ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރަހަ ޚާން ސޮނެވާފުށީގައި

ފަރަހަ އާއި ތިން ކުދިން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް
ފަރަހަ އާއި ތިން ކުދިން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

ބޮލީވުޑްގެ މަޝްހޫރު ކޯރިއޯގްރާފަރު އަދި ޑައިރެކްޓަރު ފަރަހަ ޚާން އޭނާގެ އެއްމާބަނޑު ތިން ކުދިންނާއެކު މިހާރު ސޮނެވާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ފަރަހަ ރާއްޖެ އައިސް ކުރި ފުރަތަމަ ޓުވީޓްގައި ވަނީ އޭނާގެ ތިން ދަރިން ސްވިމިންޕޫލް ކައިރީގައި ތިއްބާ ނަގާފައިވާ ފޮޓޯއެކެވެ. އަދި އޭނާގެ ކޮޓަރި ބަންގްލޯއެއްހާ ބޮޑުކަމަށް ފަރަހަ ސިފަ ކޮށްފައިވެ އެވެ.

އޭނާގެ ދެ ވަނަ ޓުވީޓް ކޮށްފައިވަނީ އިއްޔެ އެވެ.

“މަންމައަކަށް ވީތީ އެކަނިވެލާނެ ވަގުތުކޮޅެއް ވެސް ބޭނުންވާނެކަން ކޮންމެ މީހަކަށް ވެސް އެނގޭނެ. ނަމަވެސް ހުސް ވަގުތުކޮޅެއް ލިބޭއިރަށް ދަރިން މަތިން ހަނދާންވާން ފަށާ. އެހެންވެ މި އުޅެނީ ކުދިން ހޭލައްވާލަން،” ފަރަހަ ބުނެފައިވެ އެވެ.

ފަރަހަ ޚާން ކޮށްފައިވާ ޓްވީޓެއްގައި އިން ފޮޓޯއެއް
ފަރަހަ ޚާން ކޮށްފައިވާ ޓްވީޓެއްގައި އިން ފޮޓޯއެއް

މި ޓުވީޓާ އެކު އޭނާ ޕޯސްޓްކޮށްފައިވާ ފޮޓޯއިން ދޭހަވަނީ އެއީ ހެނދުނުގެ ވަގުތު ކަމެވެ. ކޮފީއަކާއި އައިނު އަދި ވާހަކަ ފޮތެއް ފެންނަ ގޮތަށް ކޮޓަރިން ބޭރު ފެންނަން އޮތް މަންޒަރު އެ ފޮޓޯއިން ފެނެ އެވެ.

އަދި އިއްޔެ ހަވީރު ކޮށްފައިވާ ޓުވީޓެއްގައި ފަރަހަ ބުނެފައިވާ ގޮތުގައި ފަޅު ރަށަކަށް ޕިކްނިކް ދިއުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

“ދެން ފަހަރަކުން އެކަމަކު ޓޮމް ކްރޫޒް ވެސް އަހަންނާ އެކު މި ރަށުގައި ހުންނަން ބޭނުންވޭ،” ފަރަހަ ލިޔެފައިވެ އެވެ. މިފަހަރު ޕޯސްޓްކޮށްފައި ވަނީ ފަރަހަ އާއި އޭނާގެ ތިން ދަރިން މޫދު ކައިރީގައި ތިބެ ނަގާފައިވާ ފޮޓޯއެކެވެ.

ފަރަހަގެ ތިން ދަރިން
ފަރަހަގެ ތިން ދަރިން

ފަރަހަގެ މި ޓުވީޓަށް ޖަވާބު ދިން އެކަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ޝަބާނާ އަޒްމީ އެވެ. “ވަރަށް ރީތި ދޯ” އޭ ޝަބާނާ އަހާފައިވެ އެވެ. ޖަވާބުގައި ފަރަހަ ބުނެފައިވަނީ ލޯ ތަރަތަރަ ޖަހައިގެންދާހާ ރީތި ކަމަށެވެ. އަދި ޝަބާނާ ވެސް އައުމަށް އޭނާ ދައުވަތު ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.