ރޯދަމަސް ދެބައިވިއިރު، ގިނަ ބަޔަކު ފިތުރު ޒަކާތް ދައްކައިފި

ބ.އޭދަފުށީ އަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައި ބަޔަކު އަރާމުކޮށްލަނީ. މިރަށުން ގިނަ ބަޔަކު މިހާރު ވަނީ ފިތުރު ޒަކާތް ދައްކާފައި

ރޯދަމަސް ދެބައިވިއިރު އޭދަފުށިން 1500 އަށްވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލް އިދާރާއިން ބުނި ގޮތުގައި އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 35819ރ ދައްކާފައި ވަނީ 1586 މީހެކެވެ.

މިރަށުން މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި އާދައިގެ ހަނޑޫ ބޭނުންކުރާ މީހުން ދައްކަން ޖެހެނީ ބޮލަކަށް 18 ރުފިޔާ އަދި ތައިލެންޑް ހަނޑޫ ބޭނުން ކުރާ ފަރާތްތަކުން ބޮލަކަށް 60 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ 85ރ އެވެ.

ކައުންސިލުން ބުނީ މި ރޯދަމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 ން 12:15 އަށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

ޒަކާތް ދައްކަން ޖެހެނީ އަހަރު ތެރޭގައި އާއްމުކޮށް އެ މީހަކު ނުވަތަ އެބަޔަކު ކެއުމަށް ބޭނުންކުރި ހަނޑުލުގެ ބާވަތުން 2.4 ކިލޯ ނުވަތަ އެ އަދަދަށްވާ ފައިސާ އެވެ. މި އަހަރު ޒަކާތް ބަލައިގަންނަނީ 2.4 ކިލޯގެ އަދަދަށްވާ ފައިސާ އިންނެވެ.

ފިތުރު ޒަކާތަކީ އީދު ވިލޭރެ އާއި އީދު ދުވަހު ތިމާއަށާއި ތިމާ ޚަރަދު ދިނުން ލާޒިމުވެފައިވާ ބައެއްގެ މައްޗަށް ޚަރަދު ކުރާނޭ މިންވަރަށްވުރެ، އިތުރަށް ތަނަވަސްކަން ލިބިފައިހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ހުރި އައިނިއްޔަ ފަރުޟެކެވެ. މި ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާމުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.