭދަފުށީގައެވެ. މި މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ހަވީރުއެވެ. މިނިވަން ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބ. އަތޮޅުން ބައިވެރިވީވެސް މި ދެރަށުން އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.