ތަރުބަވީ އެހީ: ތުއްތުކުދިންނާ ވާހަކަދައްކާއިރު މިކަމަށް ސަމާލުވޭ!

މިއީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެ އެއްގެ ހުރި 2 އަހަރުގެ އަންހެން ދަރިފުޅު ގާތު އަހަރެން އަހާލީމެވެ. “ކޮއްކޮ އަށް އެންމެ މީރީ އެޕަލްތަ އޮރެންޖްތަ ބަނާނާތަ؟” ޖަވާބުގައި އޭނާ އިރުކޮޅަކު ވިސްނާލުމަށް ފަހު ބުނީ “ބަނާނާ’ ކަމަށެވެ. އަނެއްކާވެސް އެހެން ސުވާލެއް އަޅުގަނޑު ކޮއްލީމެވެ. “ކޮއްކޮ އަށް އެންމެ ރީތީ ރެޑްތަ ޔެލޯތަ ނޫނީ ޕިންކުތަ ؟” އޭނާގެ ޖަވާބަކީ ޕިންކް އެވެ.

އަޅުގަނޑުގެ ބޭބެގެ ދަރިފުޅާއި ކުރެވުނު ދެ ސުވާލާއި އެއަށް އޭނާ ދިން ޖަވާބަށް ވިސްނާލުމުން ވަރަށް ޝައުޤުވެރިކުރުވި ކަމެއް އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. ކޮންމެ ސުވާލެއްގެ ވެސް ޖަވާބަކަށް ވެގެންދިޔައީ އެސުވާލުގައި އެންމެ ފަހުން ބުނެވުނު ނަމެވެ.އެއީ އިއްތިފާގެއް ނޫނެވެ. އެއީ ނަފްސާނީ އިލްމުގެ މާހިރަކު ވިދާޅުވެފައި އޮތް އެއްޗެއްގެ އަޖުމަ ބަލާލުމުގެ ގޮތުން އަޅުގަނޑު ކޮއްލި ތަޖުރިބާއެކެވެ.

ކުޑަކުދިންނަށް، ހާއްސަކޮށް ތަންކޮޅެއް ތުއްތު ކުދިންނަށް ބޮޑުމީހަކު ދައްކާވާހަކައިން ގިނަފަހަރަށް ނަގައިގަނެވެނީ އެންމެ ފަހުން ބުނާ ލަފްޒެވެ. ނުވަތަ ލަފްޒުތަކެވެ. އެހެން ކަމުން ތުއްތު ކުއްޖެއްގެ ގާތު ކަމެއް ކުރަން ބުނާއިރު ވީހާވެސް ކުރު އިބާރާތްތަކެއް ބޭނުން ކުރެވޭތޯ ބެލުން ވަރަށް މުހިއްމެވެ. އަދި ނުކުރަންވީ ކޮންކަމެއް ކަން ބުނެދިނުމުގެ ބަދަލުގައި ތިމާ އޭނާގެ ފަރާތުން ފެންނަށް ބޭނުންވާ ކަމެއްގެ ވާހަކަ ބުނާށެވެ. ބައެއް މިސާލުތައް ތިރީގައި މިވަނީ އެވެ.

” ހަޅޭއްނުލަވާ! ” މިހެންބުނުމުގެ ބަދަލުގައި “މަޑުމަޑުން ވާހަކަ ދައްކާ: މިހެން ބުނެވިދާނެ.
” ކޮއްކޮ ގައިގާ ނުތަޅާ! ” މިހެންބުނުމުގެ ބަދަލުގައި “ކޮއްކޮއާވެސް އެއްކޮށް ކުޅޭ” މިހެންބުނެވިދާނެ.
” ދަރިފުޅާ ނުދުވެބަލަ ” މިހެން ބުނުމުގެ ބަދަލުގައި “ދަރިފުޅާ މަޑުމަޑުން ހިނގާފަ ދޭބަލަ”.
” އެގޮތަށް ނުހަދަބަލަ” މިހެން ބުނުމުގެ ބަދަލުގައި “މިހެންހަދާބަލަ”.
” އެނދުމަތީގައި ނުފުންމަބަލަ ދަރިފުޅާ ” މިހެންބުނުމުގެ ބަދަލުގައި ” ރީތިކޮށް އެނދުމަތީގައި އިށީއިދެގެން އިދެބަލަ ދަރިފުޅާ “.

ކުދިންގެފަރާތުން ފެންނަން ބޭނުންނުވާ އަމަލެއް ނުކުރުމަށް ކުއްޖާގާތު ބުނެވޭ ހިނދު ގިނަފަހަރަށް ކުދިންގެ ސިކުނޑިއަށް ފުރަތަމަވެސް ސިފަވެގެން ދަނީ ބެލެނިވެރިޔާ އެކުއްޖާގާތު ނުކުރުމަށް އެބުނާ އަމަލެވެ. ނަތީޖާއަކަށްވަނީ އެކުއްޖާއަށް އެއަމަލު ތަކުރާރުކުރެވުމެވެ. މަންމަ އޭނާގެ ދަރިފުޅު ގާތު ނުދުވާށޭ ބުނެބުނެ އޮއްވާވެސް އެކުއްޖާ ދުވުން ހުއްޓާ ނުލަނީ އެހެންވެގެންނެވެ.

ކުއްޖާގެ ހިތައް ގިނަފަހަރަށް ނަގައި ގަނެވޭނީ ހަމައެކަނި ‘ދުވުން’ ނުވަތަ “ދުވާށެވެ” މިލަފްޒެވެ. އެ ޖުމްލައިގެ އެންމެ ކުރިއަށް އެއިންނަ “ނު” އެ ލަފްޒު ކުއްޖާއަށް ގިނަފަހަރަށް އޮންނަނީ ނަގައި ނުގަނެވިފައެވެ.

އެހެންކަމުން ކުއްޖާ ދުވެފަ ދިޔުމުގެ ބަދަލުގައި ބެލެނިވެރިޔާ ބޭނުންވަނީ ކުއްޖާ ހިނގާފަދިޔުން ކަމަށް ވާނަމަ ނުދުވާން ބުނުމުގެ ބަދަލުގައި މަޑުމަޑުން ހިގާފަދާށޭ ބުނުމުން ކުއްޖާގެ ކިބައިން ބެލެނިވެރިޔާ ދެކެން ބޭނުންވާ މަންޒަރު ފެނިގެން ދިޔުން ވަރަށް ގާތް ކަމުގައި ކަމުގެ މާހިރުން ލަފާދެއްވާފައި ވެއެވެ. އަޖުމަ ބަލާލުމުގެ ގޮތުން އެއްފަހަރު ނަމަވެސް އެކަން ތަޖުރިބާ ކޮށްލެއްވުން ރަނގަޅުކަމުގައި ދެކެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.