ކުދިންކުރާ ބައެއް ކަހަލަ ކަންކަން އަޅާނުލާ ދޫކޮށްލާށެވެ.

ކުދިންގެ ފަރާތުން ކުދިކުދި އެހެނަސް ވަރަށް “ބޮލަށް އުދަގޫވާ” ފަދަ ކަންތައްތަކާއި ބައެއްފަހަރު ކުރިމަތިލާންޖެހޭ ދޮގެއްތޯއެވެ؟ މިފަދަ ހާލަތްތަކުގައި އެންމެ ރަގަޅު ގޮތަކަށް ގިނަފަހަރުވާނީ އެކަމަކާއި މާބޮޑަށް އަޅާނުލައި ދޫކޮށްލުން ކަމުގައި ގިނަ ތަޖުރިބާކާރުން އެއްބަސްވެލައްވައެވެ. ބައެއް ފަހަރު ކުދިން ކުރާ ކަންތައްތަކާއި އަޅާ ނުލުމަކީވެސް ކުދިން ކުރާ ކަންތައްތަކަށް ދެވޭ ރަގަޅު އިޖާބައެއް ކަމުގައި ބެލެވިދާނެއެވެ. އަދި އެއީ ފަހަރެއްގައިވެސް ކުދިން ކުރާ ކަންތައްތަކާއި މެދު ފަރުވާކުޑަކޮށްލައި އެކުދިން އުޅޭނެގޮތަކަށް އުޅެން ދޫކޮށްލުމެއް ނޫނެވެ. އެކަމަކު އެއީ ބައެއް ހާލަތްތަކުގައެވެ.

ކުދިން ކުރާ ބައެއް ކަންތައްތައް އަޅާނުލައި ދޫކޮށްލަނީ ހަޤީގަތުގައިވެސް އެކުދިން އެކުރާ ކަމަކަށް އިޖާބަދިނުމުގެގޮތުން ކަމުގައި ވާންޖެހެއެވެ. އެކަން މިކުރަނީ ކުއްޖާއަށް ރަގަޅަކަށްޓަކައި ކަމަށް ބެލެނިވެރިޔާއަށް ޔަގީންވާން އެބަޖެހެއެވެ. އަދި އެގޮތަށް ކުދިންކުރާ ކަންތައްތަކާމެދު އެއްވެސް އެއްޗެއް ނުބުނެ އަޅާނުލައި ހުއްޓަސް ބެލެނިވެރިޔާގެ ސަމާލުކަން ކުދިން އެކުރާ ކަމަކަށް ފުރިހަމައަށް ދޭންޖެހޭނެއެވެ. އެކަމަކު އެއީ ކުއްޖާއަށް އެކަން މާބޮޑަށް އިހްސާސްނުވާ ފަދަ ގޮތަކަށެވެ. ކުރިން ދެންނެވުނު ފަދައިން “ބޮލަށް އުދަގޫވާ” ކަހަލަ ކުދިކުދި ކަންތައްތައް ކުދިން ކުރަނީ ހަމައެކަނި އެކުދިންގެ ބެލެނިވެރިންގެ ސަމާލުކަން ހޯދުމަށް ކަމުގައިވެދާނެއެވެ. އެހެންކަމުން އެފަދަ ދަނޑިވަޅުތަކުގައި ކެތްތެރިކަން އިސްކޮށް އެކުދިން އެކުރާކަމަކުން ތިމާއަށް މާބޮޑު އުދަގޫތަކެއްނުވާކަން ތިމާގެ ހަނުހުރުމުން އެކުދިންނަށް އަންގައިދޭން ޖެހެއެވެ

މިހާހިސާބަށް އައިއިރުވެސް އަޅާނުލައި ދޫކޮށްލެވޭނީ ކުދިން ކުރާ ކޮންބާވަތެއްގެ ކަންތައްތަކެއް ކަމެއް ނުދެންނެވޭ ދެއްތޯއެވެ. ހަމަ ޔަގީނުންވެސް އެކަމެއްގެ ސަބަބުން ކުއްޖާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ އެއްވެސް އެއްޗަކަށް ގެއްލުމެއް ވާފަދަ ކަމެއް ކުއްޖަކު ކުރާއިރު އަޅާނުލައި ހުރެގެން ނުވާނެކަން ތިޔަބޭފުޅުންނަށް އެގިވަޑައި ގަންނަވާނެއެވެ. އެހެނަސް ނޭފަތް ކޮށްޓުން، ދަތުން ނިޔަފަތި ނެއްޓުން، އެއްވެސް ރާގަކަށް ނުވާ ގޮތަށް އަޑުލެއްވުން ، ލާނެތް ފާޑަކަށް ހުނުން އަދި ކުޑަކުޑަކޮށް ދުވެ ފުންމުން ފަދަ ކަންތައްތަކަކީ އެކަމާ ކުއްޖާއާއި ދިމާލަށް އެއްޗެތި ގޮވައި ހެދުމަށްވުރެ އަޅާނުލައި ދޫކޮށްލުން ރަގަޅު ކަންތައްތަކެކެވެ.

ބެލެނިވެރިން އަބަދުވެސް ހަނދާން ބަހައްޓަންވީ އެއްކަމަކީ ކުދިން ބައެއް ކަހަލަ ކަންތައްތައް ކުރަނީ މީހުންގެ ސަމާލުކަން ހޯދުމަށް ކަމެވެ. އެފަދަ ކަންތައްތަކަށް އަޅާލައި ބެލެނިވެރިޔާގެ ސަމާލުކަން ލިބޭކަން ކުދިންނަށް އެނގޭނަމަ އެކަންކަން އެކުދިން ތަކުރާރު ކުރުމުގެ ފުރުސަތު ބޮޑެވެ. އަދި އެކުދިން ކުރާ އެބާވަތުގެ ކަންތައްތަކާ ބެލެނިވެރިން މާބޮޑަށް އަޅާލުމުން ބައެއްފަހަރު ކުދިންނަށް އެކަން މާމަޖާކަމަކަށްވެސް ވެއެވެ. އަދި އެކުދިންގެ ” މިޝަން ” ކާމިޔާބުވަމުން ދާކަމުގެ ހިތްހަމަޖެހުން އެކުދިންނަށް ލިބެއެވެ.

މިދެންނެވުނު ވާހަކަތައް ގަބޫލުކުރެވޭފަދަ ހާދިސާތައް ތިޔަބޭފުޅުންގެ އަމިއްލަ ހަޔާތުގައި ވެސް ކުރިމަތިވެފައި އޮތުން ވަރަށް ގާތް ކަމުގައި ގަބޫލުކުރެވެއެވެ. ތިމާދެކެ ލޯބިވާ މީހަކު ތިމާއާއި ސަމާސާކޮށްލުމުގެ ގޮތުން ކަމެއް ކޮށްލަފާނެ ކަމަށް ގަބޫލުކުރެވޭ ދެއްތޯއެވެ. އެގޮތަށް ކޮށްލާ ސަމާސާއަށް އަޅާލާނަމަ ދެންވަނީ ކިހިނެއްތޯއެވެ. އެކަން ތަކުރާރުވޭ ދޮގެއްތޯއެވެ. މާބޮޑަށް އަޅާލައި އެކަމާއި ރުޅިގަދަވެ އެއްޗެހި ކިޔުމުން ދެންވަނީ ކިހިނެއްތޯއެވެ. ސަމާސާ ވިހަވަނީއެވެ. މިދެންނެވި މިސާލާއި ކުރިން މިދެންނެވި ވާހަކަތަކާއި ވަރަށްބޮޑު ގުޅުމެއް އެބައޮތެވެ. ތިމާދެކެ ތިމާގެ ދަރިފުޅު ވަރަށް ލޯބިވާނެ ކަމަށް ގަބޫލުކުރާއިރު ތިމާއާއި ސަމާސާކޮށްލަން ބޭނުންވާނެ ކަންވެސް ގަބޫލުކުރާށެވެ.

ކުދިންކުރާ ބައެއް ކަންތައްތަކާ އަޅާނުލާ ހުންނަ ހުރުމުގައި އެކުއްޖަކު އެވަގުތަކު އެކުރަމުންދާ ކަމެއްގެ ބަދަލުގައި ރަގަޅު އެހެންކަމެއް ކުރުމަށް ހިތްވަރުލިބޭކަހަލަ ވާހަކައެއް ކުއްޖާގާތު ބުނެވިދާނެއެވެ. އެކަމަކު އެކަން އެގޮތަށް ކުރާއިރު ކުއްޖާކުރި ކަންތައްތަކާއި ހެދި ބެލެނިވެރިޔާ އުދަގޫވެގެން އުޅޭކަން ވީހާވެސް ބޮޑަކަށް ނުދައްކައިވޭތޯ ބަލަންވާނެއެވެ.

ކުއްޖަކު ކުރާކަމަކާ އަޅާނުލަން ނިންމި ކަމުގައިވިޔަސް އެކުއްޖާ އެކުރާކަމެއް މާމައްޗަށް ގޮސް ގޯހުން ގޯހަށް ހިގައިދާނެ ފަދަ ކަމެއް މެދުވެރިވެދާނެ ކަމަށްވެސް ސަމާލުވެގެން ހުންނާށެވެ. ކުއްޖާ އެކުރާ ކަމަކީ ބެލެނިވެރިޔާގެ ސަމާލުކަން ހޯދަންކުރާ ކަމަކަށްވެފައި އެސަމާލުކަން ކުއްޖާއަށް ބެލެނިވެރިޔާގެ ފަރާތުން ނުލިބެއްޖެނަމަ އެކަމެއްކުރުން އޭނާ ހުއްޓާލުން ވަރަށްގާތެވެ. އޭގެ ބަދަލުގައި މާބޮޑަށް އެކަމާ އަޅާލާނަމަ އަބަދުވެސް ޖެހޭނީ އެމަސައްކަތުގައި އުޅޭށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.