މި ރޯދަ މަހުގެ ފިތުރު ޒަކާތް އޭދަފުށީގައި މާދަމާ އިން ފެށިގެން ބަލައިގަންނާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލުން ފިތުރު ޒަކާތް ބަލައިގަންނާނީ މާދަމާއިން ފެށިގެން ޖޫން މަހުގެ 22ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން 12:15 އަށެވެ.
ފިތުރު ޒަކާތުގެ މިންވަރު
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.
– އާދައިގެ ހަނޑުލުން ނަމަ މީހަކަށް 18 ރުފިޔާ
– ތައިލެންޑު ހަނޑުލުން މީހަކަށް 60 ރުފިޔާ
– ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 85 ރުފިޔާ
ފިތުރު ޒަކާތަކީ އީދު ވިލޭރެ އާއި އީދު ދުވަހު ތިމާއަށާއި ތިމާ ޚަރަދު ދިނުން ލާޒިމުވެފައިވާ ބައެއްގެ މައްޗަށް ޚަރަދު ކުރާނޭ މިންވަރަށްވުރެ، އިތުރަށް ތަނަވަސްކަން ލިބިފައިހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ހުރި އައިނިއްޔަ ފަރުޟެކެވެ. މި ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާމުކަމެކެވެ.