ރައީސް ވަޑައިގަންނަވާތީ މިރޭ ރައްޔިތުންނާ ބައްދަލުކުރަނީ

ރައީސް ޔާމީން 2014 ވަނަ އަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: އީޓީ ފައިލް ފޮޓޯ
ރައީސް ޔާމީން 2014 ވަނަ އަހަރު އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ: އީޓީ ފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީން އަންނަ ހަފްތާ އޭދަފުއްޓަށް ވަޑައިގަންނަވާތީ، މިރޭ ރަށު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ނާޒްނީނާ ޔޫސުފް ވިދާޅުވީ، ކައުންސިލުން މިރޭ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމަކީ ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަންނަވާތީ ރައްޔިތުންނާ މަޝްވަރާކޮށްލުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުން އޮންނާނީ ރަށު ކައުންސިލުން ބުނިގޮތުގައި މިރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

ރައީސްގެ މި ދަތުރުފުޅާބެހޭ ގޮތުން އޭދަފުށީ ކައުންސިލުގެ މެންބަރަކު މިދިޔަ ހަފްތާ “އީޓީ” އާ ވާހަކަ ދައްކަމުން ވިދާޅުވީ ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އޭދަފުށީގެ އިތުރުން މިދަތުރުފުޅުގައި ރައީސް މިއަތޮޅު ތުޅާދޫއަށްވެސް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު އީޓީއަށް އެނގިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ރ އަދި ބ އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލެއްވުމަށާއި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އަދި މި ދަތުރުފުޅުގައި އާ މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ.

މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ޔާމީން ބ. އަތޮޅަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. 2014 ވަނަ އަހަރު ރައީސް އޭރު އޭދަފުއްޓަށް ވަޑައިގެންނެވީ މިރަށުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވުމަށެވެ.

ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް ފެއްޓެވުމަށް ނުވަތަ ނިމުން ފާހަގަކުރައްވަން ރައީސް ޔާމީން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އަންނަނީ ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.