ރާއްޖޭގެ ޗެމްޕިއަނުން ބަލިކުރެވިއްޖެ ނަމަ އެއީ ލިބޭނެ އިތުރު އުފަލެއް: އޮޅުވެލިފުށި

އޮޅުވެލުފުށީ ޓީމު
އޮޅުވެލުފުށީ ޓީމު

މިނިވަން ޗެމްޕިއަންޝިޕް ޒޯން ތިނެއްގެ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ބަލިކުރެވިއްޖެ ނަމަ އެއީ އޮޅުވެލިފުއްޓަށް ލިބޭނެ އިތުރު އުފަލެއް ކަމަށް އެ ޓީމުން ބުނެފި އެވެ.

މެޗުގެ ކުރިން “އީޓީ” އާ ވާހަކަ ދައްކަމުން އޮޅުވެލިފުށީ ޓީމުގެ ކޯޗު އަބްދުއްރަހީމް ބުނީ މިއަދުގެ މެޗަކީ ފަހުގެ ތާރީޚެއްގައި އެރަށުން ކުޅޭނެ އެންމެ މުހިއްމު މެޗުކަމަށާއި، އަމިއްލަ ދަނޑުގައި ކުޅެން ޖެހޭތީ އޭދަފުށި ބަލިކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

“ޗެމްޕިއަންކަން ލިބޭނެކަމަށް އުއްމީދުކުރަން. އޭދަފުށި ބަލިކޮށްފަ ތަށި ނެގިއްޖެ ނަމަ، އެއީ އިތުރު އުފަލެއް. މުޅި ރަށް އޮތީ އެކަމަށް ތައްޔާރަށް. އަމިއްލަ ފަސްގަނޑުގައި ކުޅެންޖެހޭތީ އުއްމީދު ބޮޑު،” ” އަމިއްލަ ރަށަށް ނިސްބަތްވާ ކުޅުންތެރިންނާއެކު ފައިނަލަށް ދަތުރުކުރި ކޯޗު ބުންޏެވެ.

“ކޮންމެ ގޮތެއްވިޔަސް އޭދަފުށި ބަލިކުރަން ފަސޭހައެއް ނުވާނެ. އެކަމު މި މެޗަށް ކުޅުންތެރިންގެ ޕްރެޝަރ ކުޑަކުރަންވެސް ޓީމުން މިހާރު ވާނީ މަސައްކަތްތަކެއް ކޮށްފައި،”

އަބްދުއްރަހީމް ބުނީ، އޭދަފުށި އަތުން އެންމެ ފަހުން ބަލިވި މެޗުގައި ކުޅުނީ ފުރަތަމަ 11 ގެ ހަތް ކުޅުންތެރިންކަމަށާއި، މިއަދުގެ މެޗުގައި ފެންނާނީ ވަރުގަދަ ޓީމެއް ކަމަށެވެ. ކުރީ ދުވަހުގެ މެޗުގައި ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށާއި، މިއަދުގެ މެޗަށް ނިކުންނައިރު އެއްވެސް ޓީމަކަށް ސަސްޕެންޝަނުގެ މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. ނަމަވެސް އަނިޔާގެ މައްސަލަތައް ޓީމުގައި އުޅޭކަމަށް އަބްދުއްރަހީމް ފާހަގަކުރި އެވެ.

ޓީމެއްގެ ގޮތުގަޔާއި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އޭދަފުއްޓަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަކުރަމުން އަބްދުއްރަހީމް ބުނީ، މިއަދުގެ މެޗުގައި އޭދަފުށީގެ ހުރިހާ ކުޅުންތެރިންނަށްވެސް ހާއްސަ ސަމާލުކަމެއް ދޭނެކަމަށާއި، ޓީމުގެ ގޭމް ޕްލޭން އެކުލަވާލީ އެ ހުރިހާ ކަމަކަށް ވިސްނާފައިކަމަށެވެ.

މިއަދުގެ މެޗުގެ ކުރިން އޭދަފުށީ ޓީމުގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކުރީ ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައެވެ. އޮޅުވެލިފުއްޓަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ މުބާރާތުގައި ދެން ވާދަކުރި އުނގޫފާރުގެ ބަލިކޮށްގެންނެވެ. މިނިވަން ޗެމްޕިއަންޝިޕްގެ މިދިޔަ ދެއަހަރުގެވެސް ޒޯން ޗެމްޕިއަނުންނަކީ އޭދަފުއްޓެވެ. އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:45 ގައި އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގައެވެ. މިއަދުގެ މެޗު ކާމިޔާބު ކުރާ ޓީމަކަށް ޒޯން ޗެމްޕިއަނުންގެ މެދުގައި މާލޭގައި ކުޅެވޭ ފައިނަލް ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް