ތަރުބަވީ އެހީ: ކުދިން ބަސްނާހާނަމަ ހަދާނީ ކިހިނެއް؟

ކުދިން ބަސްނާހާ އުޅުނު ނަމަވެސް އެއްވެސް އަދަބެއްދެވޭ ކަށް މިހާރު ނޯވެޔޭ ބުނާ މީހުން މިފަހަކަށް އައިސް ވަރަށް ގިނައެވެ. އަދަބު ދިނުމަކީ ހަމަ އެކަނި ކުއްޖާ ގައިގައި ޖެހުން ނުވަތަ ތެޅުން ކަމުގައި ދެކޭނަމަ އެއީ މުޅިން ރަގަޅު ވިސްނުމެއް ކަމުގައި ނުބެލެވޭނެއެވެ. އަދި އެއީ ކުއްޖާ އަދަބުވެރި ކުރުމަށް އޮތް އެންމެ ރަގަޅު ހައްލެއްވެސް ނޫނެވެ. އޭގެ ސަބަބުތައް މިސިލްސިލާގެ ދަށުން ދެން ގެނެސްދެވޭ އާރޓިކަލް ގައި ބަޔާންކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ.

ކުޑަކުދިން ކަމުގައި ވީނަމަވެސް ކުދިން ބަސްނާހާ އުޅޭ ކަމަށް ވާނަމަ އެކުދިންނަށް އަދަބު ދޭންޖެހެއެވެ. އެކަމަކު އެއީ އެކުދިންގެ އުމުރާއި ގުޅޭ އަދި އެކުދިން އެކުރި ގޯސް ކަމަކާއި ގުޅުން ހުރި އަދަބަކަށް ވާންޖެހެއެވެ. މިގޮތުން ކުދިންނަށް ބިރު ނުދައްކައި އަދި އެކުދިންގެ ގައިގައި ނުތަޅައި ކުދިން އަދަބުވެރި ކުރުމަށްޓަކައި އެޅިދާނެ މައިގަނޑު 2 ފިޔަވަޅެއް ދަންނަވާލެވޭތޯ ބަލާނަމެވެ.

ކުދިން ގަޔާވާ ބައެއް ކަހަލަ ކަންތައްތަކުން އެކުދިން މަހްރޫމް ކުރުން.

ކުދިން އެންމެ ބޮޑަށް ގަޔާވަނީ ކޮންކަންތައްތަކަކަށް ކަމާއި ކޮން އެއްޗިއްސަކަށްކަން އެންމެ ރަގަޅަށް އެގޭނި އެކުދިންގެ މައިންބަފައިންނަށެވެ. މިގޮތުން ކުއްޖާ ބައެއް ފަހަރު ބަސްނާހާ އުޅޭކަމަށް ވާނަމަ އޭގެ ތެރެއިން ކޮންމެވެސް އެއްކަމަކުން އެކުއްޖާ އެއްކިބާ ކުރެވޭނެ ވާހަކަ ކުއްޖާ ގާތު ބުނާށެވެ. މިސާލަކަށް ކުއްޖާ ފިލާވަޅުތައް ހަދަން ހަމަޖެހިފައިވާ ގަޑީގައި އެކަން ނުކުރަން އުޅެފިނަމަ އެދުވަހު ކުޅެން ނުދެވޭނެ ކަމަށް ކުއްޖާ ގާތު ބުނެވިދާނެއެވެ. ކުޅުމަކީ އެކުއްޖާ ހަގީގަތުގައި ވެސް ކުރާހިތްވާ ކަމަކަށް ވާނަމަ އެކަމުން މަހްރޫމްވާނެ އެއްވެސް ކަމެއް އެކުއްޖާގެ ފަރާތުން މެދުވެރިވިޔަކަ ނުދޭނެއެވެ. މިގޮތުން ކުދިން ގަޔާވާ ކަންތައްތަކުން އެކުދިން އެއްކިބާ ކުރާއިރު ސަމާލުކަން ދޭންޖެހޭ ދެތިން ކަމެއް މިތާނގައި ފާހަގަ ކޮށްލާނަމެވެ.

1. ކުއްޖާއަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކުން އެކުއްޖާ މަހުރޫމް ނުކުރުން. (މިސާލު: ކެއުން)
2. ކުއްޖާކުރި ގޯސްކަމަކާއި ގުޅުން ހުރި އަދި އެކުއްޖާވެސް ގަޔާވާ އެއްޗެއް އަތުލުން (މިސާލަކަށް: ދެކުއްޖަކު އެއްކޮށް ބޯޅައެއް ހިފައިގެން ކުޅެން ތިއްބާ އެއްކުއްޖަކު ބޯޅަ އަނެއް ކުއްޖާއަށް ނުދޭންވެގެން ދެކުދިން ތޮޅޭނަމަ ބޯޅަ އެކުދިން އަތުން އަތުލުން)
3. ބަސްނޭހުމުގެ ސަބަބުން ކުއްޖަކު ގަޔާވާކަމަކުން މަހްރޫމް ކުރާނަމަ ލަސްނުކޮށް އެކަމެއް ތަންފީޒްކުރުން. އެގޮތަށް އެކަން ތަންފީޒް ނުވާނަމަ ކުއްޖާއަށް ވިސްނޭނީ އެއީ ހަމަދައްކާ ހުސްވާހަކަ އެއް ކަމުގައެވެ.

– އެކަހެރި ކޮށްފައި ބެހެއްޓުން.
މިތާނގައި އެކަހެރިކޮށްފައި ބެހެއްޓުމޭ ބުނާ ބަހުގެ މާނައަކީ ކުއްޖާ އެވަގުތަކު ކުރި ގޯސްކަމެއް ހިނގި ތަނަކުން ކުއްޖާ ހިނދުކޮޅަކަށް ވަކި ކުރުމެވެ. ނުވަތަ އެކުއްޖާ ކުރާ ކަމެއްގެ ސަބަބުން އެހެން ކުދިން ތަކަކަށް ގެއްލުމެއް ވެދާނެ ކަމަށް ފެންނަނަމަ އެކުދިންނާއި އެކުއްޖާ ވަކިކޮށް އެކަހެރިތަނަކަށް ވަގުތު ކޮޅަކަށް ބަދަލުކުރުމެވެ.

ކުއްޖާ އެކަހެރިކޮށް ބަހައްޓަން ބޭނުން ވެއްޖެ ހިނދެއްގައި ކުއްޖާ ބަހައްޓާނެ ވަކި ހާއްސަތަނެއް ކުރިން ކަނޑައެޅިފައި އޮތުން އެއީ ވަރަށް މުހިއްމުކަމެކެވެ. އަދި އެތަނަކީ ކުއްޖާ ގަޔާވާ އެއްވެސް ކަހަލަކަމެއް ނުވަތަ އެއްޗެއް ފެންނަން ނެތް ފޫހިތަނަކަށް ވުން ވެސް މުހިންމެވެ. މިސާލަކަށް ކުއްޖާ އެކަހެރި ކޮށްފައި ބަހައްޓާތަނަކީ ކުޅޭނެ ބޯޅައެއް ނަމަވެސް އޮތް ތަނެއްނަމަ އެކަހެރިކޮށްފައި ބެހެއްޓުމުގެ ސަބަބުން ކުއްޖާއަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ގަޔާވާ އެއްވެސް ކަމެއް ނެތް ފޫހިތަނަކަށް ކުއްޖާލުމުގެ އެންމެ ބޮޑު ބޭނުމަކީ ކުއްޖާ ވަގުތުކޮޅަކަށް ނަމަވެސް ހިމޭނުން ބެހެއްޓުމެވެ. އަދި އެވަގުތު ކޮޅު ތެރޭގައި ކުއްޖާ ހަމައަކަށް އެޅުވުމެވެ. އަދި ހަމައެހެންމެ ކުއްޖާ ކުރި ގޯސް ކަންތަކާއި މެދު ވިސްނުމަށް ފުރުސަތު ދިނުންވެސް މެއެވެ.

ކުއްޖާ އެކަހެރި ކޮށްފައި ބަހައްޓަން ޖެހިދާނެ ކަންކަމަކީ ކޮބައިކަން ކުއްޖާއަށް ކުރިން އަންގައި ދީފައި އޮތުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އަދި އެގޮތަށް އަމަލުކުރަން ޖެހޭ ފަދަ ހާދިސާ އެއް ކުއްޖާގެ ފަރާތުން ފެންނަން އުޅޭނަމަ ކުއްޖާއަށް ފުރަތަމަ އެކަން ހަދާން ކޮށްދޭން ވާނެއެވެ. އެގޮތަށް ހަނދާން ކޮށްދިނުމުންވެސް ބެލެނިވެރިޔާ ބޭނުންވާ ގޮތަށް ކުއްޖާ އަމަލުނުކޮށްފިނަމަ ކުއްޖާ އެކަހެރި ކޮށްފައި ބަހައްޓަން ހަމަޖެހިފައިވާ ތަނަށް ވަގުތުން ކުއްޖާ ފޮނުވަން ވާނެއެވެ. އެގޮތަށް އެތަނަކަށް ކުއްޖާފޮނުވަންވާނީ ވީ އެންމެ ކުރު އިބާރާތަކުން ކުއްޖާ އެކުރި ގޯސްކަމަކީ ކޮބައިކަން އަންގައިދިނުމަށް ފަހުއެވެ. މިގޮތަށް އެކަހެރި ކޮށްފައި ބަހައްޓާ ވަގުތުކޮޅުގެ ދިގުމިނެއްކަމުގައި އާންމު އުސޫލެއްގެގޮތުން ބެލެވިފައިވަނީ ކުއްޖާއަށް ވީ ކޮންމެ އަހަރަކަށް 1 މިނިޓް އިރެވެ. 3 އަހަރުގެ ކުއްޖެއްނަމަ ތިން މިނިޓްގެ ވަގުތު ކޮޅެކެވެ. ކުއްޖާ އެކަހެރިކޮށްފައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ކުއްޖާގާތު ދާން ބުނުމުން އަމިއްލައަށް ނުގޮސްފިނަމަ ކުއްޖާގެ އަތުގައި ހިފައިގެން އެތަނަކަށް ގެންދާށެވެ. އަދި އެތަނުގައި ނުހުންނަން އުޅެފިނަމަ ކުއްޖާގެ ފުރަގަހުގައި ކުއްޖާގެ ކޮނޑުގައި މަޑުމަޑުން ހިފަހައްޓާލައިގެން ހުންނާށެވެ. އަދި އެގޮތަށް ބެލެނިވެރިޔާއަށް ކުއްޖާގައިގައި ހިފަހައްޓައިގެން ހުންނަން ޖެހުނީ އެއީ ކުއްޖާ އެކަހެރިކޮށްފައި ބަހައްޓަން ޖެހޭ ވަގުތެއް ކަމަށްވާތީ ކަމުގައި ކުއްޖާ ގާތު ބުނާށެވެ.

ކުއްޖާ އެކަހެރިކޮށްފައި ބަހައްޓާއިރު އެތަނުގައި ކުއްޖާއަށް ހޭދަކުރަންޖެހެނީ ކިހާއިރެއް ކަން ބުނެދޭންވާނެއެވެ. އެކަހެރި ކޮށްފައި ބެހެއްޓޭ ވަގުތު ހަމަވުމުން ފައިދާ ކުރަނިވި ކޮންމެވެސް އެހެން ކަމަކަށް ކުއްޖާ ދިޔުމަށް އެހީތެރިވެދޭށެވެ.

މަތީގައި ބަޔާން މިކޮށްދެވުނު ކަންތައްތަކަކީ ކޮންމެ ފަހަރަކު އޭގެ ނަތީޖާ ނުފެނިދާނެ ކަންތައް ތަކެއް ކަމުގައި ވުން އެކަށީގެން ވެއެވެ. އެހެންނަމަވެސް މިއީ ތިޔަ ބޭފުޅުން ތަޖުރިބާ ކޮށްލެއްވުން ހަމަ ރަގަޅު ކަންތައް ތަކެއް ކަމުގައި ދެކެމެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.