އޮޅުވެލިފުށި ފައިނަލަށް، އޭދަފުއްޓަށް ފުރުސަތު ބޮޑުވެއްޖެ

މިއަދު އޮޅުވެލިފުއްޓާ އުނގޫފާރު ބައްދަލުކުރި މެޗުގެ ތެރެއިން
މިއަދު އޮޅުވެލިފުއްޓާ އުނގޫފާރު ބައްދަލުކުރި މެޗުގެ ތެރެއިން

މިނިވަން ޗެމްޕިއަންޝިޕް ތިންވަނަ ޒޯންގައި އޮޅުވެލިފުށި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ އެޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

އޮޅުވެލިފުށީ ބޯޅަދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރ. އަތޮޅުގެ ޗެމްޕިއަން އުނގޫފާރާއި ވާދަކޮށް އެ ޓީމު މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.

އޮޅުވެލިފުއްޓަށް ގޯލް ޖަހައިދިނީ އިމްރާން މުހައްމަދު އާއި އަހުމަދު ނިޒާމެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލިފުއްޓަށް ދެވަނަ ގޯލް ޖަހައިދިން އަހުމަދު ނިޒާމެވެ.

މި ޒޯނުގައި ހިމެނެނީ ރ. ބ އަދި ޅ އަތޮޅު ޗެމްޕިއަނުންނެވެ. ބާކީ އެއް މެޗު އޮއްވާ ޅ. އަތޮޅުގެ ޗެމްޕިއަން އޮޅުވެލިފުށި ފައިނަލަށް ދަތުރު ކުރީ ފުރަތަމަ މެޗުގައި އޭދަފުއްޓާ އުނގޫފާރު އެއްވަރު ވުމުންނެވެ. އޮޅުވެލިފުއްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު އޭދަފުއްޓާއި އުނގޫފާރަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ޒޯން ލީގު ފަހު ބުރުގައި އޭދަފުއްޓާ އޮޅުވެލިފުށި ބައްދަލުކުރާ މެޗު އެއްވަރުވެ ނުވަތަ މޮޅުވެގެން ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު އޭދަފުއްޓަށް އެބައޮތެވެ. އުނގޫފާރަށް ފައިނަލްގެ ޖާގައެއް ލިބެން އޮތީ ތިން ގޯލްގެ ތަފާތުން އޭދަފުށި ބަލިވެގެންނެވެ.

އޮޅުވެލިފުއްޓާ އޭދަފުށި ބައްދަލު ކުރާ މެޗު އޮންނާނީ މާދަމާ ހަވީރު އޮޅުވެލި ފުށީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.