ތަރުބަވީ އެހީ: ކިޔެވުމަށް ކުދިން ހިތްޖެއްސުމަށް ކުރެވިދާނެ ކަންކަން 1

ރަނގަޅު ތަޢުލީމެއް ލިބުމަކީ ކުއްޖަކު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. މިއީ އެއްވެސް މަންމައަކާއި ބައްޕައަކަށް އޮޅިފަ އޮންނާނެ ކަމެއްނޫނެވެ. ދަރީންނަށް ރަނގަޅު ތައުލީމެއް ހޯދައިދީ މޮޅު ބަޔަކަށް ހެދުމަށްޓަކައި ގިނަ މައިންބަފައިން ބުރަ މަސައްކަތްތަކެއް ކުރެއެވެ. އަދި އެމަސައްކަތުގައި އެތައް ހުރަސްތަކާއި މައިންބަފައިންނަށް ކުރިމަތިލާންޖެހެއެވެ. ކިޔެވުމުގައި ކުދިން ހާސިލްކުރާ މިންވަރު ދަށްވުމާއި، ބައެއް ކުދިން އެކަށީގެންވާ މިންވަރަށް ކިޔެވުމަށް މަސައްކަތް ނުކުރުމާއި ކުދިންނަށް ދަސްކުރަން އުނދަގޫވުން ފަދަ ކަންކަމަކީ ވަރަށްގިނަ މައިންބަފައިންނަށް ހައްލު ހޯދަން އުނދަގޫވެފައިވާ ކަންކަމެވެ.

ކުދިންކިޔެވުމަށް ހިތްޖެއްސުމަށާއި ކިޔެވުމުގައި ކުދިން ހާސިލްކުރާ މިންވަރު އިތުރު ކުރުމަށްޓަކައި މައިންބަފައިންނަށް ކުރެވިދާނެ ވަރަށްގިނަ ކަންކަން އެބަހުއްޓެވެ. މިގޮތުން އެންމެ މުހިއްމު އެއްކަމަކީ ކިޔެވުމަށް ކުއްޖާ ޝައުގުވެރި ކުރުމަށްޓަކައި ކުއްޖާގެ އެންމެ ތުއްތު އިރުއްސުރެ ފަހައިގެން މަސައްކަތްކުރުމެވެ. މިގޮތުން ކުއްޖާއަށް ހޯދައިދެވޭ ކުޅޭތަކެތިން ފެށިގެންގޮސް ކުއްޖާއަށް ޓީވީ ނުވަތަ ކޮންޕިއުޓަރުގެ ޒަރީޔާއިން ދެއްކޭ ތަކެއްޗަކީ ކުއްޖާގެ ހިތުގައި އުގެނުމުގެ ޝައުގުވެރިކަން އިތުރުކޮށްދީ ކުއްޖާގެ ސިކުނޑީގައިވާ ދަސްކުރުމުގެ ބާރު އިތުރުކުރުމަށް މަގުފަހިކޮށްދޭ ތަކެއްޗަށް ހެދުންވަރަށް މުހިއްމެވެ. ކުއްޖާގެ ސިކުނޑި އެންމެ ހަލުވިމިނުގައި ތަރައްޤީވަމުން އަންނަ ދުވަސްވަރަކީ ކުއްޖާގެ އުމުރުގެ އެންމެ ކުރީކޮޅު ކަމަށްވާތީއެވެ. މީގެ އިތުރުން ކުދިންގެ ތުއްތުއިރު އެކުދިން ޝައުގުވެރިވާ ފަދަ ކަންކަމުގެ ތެރެއިން ކުދިންނަށް ކަންކަން ދަސްކޮށްދިނުމަކީވެސް ވަރަށްމުހިއްމު ކަމެކެވެ. އެއުމުރުގައި އަޅުގަނޑުމެން ބޮޑެތި މީހުން ނުވަތަ ފުރާވަރުގެ ކުދިން ތަކެތި ދަސްކުރާ އުސޫލުން އެކަންކުރާކަން އެކުދިން އެހާގަޔާއެއް ނުވާނެއެވެ. ކުދިންނަށް އެއުމުރުގައި އެންމެ ފަސޭހައިން ކަންކަން ދަސްކޮށްދެވޭނީ ކޮންމެވެސް ކުޅިވަރެއްގެ ތެރެއިންނެވެ. ނުވަތަ އެކުދިން ޝައުގުވެރިވާ ފަދަ އެހެން ކޮންމެވެސް ހަރަކާތަކެއްގެ ތެރެއިންނެވެ.

ކުދިން ކިޔެވުމަށް ހިތްޖެއްސުމަށްޓަކައި ކިޔެވުމަށް އެކުދިން ކުރާ މަސައްކަތް މައިންބަފައިންނާއި ބެލެނިވެރިން ދެނެގަނެ އެކަން ފާހަގަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ގިނަ ފަހަރަށް ބެލެނިވެރިންނަށް ސަމާލުކަން ދެވެނީ ކުއްޖާ ކިޔަވަން މަސައްކަތް ނުކުރުމުންނެވެ. އަމިއްލައަށް އިސްނަގައިގެން ކިޔަވަންއިންނަފަހަރުވެސް ތަޢުރީފްގެ ބަހެއް އެކުއްޖަކަށް ނިސްބަތްކޮށް ބުނެލެވުނީ މަދު ބެލެނިވެރިންނަށެވެ. އަދި މައިންބަފައިން ބުނުމުން ކިޔަވަން އިށީންނަ ކުއްޖާއަށް އެމީހުން އެދުނު އެދުމަށް ކިޔަމަންތެރިކަމާއިއެކު އިޖާބަ ދިނީތީ ޝުކުރުއަދާކޮށްލެވެނީ އަދި އެއަށްވުރެވެސް މަދުބެލެނިވެރިންނަށެވެ. އެކަމަކު މިއީ ކިތައްމެ ކުދިކުދި ކަންކަންކަމުގައި ހީވިޔަސް އެކަންކަން އޭގެއެންމެ މުނާސަބު ވަގުތުތަކުގައި ވިސްނުންތެރިކަމާއިއެކު ކުރަމުންދާނަމަ އެކަމުގެ ހެޔޮ އަސަރުކުއްޖާގެ ކިބައިން ފެންނާނެ ކަންތައްތަކެއްކަމުގައި ދަންނަވަންޖެހެއެވެ.

ކިޔެވުމުގައި ކުދިން ޙާޞިލްކުރާ މިންވަރު އިތުރުކުރުމަށްޓަކައި ކިޔެވުމަށް އެކަށޭނެ މާޙައުލެއް ގޭތެރޭގައި އެކުދިންނަށްޓަކައި ޤާއިމުކޮށްދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން ކިޔަވަން އިށީންނަ ތަނަކީ އެކަށީގެންވާ ވަރުގެ އަލިކަމެއްހުރި އަދި ވައިލިބޭ ތަނަކަށްވުން ވަރަށް މުހިންމެވެ. އަދި މީގެ އިތުރުން އިރުއިރުކޮޅުން ކުއްޖާގެ ކިޔެވުމަށްބޭނުންވާ ކޮންމެވެސް އެއްޗެއް ހޯދަން އެހެންތަނަކަށް ދާންނުޖެހޭނެހެން ކުއްޖާކިޔަވާ ތަނެއްގައި އެހުރިހާ ތަކެއްޗެއް ހުންނަންޖެހެއެވެ. އަދި ވަކިން ޚާއްސަގޮތެއްގައި ކުއްޖާ ޝައުޤުވެރިވާފަދަ އެހެން ކަމެއް ފެންނަން ނެއްތަނަކަށްވެސް އެތަން ވާންޖެހެއެވެ. އެކަމަކު މިޙާރުގެ ޙާލަތަށްބަލާއިރު ގޭތެރޭގައި ޖާގަނެތުމުގެ މައްސަލަ ކުރިމަތިވާ ފަރާތްތަކަށް މިއީ އެހާފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ކުއްޖާ ކިޔަވަން އިށީންނަވަގުތަކީ ޓީ.ވީ ގެ އަޑާއި ރޭޑިއޯގެ އަޑުން ކުއްޖާއަށް އުނދަގޫ ނުވާނެ ވަގުތަކަށް ހެދޭތޯ ކޮންމެ ބެލެނިވެރިއަކުވެސް ސަމާލުކަންދޭން ވާނެއެވެ. އެހެންނޫންނަމަ ފިލާވަޅަށް ދޭންވާ ސަމާލުކަން އެކަށީގެންވާ ގޮތެއްގައިދޭން ކުއްޖާއަށް ދަތިވާނެއެވެ.

ބައެއް ބެލެނިވެރިން ދެކޭގޮތުގައި ފިލާވަޅު ދަސްކުރާއިރު ކުދިން އަޑުނީވޭ ވަރަށް ކިޔާނަމަ އެއީ ބޮޑުމައްސަލައެކެވެ. އަދި އެއީ އެކުދިން މަކަރު ހެދުމުގެގޮތުން ކުރާކަމެއް ކަމަށް ބައެއްބެލެނިވެރިންނަށް ހީވެފައި އޮވެއެވެ. އެކަމަކު އެއީ މުޅިން ރަނގަޅު ހީއެއްނޫނެވެ. އެކިކުދިން ފިލާވަޅުދަސްކުރުމުގައި ބޭނުންކުރާނީ އެކި އުސޫލެވެ. ބައެއްކުދިންނަށް ބާރަށްކިޔައިގެން ފިލާވަޅުދަސްކުރުން ފަސޭހަވާއިރު އަނެއްބަޔަކަށް ފަސޭހަވަނީ މަޑުން ނުވަތަ ހިތުން ކިޔައިގެންނެވެ. ދެގޮތުންކުރެ ކޮންމެ ގޮތަކަށް އެކަންކުރި ކަމުގައިވިޔަސް ކަމުގެ މަޤުޞަދު ޙާޞިލްވާނަމަ އެއްވެސް މައްސަލައެއްނެތެއް ނޫންތޯއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.