ހުޅުމާލޭގައި އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭގައި އުރީދޫއިން މިރޭ ހުޅުވި ސެންޓަރު
ހުޅުމާލޭގައި އުރީދޫއިން މިރޭ ހުޅުވި ސެންޓަރު

އުރީދޫ މޯލްޑިވްސް އިން މުޅިން އާ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.

އުރީދޫން ބުނި ގޮތުގައި ހުޅުމާލޭ ނިރޮޅުމަގުގައި ހުޅުވި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކުރެވިފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް، ހުޅުމާލޭގައި އިތުރުވަމުންދާ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށެވެ.

އުރީދޫގެ އާ އޯއީސީ ހުޅުމާލެ ހުޅުއްވައިދެއްވީ، އުރީދޫގެ އެމްޑީ، ވިކްރަމް ސިންހާ، އުރީދޫގެ ސީއީއޯ، ނަޖީބް ޚާން އަދި އުރީދޫގެ ކަސްޓަމަ ކެއަރ ހެޑް، ގުލްނާޒް މާހިރުއެވެ.

“ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކަށް އެކަށޭނެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރ ހުޅުމާލޭގައި ހުޅުވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އުރީދޫގެ މި ފިހާރައިގައި، ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ފޯރުކޮށްދޭ ސެލްފް-ކެއާ ޕޯޓަލްތަކެއް ހިމެނޭނެ. ހަމައެއާއެކު، ކަސްޓަމަރުންނާ މަޝްވަރާކޮށްގެން ސީދާ ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި ޤަބޫލުކުރުމާއެކު، އެންމެ ފުރިހަމައަށް މިޚިދުމަތްވެސް ފޯރުކޮށްދެވެމުން ދާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ އޮފްލައިންކޮށާއި އޮންލައިންކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް.” އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

“މި ރީތި ސިޓީ އިތުރަށް ފުޅާވެ، އިތުރު ރައްޔިތުންނަށް މަރުޙަބާ ކިޔަމުންދާ ހިނދު، ހުޅުމާލެ މިސްރާބު ޖަހަމުންދަނީ ރާއްޖޭގައި ހިމެނޭ ޓެކްނޮލޮޖީގެ ހަބަކަށް ވުމާއި ދިމާލަށް. ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް މުޖުތަމައު ބިނާކުރުމުގައި، އަޅުގަނޑުމެންގެ ސްމާޓް ސޮލިއުޝަންތައް މެދުވެރިކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުން ދޭނަން.”

އުރީދޫން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އޯއީސީތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް މަރުހަބާ ކިޔޭ ފަދަ މާހައުލެއްގައި، ތަފާތު އެކި އުފެއްދުންތަކާއި ޚިދުމަތްތައް، އަވަސް އަދި ފަސޭހަގޮތެއްގައި އެ ކުންފުނިން ފޯރުކޮށްދެއެވެ.
މިއަދު ހުޅުވި އާ އެކްސްޕީރިއެންސް ސެންޓަރ އިން، އުރީދޫގެ ކަސްޓަމަރ ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ އުރީދޫ ވެދުން އިން ލިބިގެންދާ ޕޮއިންޓްތައް ރިޑީމްކުރުމުން، އޭގެ ބަދަލުގައި ވަރަށް ޚާއްޞަ، ފައިދާހުރި އިނާޔަތްތައް ހޯދޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެގޮތުން އޯއީސީ ހުޅުމާލޭގައި ކަސްޓަމަރުންނަށް ލިބިގެންދާނެ އައު ތަޖުރިބާ ތަކުގެ ތެރޭގައި، ކުދި ކުދި ކަންކަމުގައި، އެއްވެސް ކިއު އެއްގައި މަޑުކުރުމަކާއި ނުލާ ޚިދުމަތް ފޯރުކޮށްދޭ ކުއިކް ކައުންޓަރތައް ހިމެނެއެވެ. ހަމައެއާއި އެކު، އޯއީސީ މާލޭގައި އަލަށް ތައާރަފްކުރެވިފައިވާ “އެކްސްޕީރިއަންސް ޒޯން” ގައި އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ޓެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އޯއީސީ ހުޅުމާލޭގައި، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރީމިއަމް ލައުންޖެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.

އެހެނިހެން އޯއީސީތަކާއި އެއްފަދައިން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، 9:00 އިން ފެށިގެން، ރޭގަނޑު 10:00ގެ ނިޔަލަށް އެ ސެންޓަރުން ޚިދުމަތްލިބޭނެއެވެ.

އުރީދޫން ބުނީ ގޮތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރ ތަކުގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕަރޓްނަރ ފިހާރަތަކުންނާއި، ސޭލްސް ޕަރޓްނަރ ފިހާރަ ތަކުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.