ބީއެމްއެލްގެ 800 އަށް ވުރެ ގިނަ އެކައުންޓް ބަންދުކުރަނީ

ބީއެމްއެލްގެ މައި ބްރާންޗުން ހިދުމަތް ދެނީ: ބޭނުންނުކުރާތާ ގިނަ ދުވަސް ވީ ގިނަ އެކައުންޓްތަކެއްގެ ވެރިފަރާތް ހޯދަން ވަނީ އިއުލާންކޮށްފައި. ފައިލް ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ މައި ބްރާންޗުން ހިދުމަތް ދެނީ: ބޭނުންނުކުރާތާ ގިނަ ދުވަސް ވީ ގިނަ އެކައުންޓްތަކެއްގެ ވެރިފަރާތް ހޯދަން ވަނީ އިއުލާންކޮށްފައި. ފައިލް ފޮޓޯ: ބީއެމްއެލް

ބޭނުންނުކުރާތާ ގިނަ ދުވަސް ވީ 800 އަށް ވުރެ ގިނަ އެކައުންޓް ބަންދުކުރުމުގެ ނޯޓިސް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެރެފި އެވެ.

ބީއެމްއެލް އިން ނެރުނު ނޯޓިސްއެއްގައި އެދިފައިވަނީ އިއުލާންކުރި 819 އެކައުންޓްގެ ވެރިފަރާތުން ޖޫން 18، 2017 ގެ ކުރިން އެކައުންޓާ މެދު ގޮތެއް ނިންމުމަށެވެ. އެ މުއްދަތުގައި އެ ބޭންކަށް ވަކި ގޮތެއް ނާންގާ ފަރާތްތަކުގެ އެކައުންޓް ބަންދުކޮށް، އޭގައި ހުރި ފައިސާ މަރުކަޒީ ބޭންކް، އެމްއެމްއޭއާ ހަވާލުކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު ބުނާ ގޮތުން ބޭނުން ނުކުރާތާ ގިނަ ދުވަސް ވީ އެކައުންޓްތައް (ޑޯމަންޓް އެކައުންޓްސް) ބަންދުކުރުމުގެ އިޚުތިޔާރު ބޭންކްތަކަށް ދީފައިވެ އެވެ. އެގޮތުން އެއްވެސް ގޮތަކުން އޮޕަރޭޓްނުކުރާތާ ފަސް އަހަރު ވުމުން އެ އެކައުންޓެއްގެ ވެރިފަރާތުގެ އެޑްރެސްކަމަށް އެންމެ ފަހުން ބޭންކަަށް ލިބިފައިވާ އެޑްރެހަށް، އެކައުންޓްގެ ތަފުސީލާ އެކު ސިޓީ ފޮނުވަން ޖެހެ އެވެ. އެ ސިޓީ އަށް ޖަވާބެއް ނުލިބިއްޖެ ނަމަ، އެކައުންޓްގެ ވެރިފަރާތުގެ ނަންތައް ނޫޙުގައި ޝާއިއުކުރަން ޖެހެ އެވެ.

ގާނޫނު ބުނާ ގޮތުން ނޫހުގައި ޖަހާތާ 60 ދުވަހުގެ ތެރޭގައި އެކައުންޓްގެ ވެރިފަރާތް ނުހޯދިއްޖެ ނަމަ، އެ އެކައުންޓްގެ ފައިސާ އެމްއެމްއޭއާ ހަވާލުކުރަން ވާނެ އެވެ.

ޑޯމަންޓް އެކައުންޓްތަކުގެ ފައިސާ އެމްއެމްއޭއާ ހަވާލުކުރިޔަސް އޭގެ ހައްގުވެރިންނަށް އެ ގެއްލިގެންނެއް ނުދެ އެވެ. އެމްއެމްއޭ އިން އެ ފައިސާ ބަހައްޓަނީ އެތަނުން އިންވެސްޓްކުރާ ފައިސާގެ ތެރޭގަ އެވެ. އެކަމަކު ބޭންކުން އެ ފައިސާ އެމްއެމްއޭއާ ހަވާލުކުރާތާ ފަސް އަހަރުގެ ތެރޭގައި، އެކައުންޓްގެ ވެރިފަރާތުން ފައިސާއާ ހަވާލުނުވެއްޖެ ނަމަ ފިނޭންސް މިނިސްޓްރީއަށް ޖަމާކޮށްދެ އެވެ.

ގާނޫނު ބުނާ ގޮތުން އެހާ ހިސާބުން ވެސް ފައިސާގެ ވެރިފަރާތުގެ ހަައްގު ދައުލަތުން ހިމާޔަތްކޮށްދެ އެވެ. އެގޮތުން އެމްއެމްއޭ އިން ފިނޭންސަށް އެ ފައިސާ ހަވާލުކުރާ ފަހުން ވެސް، އެކައުންޓްގެ ވެރިފަރާތުން އެއީ އޭނާގެ ފައިސާކަން ސާބިތުކުރެވޭ ހެކިތައް އެމްއެމްއޭ އަށް ހުށަހަޅައިފި ނަމަ، ފައިސާ ހޯދައިދެ އެވެ.

ބީއެމްއެލް އިން ބުނީ މިހާރު އިއުލާންކޮށްފައިވާ އެކައުންޓްތަކުގެ ވެރިފަރާތުން، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހިފައިގެން ބޭންކަށް ގޮސް، އެކައުންޓާ މެދު ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށެވެ. އަދި އެކައުންޓް އަލުން އެކްޓިވޭޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ބީއެމްއެލްގެ ބްރާންޗަކަށް ހުށަހަޅޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.