ރޯދަމަހު ބީއެމްއެލް އިން ހިދުމަތްދޭ ވަގުތު އެހެން ބޭންކް ތަކަށްވުރެ އިތުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ މައި ބްރާންޗް: އެ ބޭންކުން އަންނަ ރޯދަ މަހު ހިދުމަތްދޭ ގަޑި ވަނީ އިތުރުކޮށްފައި.— ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ ރޯދަ މަހު ހިދުމަތް ދޭ ވަގުތު އެހެން ބޭންކުތަކަށްވުރެ އިތުރު ކުރަން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޯދަ މަހު ހެނދުނު 10:00 ން ފެށިގެން މެންދުރުފަހު 2:00 އަށް މާލޭގައިހުރި ބީއެމްއެލްގެ ހުރިހާ ބްރާންޗުތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކުގެ އެހެން ބްރާންޗްތައް ރޯދަމަހު ހުޅުވާނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށެވެ. އަދި އެ ބޭންކުން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ފައިސާ ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް، ފައިސާ ނެގުމުގެ ހިދުމަތް ވެސް ރޯދަ މަހު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސް މޫސާ ނިމާލް ވިދާޅުވީ ރޯދަމަހު ހިދުމަތް ދޭ ވަގުތުތައް ކަނޑައެޅީ މާލޭގައި ބޭންކިން ހިދުމަތަށް އޮންނަ ޑިމާންޑް ބޮޑުކަމުން ވީހާވެސް ގިނަ ބަޔަކަށް ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި ރޯދަމަހު މާލޭ ބްރާންޗުން ހަތަރު ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ކުރިއަށް އޮތް ރަމަޟާން މަހު ފޯރުކޮށްދިނުން،” ނިމާލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.