އޭދަފުށިން ދީނީ ތިން ސުވާލު (26)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ގޭގައި ތަރާވީހު ނަމާދާ ވިތުރި ކުރުމުން މުޅި ރޭ އަޅުކަން ކުރުމުގެ ސަވާބު ލިބޭނެތޯ؟
ޖަވާބު: އަންހެނަކުނަމަ ލިބޭނެ. ފިރިހެނަކު ނަމަ އެ ދަރުމަ ލިބޭނީ މިސްކިތަށްގޮސްގެން

2. ފަތިސް ނަމާދުގައި ގުނޫތު ކިޔުމަކީ ކޮންކަހަ ކަމެއްތޯ؟ އަދި ގުނޫތު ކިޔާ އިމާމެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދަވާނެތޯ؟
ޖަވާބު: ފަތިސް ނަމާދުގައި ޤުނޫތު ކިޔުމުގެ މައްސަލަ ބެއްލެވުމަށް މިވާ ލިންކަށް (http://www.raajjeislam.com/10717)ޒިޔާރަތް ކޮށްލައްވާ

3. ފަހު ދިހަ އެއްގައި ޕީރިއަޑްވާ މީހާ އަށް ލައިލަތުލް ޤަދުރުވިލޭރޭ ގެ ދަރުމަ އާއި ޘަވާބު ހޯދަން ކަންތައް ކުރާނީ ކިހިނެއްތޯ؟
ޖަވާބު: ރޯދަމަހު ކުރިމަތިވާ ސުވާލުތަކުގެ ތެރެއިން އެއް ސުވާލަކީ، ފަހު 10 ގައި ހައިޟުވެރިޔާ އަށް ކުރެވޭނ އަޅުކަމަކީ ކޮބައިތޯ އެވެ. މި ސުވާލުގެ ޖަވާބު އަޅުގަނޑު ތިރީގައި ލިޔެފައިއެވަނީ އައްޝައިޚް ސާހިލު މުނައްޖިދު ވިދާޅުވެފައިވާ ޖަވާބުގެ ތަރުޖަމާ އެވެ.

މަދު އަޅުކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއްވެސް ކުރުން ހައިޟުވެރިޔާއަށް ހުއްދަވެގެންވެ އެވެ. ހައިޟުވެރިޔާ ކުރުން މަނާ ކަންތައްތަކަކީ ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ތަވާފުކުރުމާއި، އިއުތިކާފަށް މިސްކިތުގައި އިނުމެވެ.

ރަސޫލާ ޞައްލަﷲ އަލައިހި ވަޞައްލަމަ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތައް އިހުޔާ ކުރައްވާ ކަމުގައި ސަހީހުލް ބުކާރީ އާއި ސަހީހު މުސްލިމުގައި ރިވާވެގެންވެ އެވެ.

އައިޝާ ރަޟިއަﷲ އަންހާ ވިދާޅުވި އެވެ.

“ފަހު ދިހައެއް އަތުވެއްޖެނަމަ މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަޞައްލަމަ އެކަލޭގެފާނުގެ ކަމަރުފުޅު ބަންވަ އެވެ. (އެބަހީ؛ އަޅުކަން ކުރުމަށްޓަކައި އަނބިކަބަލުންނާ އެއްދާން ކުރުމުން އެއްކިބާވެލައްވަ އެވެ.) އަދި އެރޭތައް އިޙްޔާކުރައްވަ އެވެ. އަދި އަހުލުވެރިން ހޭލައްވަ އެވެ،”

އެރޭތައް އިޙްޔާ ކުރުމަކީ ހަމައެކަނި ތަރާވީހް ނަމާދު ނުވަތަ ދަމު ނަމާދުކުރުމަށް އެރޭތައް ޚާއްސަ ކުރުމެއް ނޫނެވެ. އިޙްޔާކުރުމުގެ މާނައިގެ ތެރޭގައި ހުރިހާ އަޅުކަމެއް ހިމެނެ އެވެ. ބައެއް އިލުމުވެރިން ވިދާޅުވެފައިވެ އެވެ. (وأحيا ليله) ގެ މާނައަކީ އަޅުކަން ކުރުމަށް ހޭލާ ހުންނެވުމެވެ. މިއީ އަލްހާފިޒްއިބްނު ހަންޖަރު ރަޟިއﷲ ގެ ބަސްފުޅެވެ.

އަންނަވާވީ ރަޟިއަﷲ ވިދާޅުވެފައިވެ އެވެ. އޭގެ މުރާދަކީ އިސްތިޣުފާރުކުރެއްވުމާއި ނަމާދު ކުރެއްވުމާއި އަދިވެސް އެޏޫން ހެޔޮ އަމަލުތައް ކުރެއްވުމެވެ. އަދިވެސް ބައެއް ބޭކަލުން ވިދާޅުވެ އެވެ. އެއީ ނަމާދު ކުރެއްވުމާއި ޒިކުރު ކުރެއްވުމާއި ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވުމެވެ.

ލައިލަތުލް ޤަދުރުވިލޭރޭގައި ކުރެވޭ އެންމެ ހެޔޮ އަމަލަކީ އެރޭގެ ޤިޔާމުއްލަހިދު (ރެއަކާލުން) ކުރުމެވެ. އެހެންނޫނީ އީމާންވެހުރެ ދަރުމައާއި ޘަވާބުދީގެން ލައޮލްތުލް ޤަދުރުވިލޭރޭގެ ރޭ އަޅުކަން ކޮށްފި މީހައަށް އޭނާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވައިދެއްވާނެ ކަމުގައި މާތް ނަބިއްޔާ ޟައްލަﷲ އަލައިހި ވަޞައްލަމަ ވަނީ ހަދީޘް ކުރައްވާފަ އެވެ.
ހައިޟުވެރިޔާ އަށް ރޭގަނޑުގެ ދަމު ނަމާދު ނުވަތަ ތަރާވީޙް ނަމާދުކުރުން މަނާވެގެން ވިއެއްކަމަކު އެނޫން ހެޔޮ އަމަލުތައް ކުރުން މަނާވެގެނެއް ނުވާނެ އެވެ. އެފަދަ ހާލަތެއްކަމުގައިވާ އަންހެން ބޭކަނބަލަކަށް ކުރެވިދާނެ ހެޔޮ އަމަލުތަކުގެ ތެރޭގައި؛

• ކީރިތި ޤުރުއާން ކިޔެވުން. (ހައިޟުވެރިޔާ މުސްހަފުގައި ބީހުން ހަރާމުވެގެންވޭ، ނަމަވެސް ހިތުދަސްވެައިވާ ސޫރަތްތައް ކިޔެވުމާއި، ކޮމްޕިއުޓަރުން ނުވަތަ ފޯނުން ބަލައިގެން ކީރިތި ޤުރުއާން ކިޔެވުމަކީ ހުއްދަކަމެވެ.)

• ޒިކުރު ކުރުން. ޒިކުރު ކުރުމަކީ ގިނަގުނަވެގެންވާ ދަރުމައާއި ޘަވާބު ލިބުމުގެ މަގެކެވެ. އެގޮތުން سبحان الله , والحمد لله , ولا إله إلا الله , والله أكبر , سبحان الله وبحمده , سبحان الله العظيم ފަދަ ޒިކުރު ކުރުން ގިނަ ކުރާށެވެ. އަދި މިނޫނަސް ވާރިދުވެގެންވާ އެތައް ޒިކުރުތަކެއްވެ އެވެ. އެ ޒިކުރުތައްވެސް ދަސްކޮށްގެން ކިޔެވުމަށް ފަރުވާތެރިވާށެވެ.
• އިސްތިޣުފާރުކުރުން. އެބަހީ ފާފަ ފުއްސެވުމަށްއެދި މާތްﷲ ގެ ހަޟްރަތަށް ދުޢާކުރުން. އިސްތިޣުފާރު ކުރުމަށް އެތައް އިބާރާތްތަކެއް ވާރިދުވެފައިވެ އެވެ. އޭގެ ތެރެއިން އެންމެކުރު މިންވަރަކީ استغفر الله ކިޔުމެވެ.
• ދުޢާ ކުރުން. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން ގިނަގިނައިން ދުޢާ ކުރުމަކީ ލައިލަތުލް ޤަދުރުވިލޭރޭ ގައި ކުރެވޭނެ އެންމެ މަތިވެރި އަޅުކަމެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމައިގެ އަރިހުން ރިވާވެގެންވެ އެވެ. الدعاء هو العبادة “ދުއާއަކީ އަޅުކަމެކެވެ.” رواه الترمذي وصححه الألباني
އިސްވެ ބަޔާންކުރެވުނު ކަންކަމާއި އަދިވެސް އެހެނިހެން ކަންކަން ހެޔޮ އަމަލުތައް ކުރުމުގައި ފަހު ދިހައިގެ އޮނަހިރި ރޭތައް ހޭދަކުރުމަށް ވަސިއްޔަތް ކުރަމެވެ.

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.