ފުރަތަމަ އެކުދިން ދައްކާ ވާހަކަ އަޑުއަހާށެވެ.

މިއީ ފަހަރެއްގައި ގަބޫލުކުރަން އެހާ ފަސޭހަވާހަކައަކަށް ނުވެދާނެއެވެ. އެކަމަކު ތިބާގެ ދަރިފުޅު ތިބާ ދައްކާ ވާހަކަ އަޑުއަހާނެ ގޮތެއް ހަދަން ބޭނުންނަމަ އެންމެ ފުރަތަމަވެސް ކުރަންޖެހޭ އެއްކަމަކީ އޭނާ ދައްކާވާހަކަ އަޑު އެހުމެވެ. ދަރިފުޅު ދައްކާ ވާހަކަ ތިބާ އަޑުއަހާނަމަ އެހެން މީހުން ދައްކާ ވާހަކަ އަޑު އަހާނީ ކިހިނެއްކަން ދަރިފުޅަށް ދަސްވާނެ އެވެ. ގިނަ މައިންބަފައިންނާއި ބެލެނިވެރިންނަށް ފާހަނގަ ކުރެވޭނެ ފަދައިން އެމީހުންބުނާ ކޮންމެ ކަމެއް ކުއްޖާ ނުކުރި ކަމުގައި ވިޔަސް ވަރަށް ގިނަފަހަރަށް ބެލެނިވެރިޔާ ކުރާ ކޮންމެކަމެއް އެކުދިންވެސް ކުރެވޭތޯ ބަލައެވެ. އެހެން މީހުން ކުރާ ކަންތައްތައް ބަލައި އެކަންކަން އެކުދިންނަށް އެފެނުނު ގޮތައް ކުރެވޭތޯ ވަރަށް ގިނަ ފަހަރަށް ކުޑަކުދިން ބަލާނެ އެވެ. ކުޑަކުދިން ނަށް ހިގަންވީ ގޮތާއި ވާހަކަ ދައްކަންވީ ގޮތާއި އަދިވެސް މިފަދަ އެނޫންވެސް ކަންތައްތައް ދަސްވަނީ އެގޮތުގެ މަތީންނެވެ.

ކުޑަކުދިން ބޮޑެތިވަމުން އަންނައިރު އެކުދިން ހުއްޓި ހުންނަ ގޮތާއި ހިނގާފަ ދާގޮތް އެކުދިންގެ މައިންބަފައިން އެކަންކަން ކުރާގޮތާއި ވަރަށް އެއްގޮތްކަން ތިޔަބޭފުޅުންނަށް ފާހަނގަކުރެވޭނެ އެވެ. އެކުދިން ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރު ވާހަކަ ދައްކާއިރު ހުންނަ ރާގާއި، އަޑު ގެންގުޅޭގޮތް އަންހެން ކުއްޖެއްނަމަ އެކުއްޖެއްގެ މަންމައާއި އަދި ފިރިހެން ކުއްޖެއްނަމަ އެކުއްޖެއްގެ ބައްޕައާއި ވަރަށް ގިނަފަހަރު އެއްގޮތްކަމެއް ހުންނާނެ އެވެ. ހާއްސަކޮށް ފޯނުން ވާހަކަދައްކާއިރު އެކަން ފާހަގަ ކުރެވޭލެއް ބޮޑުވާނެ އެވެ. މިކަމުގެ އެންމެ ބޮޑު އެއް ސިއްރަކީ މައިންބަފައިން އެކަންތައްތައް ކުރާގޮތް ކުދިން ބަލައި އަޑުއަހައި އަދި ހަމަ ސީދާ އެގޮތް ކޮޕީ ކުރުމެވެ.

ކުޑަކުދިން އެންމެ ގިނައިން ކޮޕީކުރާނީ އެކުދިން އުޅޭ މާހައުލުން އެންމެ ގިނައިން ފެންނަ ބައެއްގެ ފަރާތުން ފެންނަ ކަންތައްތަކެވެ. ޝައްކެއްވެސް ނެތްގޮތުގައި އެބަޔަކަށްވާނީ އެކުދިންގެ މައިން ބަފައިންނެވެ. އެހެން ކަމުން ތިބާގެ ދަރިފުޅު ލައްވާ ތިބާ ކަމެއް ކުރުވަން ބޭނުންނަމަ ފުރަތަމަ އެކަން ތިބާ ކުރާށެވެ. ތިބާގެ ދަރިފުޅު ހަމަހިމޭނުން މަޑުން ބައިންދަން ބޭނުންނަމަ ފުރަތަމަ އެކަން ކުރާމީހަކީ ތިބާ ކަމުގައި ވާށެވެ. ހަމަ އެގޮތައް ތިބާ ދައްކާވާހަކަ އަޑުއަހާ ކުއްޖަކަށް ދަރިފުޅު ހަދަން ބޭނުންނަމަ އެ ދަރިފުޅުގެ ވާހަކަ އަޑު އަހައި އެދަރިފުޅަށް އެކަން ކުރަންވީ ކިހިނެއްކަން އަމަލުން ދައްކައިދޭށެވެ.

ކުޑަކުއްޖަކު އޭނާގެ މަންމަ ނުވަތަ ބައްޕަ ގާތުގައި ވާހަކައެއް ބުނާނީ އެ ކުއްޖަކަށް އެވާހަކަ މަންމަ ނުވަތަ ބައްޕަ ގާތު ބުނުން މުހިންމުވީމަ އެވެ. އެހެންނޫންނަމަ އެވާހަކަ އޭނާ އެމީހުންގެ ގާތު ނުބުނާނެ އެވެ. އެހެންކަމުން އެވާހަކައަށް ދޭންޖެހޭ ސަމާލުކަން ދީގެން ކަނުލާ އަޑުއެހުން ވަރަށް މުހިންމެވެ. ކުއްޖާ ދައްކާވާހަކަ އަޑުއަހަމުން ދަނިކޮށް އެހެންކުއްޖެއްގެ ސަބަބުން ނުވަތަ ގެއަށް ޒިޔާރަތްކުރާ މެހެމާނެއްގެ ސަބަބުން ކުއްޖާ ދައްކާވާހަކަ މެދު ކަނޑާލަން ޖެހިއްޖެނަމަ ކުއްޖާގާތު ކުޑައިރުކޮޅަކަށް މަޑުކޮށްލަން ބުނާށެވެ. އަދި އެގޮތައް މަޑުކޮށްލަން ބުނީ ކުއްޖާ ދައްކާ ވާހަކަ ރަގަޅަށް އަޑުއަހަން ބޭނުންވާތީ ކަމަށްވެސް ބުނާށެވެ. އަދި ކުއްލިއަކަށް ކުރަންޖެހުނު ކަންތައްކޮށް ހަމަ ނިމުމާއެކު ކުރިން ކުއްޖާ ދައްކަމުން އައި ވާހަކަ ކުރިއަށް ގެންދިޔުމަށް ފުރުސަތުދީ ފުރިހަމައަށް އެވާހަކައަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކުއްޖާ ދައްކާވާހަކަ އަޑުއެހުމަކީ ހަމައެކަނި ނަމަކަށް ކުރާކަމަކަށް ނުވުންވެސް އެއީ ވަރަށް މުހިއްމު ކަމެކެވެ. އެކަން އެހެންވިޔަ ނުދިނުމަށްޓަކައި ކުއްޖާ ދައްކާވާހަކަ ޝައުގުވެރިކަމާއެކު ތިބާ އަޑުއަހަން އެބަޖެހެ އެވެ. އަދި އެކަން ތިބާގެ ވާހަކައިންނާއި ހަށިގަނޑުގެ ހަރަކާތުން ކުއްޖާއަށް އަންގައިދޭންޖެހެ އެވެ. މިގޮތުން ކުއްޖާ ވާހަކަ ދައްކަމުންދާއިރު ކުއްޖާއާއި ހަތަރުކަޅި ހަމަކުރުމާއި، ކުއްޖާގެ ކައިރީގައި އިށީނދެގެން އިނުމާއި، ކުއްޖާ ދައްކާވާހަކައަށް ދޭންޖެހޭ ސަމާލުކަން ގެއްލޭފަދަ ކަންކަމުން އެއްކިބާ ވެގެންއިނުން ވަރަށް މުހިއްމެވެ. ތިބާގެ ދަރިފުޅު ދައްކާވާހަކަ ޝައުގުވެރިކަމާއެކު އަޑުއަހާލާނެ ވަގުތު ތިބާއަށް ނުދެވޭހާހިނދަކު ތިބާގެ ވާހަކަތައް އެކުދިން ޝައުގުވެރިކަމާއެކު ކަނުލާ އަޑުއަހާނެކަމަށޮ ހީކުރުމަކީ މޮޔަކަމެކެވެ.

ނޯޓް: މިއީ “ތަރުބަވީ އެހީ” ގެ ނަމުގައި މި ނޫހުގައި މީގެ ހަ އަހަރު ކުރިން ޝާއިއުކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ. މި ރޯދަމަހުގެ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ، އަދި ބުރާސްފަތި ދުވަހު މިފަދަ ލިޔުމެއް ބައެއް ބަދަލުތަކާއެކު ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެއެވެ. މިއީ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ޒުވާން މައިންބަފައިންނަށް އަމާޒުކޮށްގެން ގެނެސްދޭ ލިޔުންތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.