ކިޔެވުމަށް ކުދިން ހިތްޖެއްސުމަށްޓަކައި ކުރެވިދާނެ ކަންކަން 3

ތިބާގެ ދަރިފުޅަކީ ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް ހެދުމަށްޓަކައި އެކުއްޖާއަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހައްޤުތައް ފުރިހަމަކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. މިގޮތުން ކުއްޖާއަށް ރަގަޅު ކާނާ ގަވައިދުން ދިނުމާއި ކިޔެވުމަށްޓަކައި ކުއްޖާއަށް ބޭނުންވާނެ ފޮތް ފަންސުރުގެ އިތުރުން އެހެނިހެން އެކްޓިވިޓީސް ތަކަށް ކޮންމެހެންބޭނުންވާނެ ތަކެތި ހޯދައިދިނުމާއި ކުއްޖާ ނިދުމަށާއި އަރާމު ކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދިނުމާއި، ކުއްޖާ ހެލިފެލިވެ އުޅުމަށާއި މުނިފޫހިފިލުވުމަށް ފުރުސަތު ދިނުމަކީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ކުރުން ލާޒިމްކަމެކެވެ.

ކުއްޖާ ކިތަންމެ ކިތަވަން ބޭނުންވިކަމުގައި ވިޔަސް މިދެންނެވި ކަންކަން މައިންބަފައިން ފުރިހަމަ ކޮށްދީފައި ނުވާނަމަ ކުއްޖާގެ ކިބާގައި އެކަމަށް ހުރި ޝައުގުވެރިކަން މަޑުމަޑުން ނެތެމުން ދިޔުމަކީ ވުން ވަރަށް ގާތްކަމެކެވެ. ހެނދުނު ސުކޫލަށްދާ ކުއްޖަކަށް ރަގަޅު ނާސްތާއެއް ނުލިބި ބަނޑުހައިކަންމަތީ ހުރެ ސުކޫލަށް ދާންޖެހިއްޖެނަމަ ދެންވާނެގޮތް ވިސްނާލައްވާށެވެ. ޔަގީނުންވެސް މުދައްރިސް ނަންގަވައިދެއްވާ ފިލާވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަންދިނުން ކުއްޖާއަށްވާނީ ދަތިކަމަކަށެވެ. އަދިހަމަ މިއުސޫލަށް ކުލާހުގައި ކުއްޖާ ފުރިހަމަކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ތަކެތި މައިންބަފައިންނަށް ހޯދައިނުދެވޭނަމަ އެކަމުގެ ސަބަބުން ވެސް ކުއްޖާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.

ކިޔެވުމުގައި ކުދިން ހާސިލްކުރާ މިންވަރު އިތުރު ކުރުމަށްޓަކައި ކިޔެވުމަށް ވަކި ގަޑިތަކެއް ކަނޑައެޅިފައި އޮތުމަކީވެސް މުހިއްމުކަމެއް ކަމުގައި ބައެއް ތަޖުރިބާކާރުން ލަފާދެއްވާފައިވެއެވެ. މިގޮތުން ހެދޭ ޓައިމްޓޭބަލަކީ ކުއްޖާއާ މަޝްވަރާކުރެވިގެން ހެދޭ އެއްޗަކަށްވުން ވަރަށް މުހިއްމެވެ. އަދި އެޓައިމްޓޭބަލުގައި މުނިފޫހިފިލުވުމަށާއި ކުޅިވަރުކުޅުމަށާއި އަރާމުކުރުމަށް އެކަށީގެންވާ ވަގުތެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. އަދި ހަމައެއާއިއެކު ކިޔެވުމަށް ކަނޑައެޅިފައިވާ ވަގުތަކީ އެހާދިގު ވަގުތަކަށްވެސް ވެގެން ނުވާނެއެވެ. އެހެނީ އެއްކަމަކަށް އެހާ ގިނަވަގުތު ސަމާލުކަންދީގެން އިނުމަކީ އެއްވެސް މީހަކަށް ފަސޭހަކަމަކަށް ނުވާނެތީއެވެ. މިގޮތަށް ޓައިމްޓޭބަލް ހެދުމަށްފަހު އެއާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންދޭތޯ ބެލުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ. އަދި އެގޮތަށް ކަންކަން ކުރިއަށްނުދާނަމަ އެކަން އެގޮތަށް ދިމާވަނީ ކީއްވެގެންކަން ކުއްޖާގެ ކިބައިން އޮޅުން ފިލުވައި ބަދަލެއް ގެންނަންޖެހިއްޖެނަމަ އެބަދަލެއް ގެނައުމަކީ މައްސލައެއް ނޫނެވެ. އެގޮތަށް ބަދަލުގެނެސްގެންވެސް ކުއްޖާގެ ކިބައިން އެކަށީގެންވާ ނަތީޖާއެއް ނުފެނިއްޖެނަމަ ހިކްމަތްތެރިކަމާއެކު ފިޔަވަޅު އެޅުމަކީ މުހިއްމުކަމެކެވެ.

ކިޔެވުމަށް ކުދިން ހިތްޖެއްސުމަށްޓަކައި ނުވަތަ ކިޔެވުމުގައި ތިމާގެ ދަރިފުޅު ހާސިލްކުރާ މިންވަރު މަތިކުރުމަށްޓަކައި އެކަމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ދުޢާއަކީ އަޅުގަނޑުމެނެ ބޭނުންވާކަންކަން ހާސިލްކުރުމަށްޓަކައި ބޭނުންހިފަން އޮތް އެންމެ މުހިއްމު ވަސީލަތްކަމަށް މިހިނދުތިމާގެ ލޯބިވާ ދަރިންގެ ކުރިއެރުމަށްޓަކައި މިވަސީލަތުގެ ބޭނުން ކޮންމެހެންވެސް ހިފަންއެބަޖެހެއެވެ. އިލްމްވެރިންގެ ބަސްތަކުން އެގިފައިވާގޮތުގައި ދަރިންގެ މައްޗަށް މައިންބަފައިން އިޚްލާސްތެރިކަމާއެކު ކުރާ ދުޢާއަކީ ﷲ އިޖާބަކޮށްދެއްވާނެ އެއްޗެކެވެ. ވީއިރު ދަރިންގެ ހެވާއި ލާބައަށް އެދި ގަދައަޅައި މަސައްކަތްކުރާއެއްވެސް މަންމައަކާއި ބައްޕައަކު މިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ދަރިންނަށްޓަކައި ދުޢާ ކުރުމުގެ އިތުރަށް ކިޔެވުމަށް ހިތްޖެއްސުމަށަށާއި ހިތްއަލިކޮށްދެއްވުމަށް ނުވަތަ ދަސްކުރާ ތަކެތި ފަސޭހައިން ދަސްވުމަށް އެދި ކިޔާބައެއް ދުޢާތައް ކުޑައިރުއްސުރެ ކުދިންނަށް ދަސްކޮށްދީ ކިޔަވަން ފެށުމުގެކުރިން އެދުޢާތައް ކިޔުމަށް ކުދިން އާދަކުރުމަކީވެސް ވަރަށްފައިދާހުރި ކަމެކެވެ.

ކިޔެވުމަށް ކުދިން ހިތްޖެއްސުމަށްޓަކައި ކުރެވިދާނެ ކަންކަން ބަޔާންކޮށް މިގެނެސްދެވުނު ތިންއާރޓިކަލްގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް ކުރެވިދާނެވަރަށް ގިނަކަންކަން ހުންނާނެއެވެ. މިހުރިހާ ކަމަކާއެކުވެސް ބެލެނިވެރިން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބަވެއެވެ. ހުރިހާކުދިންނަކީ އެންމެމޮޅު ކުދިންނަށް ނުވާނެކަމެވެ. އެކިކުދިން މޮޅުވާނީ އެކިކަންކަމަށެވެ. އަދި އެންމެމޮޅު ކުއްޖާއަކީ ހަމައެކަނި ކިޔެވުމަށް ނުވަތަ ހިތުދަސްކުރުމަށް މޮޅުކުއްޖާއެއްނޫނެވެ. އެހެންކަމުން މައިންބަފައިން އެންމެ ބޮޑުސަމާލުކަންދޭންވީ ކުއްޖާގެ ކިބައިގައި ހުރި ހުނަރު ގުޅިފައިވަނީ ކޮންކަހަލަ ކަންތައްތަކަކަށްތޯ ބެލުމަށެވެ. އަދި އެކަންކަން ރަގަޅަށް ދެނެގަގުތުމަށްފަހު ކުއްޖާއަށް އެންމެ އެކަށީގެންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް ފުރުޞަތުދިނުމަށެވެ. ކޮންމެކުއްޖަކީ ބޮޑުވެގެން އޮފީހެއްގެ މޭޒުދޮށުގައި ޓައި އަޅައިގެން އިންނާނެ މީހަކަށްވުން ލާޒިމެއްނޫން ދޮގެއްތޯއެވެ؟

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.