ތަރުބަވީ އެހީ: ކިޔެވުމަށް ކުދިން ހިތްޖެއްސުމަށް ކުރެވިދާނެ ކަންކަން 2

ކިޔެވުމަށް ކުދިން ހިތްޖެއްސުމަށްޓަކައި މައިން ބަފައިން މަސައްކަތްކުރާއިރު މިކަމުގައިވެސް ކުދިންނަށް ނަމޫނާއަކަށްވުން ވަރަށް މުހިންމެވެ. މިގޮތުން ތަފާތު މަޢުލޫމާތު ލިބޭފަދަ ފޮތްކިޔުމާއި އަދި އެފަދަ މަޢުލޫމާތު ލިބެނިވި ޓީވީ ޕްރޮގްރާމްތައް ބެލުންފަދަ ކަންކަމަކީ އޭގެސަބަބުން ކުދިން އުގެނުމަށް އިތުރަށް ޝައުޤުވެރިކުރުވާނެ ކަންކަމެވެ. މިހާހިސާބުން ގިނަބެލެނިވެރިންގެ ހިތުގައި އުފެދިދާނެ އެއް ސުވާލަކީ މިހުރިހާ ކަމަކަށް ވަގުތު ހޯދާނީ ކިހިނެއްހެއްޔެވެ؟ ތެދެކެވެ. ކުދިން ކިޔެވުމަށް ވަގުތު ހޭދަކުރާ މިންވަރަށް ބެލެނިވެރިންނަށް ފޮތްކިޔުންފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ އުދަގޫ ކަމެކެވެ. އެކަމަކު ކުއްޖާ ހޯމްވާރކް ހަދަން އިންނަގަޑީގައި ނުވަތަ ކުއްޖާ ފިލާވަޅު ދަސްކޮށްލަން އިންނަ ގަޑީގައި އެކުއްޖާގާތު ހޭދަކުރާ މަދުވަގުތުކޮޅެއްގެ ތެރެއިން ބައެއް އެފަދަ ކަމަކަށް ހުސްކޮށްނުލެވޭނެހެއްޔެވެ؟

ތިމާގެ ދަރިފުޅު މޮޅުކުއްޖަކަށް ހެދުމަށްޓަކައި މިހާރަކަށް އައިސް ވަރަށް ގިނަ މައިންބަފައިން ކުދިން ގިނަވަގުތު ކިޔެވުމުގައި މަސްޣޫލުކުރުމަށްޓަކައި މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. ރަސްމީ ތަޢުލީމު ޙާސިލުކުރުމަށްޓަކައި ސުކޫލަށް ދާދިޔުމުގެ އިތުރުން ޓިއުޝަން ކުލާސްތަކަށާއި ޤުރުއާން ކުލާސްތަކަށް ކުދިން ފޮނުވާތަން އެބަފެނެއެވެ. އަދި އެހުރިހާ ކަމަކާއި އެކުވެސް ގޭގައި ކުއްޖާއަށް ހުސްކޮށްލިބޭ ވަގުތުގެ ބޮޑު ބައެއްވެސް ކިޔެވުމުގައި ހޭދަކުރުމަށް ބައެއް މައިން ބަފައިން ޑިމާންޑް ކުރެއެވެ. މިހެންވުމުގެ ސަބަބުން ކިޔެވުމަކީ ބުރަކަމެއްކަމުގައި އިޙްސާސްކުރެވި އެކަމުގެ މަތިން ކުދިން ފޫހިވާތަން ބައެއްފަހަރު އާދެއެވެ. އެހެން އެވަނީ މުނިފޫހި ފިލުވުމަށާއި އަރާމުކުރުމަށް ކުދިންނަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުންނެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ރަސްމީ ގަޑި މީގެ އަހަރުތަކެއްކުރިން 8 އިން 4 އަށް ބަދަލުކުރުމުން އަޅުގަނޑުމެން ބޮޑެތި މީހުން ކިހާ ޝަކުވާއެއްކުރިން ހެއްޔެވެ؟ އޮފީހުގައި ހޭދަކުރަންޖެހޭ ވަގުތު މާގިނަވުމުންނެވެ. އެހެންވީއިރު ކުދިންނަށް އެއިޙްސާސް ނުކުރެވޭންވީ ސަބަބެއް އެބައޮތްހެއްޔެވެ؟

ފަހަރެއްގައިވެސް އަޅުގަނޑު މިދަންނަވަނީ ޤުރުއާން ކުލާސްތަކަށާއި ޓިއުޝަން ކުލާސްތަކަށް ކުދިން ނުފޮނުވާށޭއެއްނޫނެވެ.އެކަމަކު މައިންބަފައިންނަށްވެސް ގޭގައި ކުއްޖާއަށް ކިޔަވައިދޭނެވަގުތު އޮވެމެ އަދި ކުއްޖާއަށް އޮޅުންފިލުވައިދޭންޖެހޭ ތަކެއްޗަކީ އެމަންމައާއި ބައްޕައަށްވެސް އުގަންނައިދެވޭ ތަކެތި ކަމަށްވީހިނދު އެކަން ކުރުމަށްޓަކައި ޓިއުޝަން ކުލާހަކަށް ފޮނުވުމުގެ ބޭނުމެއްއޮތް ކަމަކަށް ޤަބޫލެކުރަން އެހާ ފަސޭހައެއް ނޫނެވެ.. އަދި އެކަމަކީ މައިން ބަފައިންނާއި ކުދިންނާއި އޮންނަ ގުޅުން ހަރުދަނާކުރުމަށާއި ކުދިންނާއެކު ކޮލިޓީ ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައި މައިންބަފައިންނަށް ބޭނުންކުރެވިދާނެ އަގުހުރި ފުރުޞަތެއް ގަސްތުގައި ދޫކޮށްލުން ކަމުގައި ބެލެވިދާނެއެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމުން ކިޔެވުމުގައި ކުދިން ޙާޞިލްކުރާ މިންވަރުވެސް ތަފާތުވާނެކަން އެންމެ ބޮޑަށް ޤަބޫލުކުރަންޖެހޭ ބަޔަކީވެސް މައިންބަފައިންނާއި ބެލެނިވެރިންނެވެ. އެކަމަކު ގިނަމައިންބަފައިންގެ ފަރާތުން ބައެއްފަހަރު ފެންނަ މަންޒަރާއި އިވޭ އަޑުތަކުން މިދެންނެވި ވާހަކަ ޤަބޫލުކުރަން ބޭނުންވާހެނެއް ހިޔެއްނުވެއެވެ. އިމްތިޙާނުތަކުން ތިމާގެ ދަރިފުޅަށް ލިބޭ މާރކްސް އެނގޭ ހިސާބުން ދެންއަވަސްވެގަންނަނީ އެކުއްޖާގެ އެންމެ ގާތް ކުލާސްމޭޓަށް ނުވަތަ އަވައްޓެރި ގޭގެ ކުއްޖާއަށް ލިބުނު މާރކްސް ހޯދުމަށެވެ. ކިރިޔާވެސް މާއްދާއަކުން ކުއްޖާ ދަށްވެ އަނެއްކުއްޖާގެ މާރކްސް އޭނާއަށްވުރެ މަތިވުމުން އެކަން ބޮޑު މައްސަލައަކަށް ގިނަބެލެނިވެރިންނަށް ވެއެވެ. އަދި އަނެއް ކުއްޖާ ހޯދި މާރކްސްއާ އެއްވަރުގެ މާރކްސްއެއް އޭނާއަށް ނުހޯދޭންވީ ކީއްވެގެންތޯ ބެލެނިވެރިން ކުއްޖާއާ ސުވާލުކުރެއެވެ.

މިގޮތަށް އެހެންކުދިންނާ އަޅާކިޔުމުގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށްކުރާ އިތުބާރު ދަށްވެ އަޅާކިރޭ ކުއްޖާއާއު ދެމެދު އޮންނަ ގުޅުން ހީނަރުވާގޮތް މެދުވެރިވެއެވެ. މިގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި މަތިން މާރކްސްލިބިފައިވާ ހުރިހާ މާއްދާތަކުގެ ނަތީޖާ ފާހަގަކޮށް އެމާރކްސް ހޯދީތީ ކުއްޖާއަށް ތަޢުރީފްކުރުމަށްފަހު ދަށްވި މާއްދާއިންވެސް އެފަދަ ނަތީޖާއެއް ހޯދޭނެކަން ކުއްޖާއަށް ވިސްނައިދީ ހިތްވަރު ދެވޭކަމަށްވާނަމަ ކުދިންގެ ފަރާތުން ހެޔޮބަދަލެއް ފެންނާނެކަމުގައި ޤަބޫލުކުރެވެއެވެ. އަދި މީގެއިތުރުން އެހެންކުދިންގެ މާރކްސްއާ އަޅާކިޔުމުގެ ބަދަލުގައި އެންމެފަހުން ކުއްޖާހޯދި މާރކްސްއަށްވުރެ މަތީ މާރކްސްއެއް ދެންއަންނަ ފަހަރަކުން ހޯދުމަށް ކުއްޖާއަށް ހިތްވަރު ދެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.