އާބާދީއަށް ބަލައި ރަށްރަށް ތަފާތެއް ނުކުރާނަން: ގާސިމް

ބ. އަތޮޅުގެ ހަތަރު ކައުންސިލަރުން ރޭ ޖޭޕީ އަށް ސޮއިކުރައްވަނީ - ފޮޓޯ / ޖޭޕީ
ބ. އަތޮޅުގެ ހަތަރު ކައުންސިލަރުން ރޭ ޖޭޕީ އަށް ސޮއިކުރައްވަނީ – ފޮޓޯ / ޖޭޕީ

އާބާދީ އަށް ބަލައިގެން ރާއްޖޭގެ ރަށްތައް ތަފާތު ކުރުމުގެ ވިސްނުމަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނެ ވިސްނުމެއް ނޫން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ރޭ ބ. ކަމަދޫ ގައި ބޭއްވި ހާއްސަ ޖަލްސާގައި ގާސިމް ވިދާޅުވީ އާބާދީގެ ބަލައިގެން ރަށްތައް ތަފާތު ކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަން އެމަނިކުފާނު އަމިއްލަ ޚަރަދުގައި ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއު ތަކަށް ބަލާލުމުން ހާމަވެގެންދާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ ދިވެހިން މިއަދު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީއަކީވެސް ރައްޔިތުންގެ މެދުގައި ހުރި ތަފާތުތައް ނައްތާލާ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް މިނިވަންކަން ގެނެސްދީފައިވާ ޤާނޫނު އަސާސީއެއް ކަމަށެވެ.

ނަމަވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަން ބައެއް ފަރާތްތަކުން ބޭނުން ކުރަމުންދާ ގޮތުން ހިތާމަކުރައްވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި މިޖަލްސާގައި ޤާސިމް އިބްރާހިމް ވަނީ އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކުޑަކުދިންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މިއަދުގެ ކުޑަކުދިންނަކީ މާދަމާ މިޤައުމު ބައްޓަންކުރަން ތިބި ކުދިންކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އެ ކުދިންނަކީ އަހްލާޤު ރަގަޅު މުޖުތަމައަށް ބޭނުން ހިފޭ ބައެއްގެ ގޮތުގައި ބައްޓަންކުރުމަށް އިސްކަންދެއްވަންޖެހޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުޑަކުދިންނަށް އިހްމާލުވެ އަނިޔާދޭ ފަރާތްތަކަށް ހައްޤު އަދަބު ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ޤާސިމް އިބްރާހިމް ވަނީ ރޭގެ ޖަލްސާގައި ދެއްވާފަ އެވެ.

ޖުމްހޫރީ ޕާޓީން ކަމަދޫގައި ރޭ ބޭއްވި މިޖަލްސާގައި މިއަތޮޅުގެ ހަތަރު ކައުންސިލަރަކުވަނީ އެ ޕާޓީއަށް ސޮއިކުރައްވާފަ އެވެ. އެއީ ކަމަދޫގެ ކައުންސިލަރަކާއި، ކުޑަރިކިލުގެ ތިން ކައުންސިލަރަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.