އާ އިމާރާތް މި ސިމެސްޓާއަށް ވެސް ނުނިމުނު

ތައުލީމީ މަރުކަޒުގައި ހަދާ އާ އިމާރާތް. ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް ހަދާ 4 ބުރީގެ އާ އިމާރާތުގެ ބާރަ ކްލާސް ރޫމުގެ މަސައްކަތް ދެވަނަ ސިމެސްޓާ ފެށެންވާއިރަށް ނިންމަން ކަނޑައެޅި ނަމަވެސް މިއަދު ދެވަނަ ސިމެސްޓާ ފެށިއިރުވެސް އެތަން ނިމޭގޮތެއް ނުވި އެވެ.

ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ “އެންހޭންސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ދަށުން 9 މިލިއަން ރުފިޔާއަށް މާރިސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހަދާ މި އިމާރާތުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މީޑީޔާ އޮފިޝަލް ކޮންޓްރެކްޓަރާ ހަވާލާދީ ކުރިން “އީޓީ” އަށް ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް ނިންމަން ޖެހެނީ މިދިޔަ މާޗު މަހުގެ ނިޔަލަށް ކަމަށެވެ. އަދި އެތަނަށް ބޭނުންވާ ފަރުނީޗަރުފަދަ ތަކެއްޗާއެކު މިދިޔަ ސިމެސްޓާ މެދުތެރޭ އާ އިމާރާތުގެ ކްލާސްރޫމުތައް ބޭނުން ކުރެވޭނެ ކަމަށްވެސް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ.

އެ އިމާރާތުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. އެ މަސައްކަތްތައް ކުރާތާވެސް މިހާރު ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އާ އިމާރާތުގެ ކްލާސްރޫމެއް

މިކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ މީޑީޔާ އޮފިޝަލަށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނު ނުނަގާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި މިހާރު ފިނިޝިންގެ މަސައްކަތް ނުނިމި ދިގުލައިގެންދަނީ އެތަނަށް ބޭނުންވާ ބައެއް ތަކެތި ހޯދުމުގައި މިނިސްޓްރީގެ ހުއްދަ ލިބުން ލަސްވެގެންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި 9 ކްލާސް ރޫމުގެ އާ އިމާރާތެއް ހަދަނީ އެ ސްކޫލަކީ ރަށުންބޭރު ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމު ހާސިލުކުރުމަށް އަންނަ ސްކޫލަކަށްވެފައި އަދި ސްކޫލުގައި ޖާގައިގެ ދަތިކަންވެސް ވަރަށްބޮޑަށް ކުރިމަތިވެފައިވާތީ އެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ އެ ސްކޫލުގައި މިހާރު ކިޔަވައިދެނީ ދެ ދަންފަޅި އަށެވެ.

ނަމަވެސް އާ އިމާރާތް ބޭނުންކުރަން ފެށުމާއެކު އެއް ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.