ޕީއެސްއެމް ކޭބަލް ޓީވީ ހިދުމަތުގެ ޕާޓްނަރަށް އުރީދޫ

އުރީދޫ މޯލްޑިވްސް އިން، ކޭބަލް ޓީވީ އަދި އޯޓީޓީ ހިދުމަތްތައް ދިނުމުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އާއެކު ސޮއިކޮށްފި އެވެ.

ޕީއެސްއެމްގެ މައި އިދާރާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާން އަދި ޕީއެސްއެމް ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އެވެ.

މި ރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ އެއްބަސްވުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

“އަޅުގަނޑުމެންގެ ކޭބަލް ޓީވީގެ ޚިދުމަތްތައް، އިންޓަނެޓް މެދުވެރިކޮށް، އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް، މިއަދު އުރީދޫ އާއިއެކު ސޮއިކުރި އެއްބަސްވުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މި އެއްބަސްވުމުގެ ދަށުން، އަޅުގަނޑުމެންގެ ކޭބަލް ޓީވީގެ ހިދުމަތުގައި ހިމެނޭ ހުރިހާ ޗެނަލްތަކާއި ކޮންޓެންޓެއް، އުރީދޫގެ ޚިދުމަތް ބޭނުންކޮށްގެން ސްމާޓްފޯން، ޓެބްލެޓް އަދި ސްމާޓް ޓީވީ މެދުވެރިކޮށް އުރީދޫ ނެޓްވޯކް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބޭނެ. ޗެނަލް ތަކުގެ އިތުރުން، މިޒަމާނުގެ ކޭބަލް ޓީވީގައި ހިމެނޭ ޒަމާނީ ވަސީލަތްތައް ވެސް ލިބިވަޑައިގަންނަވާނެ.” ޚަލީލް ވިދާޅުވިއެވެ.

“މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް، ހުރިހާ ސްމާޓް ޑިވައިސްތަކަށް ލިބޭނެހެން ޑިޖިޓަލް ކޮންޓެންޓް ފޯރުކޮށްދެވޭނެ. މި ވަސީލަތްތައް ބޭނުން ކުރައްވައިގެން ކޮންމެތާކު، ކޮންމެވަގުތަކު ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ލޯކަލް ޗެނަލްތައް ބަލާލެވި، ޑޮކިއުމެންޓްރީތަކާއި، ވީޑިއޯ އޮން ޑިމާންޑްފަދަ ތަފާތު މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ބޭނުންކޮށްލެވޭނެ.” ނަޖީބް ވިދާޅުވި އެވެ.

ޕީއެސްއެމްގެ ކޭބަލްޓީވީގެ ހިދުމަތް ދިނުމަށް މިހާރު ވަނީ ބައިނަލްއަގްވާމީ ގިނަ ފަރާތްތަކަކާއެކު ސޮއިކޮށްފަ އެވެ. ޕީއެސްއެމްއިން މައުލޫމާތު ދޭ ގޮތުގައި، ޕީއެސްއެމްގެ ކޭބަލްޓީވީގައި މިހާރު ރާއްޖޭގައި ބަލަމުންދާ ހުރިހާ ޗެނަލްތަކެއް ހިމެނޭނެ އެވެ. ސްޕޯޓްސް، ލައިފްސްޓައިލް، އެންޓަޓައިމެންޓް، ކުޑަކުދިންގެ ހާއްސަ ކޮންޓެންޓްތައް ވެސް ޕީއެސްއެމް ކޭބަލްޓީވީގައި ހިމެނޭނެ ކަމަށެވެ.

ޕީއެސްއެމްގެ ކޭބަލްޓީވީ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސްމާޓް ފޯނުގެ ޑިވައިސްތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.