ހަމައެކަނި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓްދޭން ސަލީމް އެދިވަޑައިގެންފި

ރޭ އޭދަފުށި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަނީ | ފޮޓޯ:ފޭސްބުކް
ރޭ އޭދަފުށި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަނީ | ފޮޓޯ:ފޭސްބުކް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހަމައެކަނި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް އެދިވަޑައިގެންފިއެވެ. މިގޮތަށް ސަލީމް އެދިވަޑައިގަތީ އޭދަފުށީ ކައުންސިލަށާއި، އަތޮޅު ކައުންސިލްގެ އޭދަފުށި ދާއިރާގެ ގޮނޑިއަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މިރަށުގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައެވެ.

އޭދަފުށީގައި ތިބި ޕީޕީއެމްއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވަރިވި މި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އޭދަފުށީގައި މިހާރު ކުރިއަށްދާ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިހުރި ކަންކަން ހަލުވި ކަމާއެކު ކުރިއަށް ދާނީ ޕީޕީއެމްގެ ކައުންސިލެއް އިންތިހާބުވެގެން ކަމަށެވެ. ” އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ މިހާރު މިރާއްޖޭގައި މިއޮތީ ޕާޓީ ނިޒާމްކަން. ކޮންމެ ސަރުކާރެއް އަޔަސް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ ސަރުކާރު ހިންގާ ޕާޓީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށަށް.” ސަލީމް ވިދާޅުވިއެވެ.

ރޭ އޭދަފުށި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގެ ތެރެއިން | ފޮޓޯ:ފޭސްބުކް
ރޭ އޭދަފުށި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގެ ތެރެއިން | ފޮޓޯ:ފޭސްބުކް

ސަލީމް އިތުރަށް ވިދާޅުވީ އޭދަފުށްޓަކީ ޕީޕީއެމްއަށް ބޮޑު ތާއީދެއް އޮތް ރަށަކަށް ވާތީ އޭދަފުށްޓަށް ހާއްސަ އިސްކަމެއް ރައީސް ޔާމީން ދެއްވާ ކަމަށެވެ.

“އޭގެ އެއް ހެއްކެއް ނޫންތޯ އެތައް އަހަރެއް ވަންދެން މިރަށުގެ ރައްޔިތުން އިންތިޒާރުކުރުމުންއައި ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންތާ މަދު ދުވަސްތަކެއްގެ ތެރޭގައި ފަށައިގެން ނިނުކަން. އެހާވަރުން ނިމުނީކީ ނޫނޭ އިނގޭތޯ މަގުހެދުމުގެ މަޝްރޫއާ، ފެނުގެ މަޝްރޫއުވެސް އެއޮތީ، މި ސަރުކާރު އައިފަހުން ގާތްގަނޑަކަށް 250 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތަށް ހަމައެކަނި މިވަނީ އައިސްފަ'” ސަލީމް ވިދާޅުވިއެވެ.

އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް އިއްޔެ ހަވީރު އޭދަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ | އީޓީ ފޮޓޯ:ރާއިފް
އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް އިއްޔެ ހަވީރު އޭދަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ | އީޓީ ފޮޓޯ:ރާއިފް

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ ތަރައްގީގެ ތަސައްވުރުގައި އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އެންމެ މަތީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ މަދު ރަށްރަށުގެ ތެރޭގައި އޭދަފުށި ހިމެނޭކަމަށާއި، އޭގެ އެއް ސަބަބަކީ ވޭތުވެދިޔަ އިންތިހާބުތަކުގައި ޕީޕީއެމްއަށް އޭދަފުށިން ލިބިފައިވާ ބޮޑު ތާއީދު ކަމަށެވެ.

” އީސް ޔާމީން އެންމެ ބޮޑަށް ތަރައްގީކުރައްވަން ބޭނުންފުޅުވާ މަދު ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭކަން އަޅުގަނޑަށް އެނގޭ. ފުވައްމުލަކާއި، ތިނަދޫއާއި، ކުޅުދުއްފުއްޓާއި އެއްވަރަށް އޭދަފުށި ތަރައްގީކުރުމުގެ ވިސްނުންފުޅު ރައީސްގެ އެބަހުރި، އެކަމަކު މިކަން ހަގީގަތަކަށްވާނީ މި އިންތިހާބުގައި މިރަށުން ޕީޕީއެމްއަށް ފުރިހަމަ ތާއީދު ލިބިގެން”

އޭދަފުށިން ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އޭދަފުށި ދާއިރާގެ މަޖްލިސް މެންބަރު އަހުމަދު ސަލީމް އިއްޔެ ހަވީރު އޭދަފުށްޓަށް ވަޑައިގަތުމަށްފަހު މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.