އޭދަފުށިން ދީނީ ތިން ސުވާލު (20)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ކުފުރުވެރިވާ ކުށްފާފަތަކަށް މި ރޯދަމަހު ތައުބާވާނީ ކިހިނެއްތޯ؟ އެކަމަށް ވަކި ހާއްސަ ވަގުތެއް އޮވޭތޯ؟
ޖަވާބު: ތައުބާވާންއެދޭ މީހާ ދެ ރަކުއަތް ނަމާދެއް ކުރުން އެއީ ތައުބާވުމުގެ ޝަރުތެއް ނޫނެވެ. ތައުބާ ވުމަކީ ތިބާއަށް ކުރެވިފައިވާ ފާފައަށް ހިތާމަކޮށް، ފާފަކުރުން ހުއްޓާލައި ދެން ފާފަ ނުކުރާނެކަމަށް އަޒުމު ކަނޑައަޅައި ފާފަ ފުއްސެވުމަށްއެދި މާތްﷲ އަށް ދުޢާ ކުރުމެވެ. ފާފައެއް ކުރެވޭހިނދު، ވުޟޫކޮށް ދެ ރަކުއަތް ނަމާދެއް ކޮށް އެ ފާފަ ކުރެވުނު ކަމަށްޓަކައި ހިތާމަކޮށް ތެދުވެރި ތައުބާއަކުން ތައުބާވެ ފާފަ ފުއްސެވުމަށްއެދި ދުއާކުރުމަކީ އެންމެ ފުރިހަމަ އަދި ސުންނަތާއި އެންމެ ގާތް ގޮތެވެ.

އަބާބަކުރު ސިއްދީޤު رضي الله عنه ގެ އަރިހުން ރިވާ ކުރެވިގެންވެ އެވެ.

ކިރިތި ރަސޫލުﷲ صلى عليه وسلم ހަދީސް ކުރެއްވި އެވެ.

“مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ , ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ , ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ , ثُمَّ قَرَأَ هَذِهِ الْآيَةَ : “وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ”. صححه الألباني في صحيح أبي داود”

މާނައީ؛ މާތްގެ އަޅުތަކުންކުރެ އަޅަކަށް ފާފަ ކުރެވޭ ހިނދު، ވުޟޫ ފުރިހަމަކޮށް އެއަށްފަހު ދެ ރަކުއަތް ނަމާދުކޮށް، ފާފަ ފުއްސެވުމަށްއެދި ދުޢާ ކޮށްފިނަމަ މާތްﷲ އޭނަގެ ފާފަ ފުއްސަވާނެ އެވެ.”

އެއަށްފަހު އަންނަނިވި އާޔަތް އިތުރު އެކަލޭނގެފާނު ކިޔަވައި ވިދާޅުވި އެވެ.
“وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ”
މާނައި: އަދި އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ ނުވަތަ އެ އުރެންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަދުމަކޮށް ފިޔަވައި ފާފަ ފުއްސަވާނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ހާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެ އެވެ.”

ފަރުޟު ފަސް ނަމާދައި ސުންނަތް ނަމާދަށް ފަހުގައިވެސް ފާފަ ފުއްސެވުންއެދި ދުޢާކޮށް ތައުބާވުމަކީ އެދެވިންގެންވާ ހެޔޮ އަމަލެކެވެ.

2. ފޮޓޯ ފްރޭމް / ޕޯސްޓަރުފަދަ ތަކެތި ގޭ ކޮޓަރީގެ ފާރުގައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ޒަރޫރީ ހާލަތެއްގައި މެނުވީ ފުރާނަ އެޅުވި އެއްޗެއްގެ ފޮޓޯ ހުރި ކޮޓަރިއެއްގައި ނަމާދުކުރުމަކީ ހުއްދަކަމެއް ނޫނެވެ. ހަމައެފަދައިން އެފަދަ ފޮޓޯއެއް ޖަހާފައިހުރި ހެދުމެއް ލައިގެންވެސް ނަމާދުކުރުމަކީ ހުއްދަކަމެއް ނޫނެވެ. ރަސޫލުﷲ صلى عليه وسلم ހަދީސް ކުރެއްވި އެވެ.

(لَا تَدْخُلُ الْمَلَائِكَةُ بَيْتًا فِيهِ كَلْبٌ وَلَا صُورَةٌ )
މާނައަކީ: “ކުއްތާ އާއި ސޫރަ ހުންނަ ގެތަކަށް މަލާއިކަތްބޭކަލުން ވަދެވަޑައިނުގަންނަވާނެ އެވެ.”އެހެންކަމުން ފޮޓޯހުރި ތަނެއްގައި ޒަރޫރީ ހާލަތެއް މެދުވެރިނުވާހާ ހިނދަކު ނަމާދުކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް މީހަކު އެފަދަ ތަނެއްގައި ނަމާދުކޮށްފިނަމަ، ނުވަތަ ފޮޓޯ ޖަހައިފައިހުރި ތަނެއްގައި ނުވަތަ ފޮޓޯ ޖަހާފައއިހުރި ހެދުމެއް ލައިގެން ނަމާދުކޮށްފިނަމަ، އޭނަގެ ނަމާދު ސައްހަވާނެ އެވެ. ނަމަވެސް އޭނާ އަށް އެ ކުރެވުނީ ހަރާމުކަމެކެވެ.

އާއިޝަތުގެފާނުގެ ދޮރުފޮތިކޮޅެއްގައި ފޮޓޯތަކެއްހުރިތަން ފެނިވަޑައިގެން ކީރިތި ރަސޫލާ صلى عليه وسلم ވަރަށްބޮޑަށް ކޯފާވެ އެ ފޮތިގަނޑު ނައްތަވައިލެއްވި އެވެ. އަދި ހަދީޘް ކުރެއްވި އެވެ.
“މި ފޮޓޯތަކުގެ އަޅުވެރިންނަށް ޤިޔާމަތް ދުވަހުން އަޒާބު ދެއްވޭނެ އެވެ. އަދި ބުނެވޭނެ އެވެ. ތިޔަބައިމީހުން ހެދި ތަކެތި ދިރުވާށެވެ” والله أعلم

3. އަންހެން ކުދިންނަށް ނަން ކިޔާއިރު މާމަގެ ނަމުގެ ބައެއް ކުއްޖާގެ ނަމުގައި ހިމެނިދާނެތޯ؟
ޖ. މައްސަލައެއް ނޫން

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.