ބ. އަތޮޅުގެ އުތުރުބިތުގެ ރަށްރަށާއި ދެމެދު ދަތުރުކުރާ ފެރީ މިއަދު މެންދުރު އޭދަފުށިން ފުރިއަނުދީ ހިފަހައްޓައިފި އެވެ.
ފެރީ ފުރިއަނުދީ ހިފަހައްޓާފައިވަނީ މި ސަރަހައްދުގައި ފެރީގެ ހިދުމަތް ދެމުން އަންނަނީ ދީބާޖާ ކުންފުނީގެ ފަރާތުން ފެރީގެ ވެރިފަރާތަށް ދޭންޖެހޭ ފައިސާ ނުދީގެން ފެރީގެ ވެރިފަރާތުން ކަމަށްވެ އެވެ.
ފެރީ މިއަދު މިރަށަށް ދަތުރުކުރި މާޅޮހު މީހަކު ބުނީ ފެރީ ފުރިޔަނުދީ ހިފަހައްޓާފައިވާތީ، އެރަށު މީހުން އެނބުރި ރަށަށްދިއުމަށްޓަކައި ރަށު ކައުންސިލުން ދޯންޏެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފެރީން ދަތުރުކުރި މިއަތޮޅުގެ އެހެން ރަށްރަށުގެ މީހުން މިއަދު ހަވީރު އެނބުރި ރަށަށް ގޮސްފައިވަނީ އޭދަފުށިންނާއި ބައެއް ރަށްރަށުން ލޯންޗްފަހަރު އަމިއްލައަށް ކުއްޔަށް ހިފައިގެންނެވެ.
އުތުރުބިތުގެ ފެރީ މިއަދު ހިފަހައްޓާފައިވާއިރު ދެކުނު ބިތުގެ ފެރީގެ ޚިދުމަތް އޮތީ ހުއްޓިފަ އެވެ.