އުރީދޫގެ ހިއްސާ ވިއްކުމުގައި ބީއެމްއެލް އިން އެހީތެރިވަނީ

އުރީދޫގެ ހިއްސާ ވިއްކުމުގައި އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ކަލެކްޓިން ބޭންކާގެ ގޮތުގައި މަސައްކަތް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެއްޖެ އެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނަޖީބް ޚާން އެވެ.

މި އެއްބަސްވުމުގެ ދަށުން އުރީދޫގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ހިއްސާ ގަނެވޭނެ އިންތިޒާމު ހަޖައްސައި، ހިއްސާގެ ފައިސާ ޖަމާކުރާނެ އެކައުންޓެއް ކަނޑައެޅޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ އުރީދޫގެ ހިއްސާ ވިއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ރައްޔިތުންނަށް ރާއްޖޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ވިޔަފާރިއެއްގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

“އުރީދޫގެ އައިޕީއޯއަށް އެހީތެރިކަން ފޯރުކޮށްދޭން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މީގެ ސަބަބުން ދިވެހި ރައްޔިތުންނަށް ރާއްޖޭގެ އެންމެ ކުރީ ސަފުގައިހިމެނޭ ވިޔަފާރީއެއްގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ. އުރީދޫގެ ހިދުމަތްތައް އިތުރަށް ފުޅާވެ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓްތަކެއް ކުރަމުންދާއިރު، އަޅުގަނޑުމެންގެ އެންމެ އިޚްލާސްތެރި ހެޔޮއެދުންތައް އުރީދޫގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފޮނުވަން،” އެންޑްރޫ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ އިންޓަނެޓްގެ މެދުވެރިކޮށް ހިއްސާ ގަތުމަށް އުރީދޫގެ ވެބްސައިޓު ނުވަތަ މޯލްޑިވްސް ސެކިއުރިޓީ ޑެޕޮސިޓްރީގެ ވެބްސައިޓުން ފަސޭހަ ކަމާއި އެކު އެކައުންޓެއް ހުޅުވައިގެން ހިއްސާ ގަތުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަލެކްޝަން ޕޮއިންޓުތަކެއް ގާއިމް ކުރެވިފައިވާ ކަމަށެވެ.

ފޯމް ބަލައިގަންނަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް، އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތައް، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތައް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތަކާއި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނެއެވެ. ފޯމް މެދުވެރިކޮށް ހިއްސާ ބަލައިގެންނާނެ ތަންތަނުގެ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު އެވެ.

އުރީދޫއިން ފުރަތަމަ ވިއްކަން ނިންމާފައިވަނީ އެ ކުންފުނީގެ 15 ޕަސެންޓަށްވާ 22 މިލިއަން ހިއްސާ އެވެ. ހިއްސާ ގަތުމަށް ހުޅުވާލާފައިވާ މުއްދަތުގައި އެއަށްވުރެ ގިނައިން ހިއްސާ ގަތުމަށް ހުށަހަޅާނަމަ 40 ޕަސެންޓަށްވާ 59 މިލިއަން ހިއްސާ ވިއްކާނެ އެވެ.
އުރީދޫއިން ހިއްސާ ގަންނަ ފަރާތްތަކުން މަދުވެގެން 50 ހިއްސާ ގަންނަން ޖެހެ އެވެ. އުރީދޫއިން ހިއްސާ ވިއްކަނީ މިމަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.