އަހަރެން މިފަހަރު ކައުންސެލަރުގެ ކޮޅުގައި!

ބަހިއްޔާ ޕްރީ ސްކޫލު

– ބަހިއްޔާ ހިނގާ ގޮތް ބެލުމަކީ ރަށު އޮފީހުގެ ޒިންމާއެއް

ރައްޔިތުންގެ ސްކޫލުތައް ރާއްޖޭގައި ދެ ގޮތަކަށް ހިންގަ އެވެ. އެއްގޮތަކީ، ރަށު އޮފީހުން ހިންގުމެވެ. ދެވަނަ ގޮތަކީ ރަށް ކުރިއަރުވާ ކޮމެޓީތަކުން ހިންގުމެވެ. މި ދެގޮތުން ކުރެ ކޮންމެ ގޮތަކަށް ހިންގިޔަސް، އެއީ ރަށު އޮފީހުން ހިންގުމެވެ. ސަބަބަކީ ރކ. ކޮމެޓީގެ އިސް މީހަކީ ވެސް ރަށު އޮފީސް ހިންގުމާ ހަވާލުވެ ހުންނަ މީހެކެވެ. ހަމައެއާ އެކު، މި ދެގޮތުންކުރެ ކޮންމެ ގޮތަކަށް ހިންގިޔަސް، އެންމެ ފަހު ބަސް ބުނާ މީހަކީ ރަށެއްގެ ވެރިޔާ އެވެ. ކުރީގެ ގޮތުން އެންމެ އިސް ކަތީބެވެ. މިހާރުގެ ގޮތުން ނަމަ ކައުންސެލަރެވެ. އެހެންވީމަ، އޭދަފުށީ ބަހިއްޔާ ސްކޫލާ ބެހޭ އެންމެ ފަހު ބަސް ބުނުމުގެ ހައްގު އޮތީ ވެސް އޭދަފުށީގެ ކައުންސެރަށެވެ. އެއީ މިވަގުތު އެ މަގާމުގައި ހުންނެވި މުހަންމަދު ހަބީބުގެ ޒިންމާ އެކެވެ. އޭނާ އަށް އެ ހައްގު އެބައޮތެވެ.
ސްކޫލުތަކުގެ ކިޔެވުން ހުއްޓުވާލައި، މަދަނީ ބަސް ނޭހުމަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މީގެ ކުރިން ގޮސްފައި ވެ އެވެ. ތަފާތު ސަބަބުތަކާ ހުރެ އެވެ؛ އެހެން ނަމަވެސް، ބަހިއްޔާގެ ކިޔެވުން ހުއްޓުވާލި ގޮތަށް މުޅި ރާއްޖޭގައި ވެސް މީގެ ކުރިން އެއްވެސް ސްކޫލެއްގެ ކިޔެވުން ހުއްޓުވާލައިފައެއް ނުވެ އެވެ. ހަގީގަތުގައި، ބަހިއްޔާ ސްކޫލުގެ ކިޔެވުން ހުއްޓުވާލަން ޖެހޭ އެއްވެސް ހަރުދަނާ ސަބަބެއް ޓީޗަރުންނަށް ދެއްކިފައެއް ނުވެ އެވެ.
ރާއްޖޭގައި ހުރި އެންމެ ރީތި އެއް ޕްރީ ސްކޫލުގެ ގޮތުގައި ބަހިއްޔާ ހިމެނުނަސް، އެތަނުގެ އެތެރޭގެ ކަންތައްތައް ހިންގަނީ އަހަންނަށް އެނގިފައިވާ ގޮތުން އެންމެ ރަނގަޅަކަށް ނޫނެވެ. އެތަން ހިންގަނީ ކިހިނެއް، ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. ސަތޭކަ އަށް ވުރެ ގިނަ ކުދިން (މިއީ، ރަށެއްގެ ނިސްބަތުން ވަރަށް ގިނަ އަދަދެކެވެ.) ކިޔަވަމުން އަންނައިރު އެތަނުގައި ރަނގަޅު ފެންވަރުގެ ޓީޗަރުން ނެތުމަކީ މައްސަލަ އެކެވެ. އީޓީގެ ކޮމެންޓްތަކަށް ބަލާއިރު ފެންވަރު ރަނގަޅު ޓީޗަރުން ނެތުމާއި ޓީޗަރުންނަށް ފުރިހަމަ ތަމްރީނެއް ދޭން އެބަޖެހެ އެވެ. މިއީ، ރަށު އޮފީހުން ބަލައި ފުރިހަމައަށް ޒިންމާ ނަގަން ޖެހޭ ކަމެކެވެ. ރައްޔިތުން، އެތަނުގެ ތައުލީމާ ދޭތެރޭ ހިތްހަމަނުޖެހޭ ނަމަ، އެތަން ރަނގަޅު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ކައުންސެލަރެވެ. އެންމެ ފަހު ވަގުތު މީހުންގެ ނުރުހުމުގެ ލޯ ވެސް އަމާޒުވާނީ ކައުންސެލަރަށެވެ.
ބަހިއްޔާގެ ކަންތައްތައް އެނގިވަޑައިނުގަންނަވަންޏާ އެކަން އޮތް ގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހެ އެވެ. އެއީ ފަހަރެއްގައި ވެސް ކައުންސެލަރު ވިދާޅުވި ގޯސް ބަހެއް ނޫނެވެ. ބަހިއްޔާގެ މައްސަލައިގައި ކައުންސެލަރު ވިދާޅުވި ކަމަށް އީޓީގައި ލިޔެފައި ހުރި ބަސްތައް އަޅުގަނޑަކަށް ގޯހެއް ނޫނެވެ. އެއީ ފަހަރެއްގައި ވެސް ޓީޗަރުންނާ ދޭތެރޭ އިހާނާތްތެރި ބަސްތަކެއް ވިދާޅުވި ކަމަކަށް ވެސް އަޅުގަނޑު ނުދެކެމެވެ. ޓީޗަރުންގެ ފެންވަރު ދަށް ކަމަށް ވަންޏާ އެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫނެވެ. ހަމަ އެގޮތަށް ބަހިއްޔާ ހިންގާ ގޮތް ރަށު އޮފީހަށް ނޭނގޭ ކަމަށް ވަންޏާ އެ ވާހަކަ ދެއްކުމަކީ ވެސް ގޯހެއް ނޫނެވެ. އެ ވާހަކަ ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ ކައުންސެލަރުގެ ވާޖިބެކެވެ. ޑިމޮކްރަސީގެ ޓްރާންސްޕޭރެންސީ އަކީ މިއެވެ.
އަހަރެން މި ހުރިހާ ދުވަހަކު ހީކޮށްގެން ހުރީ ބަހިއްޔާ ހިންގަނީ ރަށު އޮފީހުގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް، ހަބީބުގެ ވާހަކައިން އަހަންނަށް އެނގުނީ ރަށު އޮފީހާ އެތަނާ ނުބެހެވޭ ކަމެވެ. އެހެންވެ، އެތަން މިހާތަނަށް ހިނގާ ގޮތާއި ހަރަދުކުރާ ގޮތާއި ލިބޭ އާމްދަނީއަކާއި ބާކީވާ ފައިސާ އަށް ވާ ގޮތް އެއީ އެނގެން ޖެހޭ އެއްޗެކެވެ. ސަބަބަކީ އެއީ ރައްޔިތުންގެ ތަނަކަށް ވާތީ އެވެ.
މިފަހަރު އަހަރެން ކައުންސެލަރަށް އައްސަރިބަހާއި ސާބަސް ދެމެވެ. މިކަހަލަ އަންޑަގްރައުންޑްކޮށް ހިންގަމުންދާ ހުރިހާ ކަމެއް ވީހާ ފާޅުކޮށް ހާމަކުރުމަށް ކައުންސެލަރުގެ ކިބައިން އަހަރެން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.