ބޯ ވާރެޔާ އެކު ރަށުތެރޭގައި ފެންބޮޑުވެއްޖެ

ރޭ ދަންވަރުން ފެށިގެން ހުއްޓުމެއް ނެތި ވެހުނު ވާރޭގާއި އޭދަފުށީގެ ދެކުނު ފަރާތު މަގެއްގައި ފެންބޮޑުވެފައި ވަނިކޮށް ސައިކަލް ތަކެއްގައި ޒުވާނުންތަކެއް ދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ ދަންވަރުން ފެށިގެން ވެހެން ފެށި ބޯ ވާރެޔާ އެކު އޭދަފުށީގެ މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.

ރޭ ދަންވަރު 2:00 ހާއިރު ފެށިގެން ދޭތެރެ ދޭތެރެއިން ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ރަށުގެ ބައެއް މަގުތަކާއި ގޯޅިތަކުގައި ފޫޓަކަށް ފެން ބޮޑުވެ، ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

ހޫނު ގަދަ ދުވަސްތަކަށް ފަހު މިހާރު ކުރިމަތިލާފައި މިވަނީ، ރާއްޖޭގެ ނަކަތްތަކުން އެނގޭ ގޮތުގައި، ހުޅަނގު މޫސުމުގެ ވިއްސާރައާ އެވެ. ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތް ކަމަށްވާ ކެތި ނިމި، ހަތަރު ވަނަ ނަކަތް ކަމުގައިވާ ރޯނު މިއަދު ފެށިފައިވާ އިރު ރޯނު ނަކަތު ވިއްސާރައަކީ އަބަދުވެސް ރާއްޖޭގައި ގަދަފަދަ މަޝްހޫރު ވިއްސާރައެކެވެ.

ވާރޭ ވެހެމުންދާ އިރު އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

• ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުން
• ހިފާ ގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ތަކެތި ރައްކާތެރި ތަނެއްގައި ބެހެއްޓުން
• ކޮޅިގަނޑުގެ ގަދަ ވަޔަށް ސަމާލުވެ، އިމާރާތްތަކާ ގެދޮރާއި ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ޔަގީން ކުރުން
• ކޮޅިގަނޑުގައި ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުން
• ކޮޅިގަނޑުގައި ޖެހޭ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރަނގަޅަށް ހައްޔަރު ކޮށްފައި ބެހެއްޓުން
• ކަނޑު ދަތުރުފަތުރު ކުރުވުމުގައި ސަމާލުވުން
• މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދުން

މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، އުދަ އެރުން ފަދަ ހާދިސާތައް ދިމާވަމުންދާއިރު ހުރި ގޮތަކުން މޫސުމަށް ބަލައި ރައްކާތެރިވުމަށް ޑިޒާސްޓާމެނޭޖްމެންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި އިލްތިމާސް ފުލުހުންނާއި ސިފައިންނާއި އަދި މޫސުމާބެހޭ އިދާރާއިން ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

އޭދަފުށި ރޯޝާނީ މަގުން ބަޔަކު ކުޑަނަގައިގެން ދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ކުރިއަށް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި މި ވިއްސާރައިގައި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.