ހައްލަކީ އެއް މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް: ފެނަކަ

ފެނަކަ ބ. ރީޖަނަލް އޮފީހުގެ މެނޭޖަރު އަލީ ޝަފީޤު
ފެނަކަ ބ. ރީޖަނަލް އޮފީހުގެ މެނޭޖަރު އަލީ ޝަފީޤު

އޭދަފުށީގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވެން އަންނަނީ އިތުރު ޖަނަރޭޓަރެއް ބަހައްޓައި، ކެޕޭސިޓީ އިތުރުކޮށްގެން ކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނެފި އެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުގެ މެނޭޖަރު އަލީ ޝަފީޤު މިއަދު ވިދާޅުވީ މިރަށުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް އެއް މެގަވޮޓްގެ އިންޖީނެއް ބޭނުންވާ ކަމަށާއި އެކަމާގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އޭދަފުއްޓަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މި ވަގުތު ތިން ޖަނަރޭޓަރު ބޭނުންކުރެ އެވެ. އެއީ 300 ކިލޯވޮޓް، އާއި، 400 ކިލޯވޮޓް އަދި 600 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވެ، ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށްދާތީ މިހާރު އެ އިންޖީނު ތަކުގެ ކެޕޭސިޓީން އުފައްދާ ކަރަންޓުން ނުފުދެ އެވެ.

އަލީ ޝަފީގު ވިދާޅުވީ، އާ ޖަނަރޭޓަރު ގެނައުމަށް ޓެންޑާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އަދި، ޓާގެޓްކުރީ ރޯދައިގެ ކުރިން އިންޖީނު ގެނައުމަށް ކަމަށާއި ނަމަވެސް ލަސްވަމުން ދަނީ އެކިއެކި ސަބަބުތަކާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ނަމަވެސް މިއަހަރުގެ ތެރޭގައި އިންޖީނު ބަހައްޓައި ކަރަންޓް މައްސަލައަށް ހައްލެއް ގެނެވޭވަރުވާނެ،”

ލޯޑު ބޮޑުވެގެން ކަރަންޓް ކެނޑޭ މައްސަލަ އަދިވެސް ހައްލުނުވާތީ، ހޫނު ގަދަވާ ގަޑިތަކުގައި އަދިވެސް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް އިންޖީނުގެއިން ބުނެއެވެ.

ނަމަވެސް ކަރަންޓް ބޭނުން ކުރާ ނިސްބަތް ހުރިހާ ފަރާތްތަކުން މަދު ކޮށްފިނަމަ، ކަރަންޓް ކަނޑާލަން ޖެހޭ ނިސްބަތް ވަރަށް ބޮޑު ތަން މަދުވެގެން ދާނެ ކަމަށްވެސް އިންޖީނުގެއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.