ސޮނޭވާފުށި ބަލިކޮށް ރޯޔަލް ޗެމްޕިއަންކަން ހޯދައިފި

royal

 

ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 5ގެ ފައިނަލްގައި އިއްޔެ ސޮނޭވާފުށި އަތުން 3- 2 ސެޓުން މޮޅުވެ، މުބާރާތުގެ އެންމެ މެޗަކުން ވެސް ބަލިނުވެ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ މި މުބާރާތުގެ ފައިނަލްގައި ސޮނޭވާފުށި ޖެހިޖެހިގެން ބަލިވި ހަތަރު ވަނަ ފަހަރެވެ.

ޔޯޔަލު ގައި އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލްގެ ފުރަތަމަ ސެޓު 25- 16 އިން ކާމިޔާބުކޮށް، ރޯޔަލްގެ ފެށުން ރަނގަޅުކުރި އެވެ. އެކަމަކު ރޯޔަލް ސިއްސުވާލުމަށް ފަހު، ސޮނޭވާފުށިން ވަނީ ދެން ކުޅުނު ދެ ސެޓު ކާމިޔާބުކޮށް ލީޑު ނަގައިފަ އެވެ. ސޮނޭވާ އިން މެޗުގެ ދެވަނަ ސެޓު ކާމިޔާބުކުރީ 13-25 އިންނެވެ. އަދި ތިން ވަނަ ސެޓު ގެންދިޔައީ 20-25 އިންނެވެ. އެކަމަކު ވާދަވެރި ކުޅުމަކަށް ފަހު،  ރޯޔަލް އިން ވަނީ ހަތަރު ވަނަ ސެޓު 25-20 އިން ކާމިޔާބުކޮށް، ފަސް ވަނަ ސެޓަކަށް މެޗު ދިގުދަންމާލައިފަ އެވެ.

މެޗުގެ ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓުގެ ކުރީކޮޅު، ރޯޔަލް އިން ވަނީ އެ ޓީމު ކޮޅަށް ސެޓު އަނބުރާލައިފަ އެވެ. ސެޓުގެ ފުރަތަމަ ފަސް ޕޮއިންޓް ނަގައި، ރޯޔަލް އިން ހޯދި ބޮޑު ލީޑާއެކު އެ ޓީމުން ސެޓު ކާމިޔާބުކުރީ 15-7 އިންނެވެ. ސެޓުގެ ކުރީކޮޅު ހެދުނު ގޯސްތަކާއެކު ސޮނޭވާ އަށް ޖެހުނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މި މުބާރާތުގައި ފައިނަލުން ބަލިވުމުގެ ހިތި ތަޖުރިބާކުރާށެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާ ރޯޔަލްގެ ހުސެއިން ވިޝާމާއި މުހައްމަދު ނިހާދާއި އެ ޓީމުގެ މުހައްމަދު ޝިހާނާއި ސޮނޭވާގެ މުހައްމަދު އަބްދުލް ރަހީމާއި އެ ޓީމުގެ އަލީ އަކުބަރު އަދި ދުސިތުތާނި މޯލްޑިވްސްގެ އިބްރާހިމް ފަޒީލެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރޯޔަލްގެ އިސްމާއިލް ޝަފީއު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.