އުރީދޫ އާއި ޔޫއެންޑީޕީން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކޮށްފި

ގައުމީ ތަރައްގީ އަށް މަސައްކަތް ކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރުގަދަ ކުރުމަށާއި، އިޖްތިމާއީ އުދެއްދުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި، އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް އިން ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއް ޤާއިމްކޮށްފި އެވެ.

އުރީދޫ އާއި ޔޫއެންޑީޕީ އިން އެއްކޮށް މަސައްކަތް ކުރުމަށް އެއްބަސްވެ، މި ގާތް ގުޅުން ރަސްމީކޮށް ފެށީ މިއަދު ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަންގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި މިއަދު ވަނީ، އެޗްޑީސީ އާއި އެކު ގާތްކޮށް މަސައްކަތްކޮށްގެން ކުރިއަށް ގެންދާނެ، ހުޅުމާލޭ ސްމާޓް ސިޓީޒް ޕްރޮޖެކްޓް ވެސް ފަށާފަ އެވެ.

އުރީދޫން ބުނިގޮތުގައި ސްމާޓް ސިޓީޒް ޕްރޮޖެކްޓް އަކީ، އުފެއްދުންތެރި، ސްމާޓް ސޮލިއުޝަންތަކެއް މެދުވެރިކޮށް ދިރިރުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އިސްނަގައިގެން ކުރާ މަސައްކަތެކެވެ. މިގޮތުން، މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ، ހުޅުމާލެ ސްމާޓް ސިޓީއެއް ގޮތުގައި ތަރައްޤީކުރަމުންދާއިރު، ތައާރަފްކުރެވޭ ހުރިހާ ޓެކްނޮލޮޖީތަކާއި ސްމާޓް ހައްލުތަކަކީ ހުޅުމާލޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ފޯރުކޮށްދެވޭ ޚިދުމަތްތަކެއްކަން ޔަގީންކުރުމާއި އެކުކަމަށް އުރީދޫން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން މިއަހަރު ތެރޭގައި ކުރުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގެ މުޖުތަމައު ތެރޭގައި އިތުރަށް ގުޅުން ބަދަހިކޮށް އިޖްތިމާއީ ރޫހު އާލާކުރުން، އަދި އޯޕަން ޑޭޓާ މެދުވެރިކޮށް ހުޅުމާލެ ތަރައްޤީކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުންވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.

މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން، ޔޫއެންޑީޕީ ރެސިޑެންޓް ކޯޑިނޭޓަރ އަދި ރާއްޖޭގައި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވްގެ މަޤާމުގައި ހުންނެވި ޝޯކޯ ނޯޑާ އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވ.

“ދުނިޔޭގެ އެކި ހިސާބުތަކުގައި، އިޖްތިމާއީ އަދި އިޤްތިސާދީ ދާއިރާ ތަރައްޤީ ކުރުމުގައި ސްމާޓް ޓެކްނޮލޮޖީގެ ދައުރު ދަނީ ފުޅާވަމުންނެވެ. ހަމައެއާއި އެކު، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޓެކްނޮލޮޖީގެ ދައުރުގެ މުހިންމުކަން ވަނީ އެނގިފައެވެ. ވުމާއިއެކު، ޔޫއެންޑީޕީ އާއި ގުޅިގެން، މިފަދަ ޓެކްނޮލޮޖީތައް މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުން ބާރުވެރިކޮށް، އިތުރު ފުރުސަތުތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރުމީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ، ޓެކްނޮލޮޖީ މެދުވެރިކޮށް ރައްޔިތުންގެ ޙަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން.” އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

މި ޕާޓްނާޝިޕް ރަސްމީކުރުމަށްޓަކައި، އުރީދޫ އާއި ޔޫއެންޑީޕީ އިންވަނީ މިދިޔަ އޭޕްރިލުމަހު ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ސްމާޓް ސިޓީޒްގެ ހަރަކާތްތަކުގެ އިތުރުން، މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، އަންހެންބޭފުޅުން ބާރުވެރިކުރުމުގެ އިތުރުން، މޮބައިލް ޓެކޮނޮލޮޖީ މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް، މި އެއްބަސްވުމުގެ ދަށުން އުރީދޫ އާއި ޔޫއެންޑީޕީ ރާއްޖޭގައި މަސައްކަތް ކުރާނެއެވެ.

“ދުނިޔޭގެ ހުރިހާ ޤައުމުތަކުން ހާސިލް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި “ދެމެހެއްޓެނިވި ސިޓީތަކާއި މުޖުތަމައުތައް ގާއިމްކުރުން” ހިމެނިގެން ދިނުމަކީ، މުސްތަޤްބަލުގައި ސްމާޓް ސިޓީތަކުގެ މުހިންމުކަން ދޭހަވާކަމެއް. މީގެ ތެރޭގައި، ސަލާމަތާއި ރައްކާތެރިކަން އެންމެންނަށް ލިބިދޭ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށް، މަގުމަތީގެ ރައްކާތެރިކަމާއި، ވައިގެ ސާފުކަން ހިފެހެއްޓުމުގެ އިތުރުން، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ބިނާކޮށް، އަދި ހިންގުމުގެ ނިޒާމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ.” މިއަދުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން، ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

އުރީދޫ އަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބަސްވެފައިވާ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާކަމަށްވާ ޖީއެސްއެމްއޭގައި ހިމެނޭ މޮބައިލް އޮޕަރޭޓަރ އެކެވެ. މިގޮތުން، ވަކިން ޚާއްޞަގޮތެއްގައި، ގޯލް 3 (ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން) ، ގޯލް 5 (މިންތީގެ ހަމަހަމަކަން) އަދި ގޯލް 9 (ސިނާއަތާއި، އާގޮތްތަކާއި، އުމްރާނީ ކުރިއެރުން) ހާސިލްކުރުމުގައި އެއްބާރުލުންދިނުމަށް އުރީދޫ މޯލްޑިވްސް އިންވަނީ އިސްނަގާފައެވެ.

މި އެމްއޯޔޫ އާއި އެކު، އިންސާނީ ތަރައްޤީ އާއި ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި، ކުރީއްސުރެ އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިގޮތުން، 2016 ވަނަ އަހަރު، މި ދެކުންފުނި ވަނީ މިޔަހެލި ނަމުގައި ރާއްޖޭގެ ފުރަތަމަ ސޯޝަލް އިނޮވޭޝަން ކޭމްޕް ހިންގާފައެވެ. މި ޕްރޮގްރާމްގެ ދަށުން، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމުގައި ދިމާވާ އިޖުތިމާއީ ބައެއް މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖޭގެ އެކިހިސާބުތަކުގައިވާ ޒުވާން ކުދިންގެ ހުށަހެޅުންތަކުގެ ތެރެއިން، ތިން ހުށަހެޅުން ތަރައްޤީކުރުމަށްޓަކައި ވަނީ ހޮވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.