ހާފިޒް މުސްޠަފާގެ ޝައުގުވެރި އެހެން ވާހަކައެއް

މުސްތޮފާ މީގެ 4 އަހަރު ކުރިން ޔަހްޔާއާއެކު: ފޮޓޯ/ޑރ. އަބްދުއްސައްތާރު ޔޫސުފް

މި ރޯދަމަަހު މިރަށުގައި އިމާމްވެ ތަރާވީހް ނަމާދުކުރަމުން އަންނަ އެގާރަ އަހަރުގެ މުސްތަފާ މުޙައްމަދުގެ ވާހަކައަކީ މިހާރު ގިނަ ބަޔަކު ދަންނަ ވާހަކައެކެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ މީޑިޔާތަކުން އޭނާގެ ވާހަކަ ގެނެސްދިނެވެ. ބައެއް މަޝްހޫރު މީޑިޔާތަކުން އޭނާ އިމާމްވެ ތަރާވީހް ނަމާދުކުރާ މަންޒަރު ލައިވްވެސް ކުރިއެވެ. ގިނަ ބަޔަކު މިހާރު އޭނާ ސިފަކުރަނީ ގުރުއާނަށް ފަރިތަ ހިތްވަރުގަދަ ކުއްޖެއްގެ ގޮތުގައެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ މުސްތަފާއާގުޅޭ މުޅިން އެހެން ވާހަކައެކެވެ.

ގުރުއާން ކިޔެވުމުގެ އިތުރުން މުސްތަފާގެ އެއް ޝައުގަކަށް ވަރަށް ތުއްތު އިރުއްސުރެވެސްވެފައި އޮތީ އުމުރުން ދުވަސްވީމީހުންނަށް އެހީތެރިވެދިނުމެވެ. ގުރުއާން ހިތުދަސްކުރުމަށް އިންޑިޔާއަށް ބަދަލުވުމުގެ ކުރިން އެކަން ހާމަވާފަދަ ނަމޫނާ މަސައްކަތެއް އޭނާ ވަނީ ކޮށްފައެވެ. މިކަން ރަށުގެ މަދު ބަޔަކަށް ނޫނީ ފާހަގަ ނުވެ އޮވެދާނެއެވެ.

މުސްތަފާގެ އެ އަގުހުރި މަސައްކަތް މީގެ ގާތްގަނޑަކަށް ހަތަރު އަހަރުކުރިން ފާހަގަކުރެއްވީ އެއް ބޭފުޅަކީ އޭދަފުށްޓަށް އުފަން ޑރ. ޢަބްދުއްސައްތާރު ޔޫސުފެވެ. އދ. ގެ ގިނަ މަގާމްތަކެއް ފުރުއްވާފައިވާ ޑރ. ޢަބްދުއްސައްތާެރު އޭނާގެ އަމިއްލަ ފުޅު ބްލޮގް “ރުއްކުރީ” ގައި ލިޔުއްވާފައިވާ ގޮތުގައި މިރަށު ރޯޝަނީގޭގައި ދިރިއުޅެމުންގެންދިޔަ އަލްމަރްހޫމް ޔަހްޔާ މުހައްމަދު ލޯފަން ހާލުގައި ބަލި އެނދުގައި އޮތް ދުވަސްތަކުގައި މުސްތަފާ އޭނާ އަށް ބެހެއްޓި ސަމާލުކަމަކީ ވަރަށް ޝައުގުވެރިކުރުވި ކަމެކެވެ. އޭރު އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖެއްގެ ފަރާތުން ފެނުނު އާދަޔާ ޚިލާފް އޯގާތެރިކަމާއި، އެހީތެރިކަމަކީ ވަރަށް ބޮޑަށް ބަދަލުވެފައިވާ މިފަދަ މުޖުތަމައަކުން ފެންނާނެކަމަށް އުއްމީދުވެސް ކުރެއްވިކަމެއް ނޫން ކަމަށް ބްލޮގްގައި ޑރ. ޢަބްދުއްސައްތާރު ވިދާޅުވެފައިވެއެވެ. އެވާހަކަ ތަފްސީލްކޮށްދެއްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވެފައިވަނީ މުސްތަފާ ވަރަށް ގިނައިން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ޔަހުޔާގެ ހާލު ބަލަން ޒިޔާރަތްކުރެއެވެ. އަދި، އޭނާގެ ޅަދެއަތުން ޔަހުޔާގެ ފައިމޮޑެދީ ބުރަކަށި މަސާޖްކޮށްދެއެވެ. އެންމެ ހިތްގައިމުކަމަކީ އޭނާ ވިދާޅުވެފައިވާގޮތުގައި އެކަން މުސްތަފާ ކުރާލެއް ފުރިހަމަކަމެވެ. އެކަމަށް އޭނާ ބަހައްޓާ ޝައުގުވެރިކަމާއި ފަރުވާތެރިކަމެވެ.

މުސަޠަފާ މަންމަ އަދި ބައްޕައާއެކު: އީޓީފޮޓޯ: ރާއިފް ޔޫސުފް

މަރްހޫމް ޔަހްޔާ މިރަށުގައި ހޭދަކުރި އެންމަ ފަހުދުވަސްތަކުގައި އޭނާގެ ގިނަކަންކަން ބެލެހެއްޓި މީހަކީ މުސްތަފާގެ މަންމަ މާޖިދާއެވެ. އެކަމުގައި މާޖިދާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީވެސް މުސްތަފާގެ ފަރާތުންނެވެ.

“އޭނަ (މުސްތަފާ) ކޮންމެ ފަހަރަކުވެސްދާނެ އަޅުގަނޑާއެކު ޔަހްޔާ ކައިރިއަށް. ސާފުކުރާއިރުވެސް އެހީތެރިވާނެ. ކޮންމެ ފަހަރަކު ވުޟޫވެސްކޮށްދޭނެ. ގުރުއާނުގެ ސޫރަތްތައްވެސް ކިޔުއްވާނެ.” މާޖިދާ ބުންޏެވެ.

އެއީ ހަގީގަތުގައިވެސް އެއުމުރުގެ ކުއްޖެއްގެ ފަރާތުން މިހާރު ފެނުން ދުރު ކަމެކެވެ. މުސްތަފާއަށް ތައުރީފް ހައްގީ އެ ސަބަބަށްޓަކައެވެ.

ޔަހްޔާގެ އިތުރުން މުސްތަފާގެ އަވަށްޓެރިންގެ ތެރޭގައި ހިމެނޭ އުމުރުންދުވަސްވީ ގިނަ ބަޔަކާއި ގާތްގުޅުމެއް އޭނާ ބޭއްވިއެވެ. މިހާރު ވަރަށް މަޑުމައިތިރި ބަސްމަދު ކުއްޖެއްގެ ގޮތުގައި ފެންނަ މުސްތަފާ އޭރު އެމީހުންނާ ސަމާސާކޮށް ހެދިއެވެ. އެ އުމުރުގެ ބައެއް މީހުންގެ ގާތުވެސް އިންޑިޔާއަށްގޮސް ގުރުއާން ހިތުދަސްކޮށްގެން ތަރާވީހްނަމާދު ކުރަން ރަށަށް އަންނާނެ ވާހަކަ ބުނެފައިވެއެވެ.

އެންމެ އެގާރަ އަހަރުގައި ހިފްޒްކޮށް އިމާމްވެ ތަރާވީހް ނަމާދުކުރަންފެށުމާއެކު އެތައް ހާސްބައެއްގެ މަގްބޫލްކަން ހޯދި މުސްތަފާ މިހާރު ވަނީ އޭދަފުށީގައި ހުންނަ މައިކޮލެޖްގެ ކެމްޕަހުގައި ކިޔަވާ އުމުރުން ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިންނަށް ގުރުއާން ކްލާސްތަކެއް ނަގައިދޭންވެސް ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.