ދިރާގު ބްރޯޑްބޭންޑް ރޯޑް ރޭހުގެ ނަމުގައި ކުރިން ބާއްވަމުން އައި ދުވުން ރީބްރޭންޑްކޮށް، ބައިނަލްއަގުވާމީ ފެންވަރަށް ފައްތައި، “ދިރާގު މޯލްޑިވްސް ރޯޑްރޭސް 2013″ ގެ ނަމުގައި އަންނަ މަހުގެ 28 ވަނަ ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.
އިޖުތިމާއީ ތަފާތު ޝިއާރުތަކާއެކު މީގެ ހަ އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ދުވުން ބައިނަލްއަގުވާމީ މެރަތަންތަކުގެ ކެޓަރަގީއަށް ފައްތާފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
“ދިރާގު މޯލްޑިވްސް ރޯޑްރޭސް” ގެ ޕާޓްނަރުންނާއެކު ދިރާގު މައި އޮފީހުގައި މިއަދު މައުލޫމާތު ދެއްވަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ މި ދުވުން ބައިނަލްއަގުވާމީ މެރަތަންގެ ކެޓަގަރީއަށް ފެއްތުމާ ގުޅިގެން، ދުނިޔޭގައި ބާއްވާ ބައެއް މެރަތަންތަކުގައި މި އިވެންޓުގައި ބައިވެރިވާ ދުވުންތެރިންނަށް ދުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން އެ ކުންފުނިން ބާއްވަމުން އަންނަ މި އިވެންޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އިޖުތިމާއީ ޒިންމާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ދުވުން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާއިރު، އެ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅު ޝިއާރުތަކާއެކު ދިރާގު ދުވުން މިއަހަރު ބާއްވާއިރު، މިއަހަރު ދުވުމުގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ ސޮނީ ސްޕޯޓްސް އާއި އެމްބީސީގެ އިތުރުން ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އަމިއްލަ ދެ ޖަމިއްޔާ ކަމަށްވާ އާކް އާއި ކެޕްސް އެވެ.
ދިރާގުން ބުނީ ރޯޑް ރޭސް ބައިނަލްއަގުވާމީ މެރަތަންއެއްގެ ކެޓަގަރީއަށް ފެއްތުމާ ގުޅިގެން މިއަހަރު ވަނަ ހޮވަން ހަމަޖެހިފައިވަނީ ތިން ކެޓަރީއަކުން ކަމަށާއި، އެއީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ އޯޕަން ކެޓަގަރީ އާއި ސްކޫލްތަކަށް ބައިވެރިވެވޭ 13 އަހަރުން ދަށުގެ ޖޫނިޔަ ކެޓަގަރީއަކާއި 13 އަހަރުން މަތީގެ ކުދިންނަށް ބައިވެރިވެވޭ ސީނިއަ ކެޓަގަރީއެއް ކަމަށެވެ. އަދި މީގެ އިތުރުން ހިމެނެނީ 45 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ކެޓަގަރީ އެކެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ ރޯޑް ރޭސް ރީބްރޭޑްކޮށް ގެނެވުނު ބަދަލާއެކު މިއަހަރު ބައިވެރިކުރަން ހަމަޖެހިފައިވަނީ 3،000 މީހުން ކަމަށެވެ.
ދިރާގުން ބުނީ މިއަހަރުގެ ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “ދިރާގު މޯލްޑިވްސް ރޯޑްރޭސް” ވެބްސައިޓުން ފޯމް ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި، ރޭހުގައި ވަނަ ހޯދާ ފަރާތްތަކަށް މިއަހަރު ވެސް ގިނަ އިނާމުތަކެއް ދޭނެ ކަމަށެވެ.