ބަހިއްޔާ ޕްރިސްކޫލް ބަންދު ކުރުމާއި ހަޅުތާލު ކުރުން: ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން؟

އިއްޔެ ބަހިއްޔާ ޕްރީސްކޫލަށް ދިޔަ ކުދިންތަކެއް ސްކޫލު ބަންދުކޮށްފައި ހުރުމުން ބެލެވެރިންނާއެކު ބޭރުގައި މަޑުކޮށްލައިގެން.–ނިޔަމި ފޮޓޯ

މިހާރަކަށް އައިސް ރަށްރަށުގައި ޖެހޭ ތަފާތު މައްސަލަތަކުގައި އޮފީސް، ސްކޫލް ފަދަ ތަންތަން ބަންދުކުރުމާއި ހަޅުތާލު ކުރުން މިއީ އާދައިގެ ކަމަކަށް ވެއްޖެ އެވެ. ހއ. އަތޮޅު ސްކޫލެއްގައި ގްރޭޑް 8 އުފައްދައި ނުދީގެން އެ ރަށު ބަޔަކު ނުކުމެ އޮފީސް ބަންދު ކުރި އެވެ.

ބ. އަތޮޅު ފެހެންދޫގައި ޖެހުނު މައްސަލައެއްގައި އެ ރަށު ސްކޫލާއި ކޯޓް މި އަހަރު ކުރީކޮޅު ބަންދު ކޮށްފައިވެ އެވެ. ނ. އަތޮޅު މަދަރުސާގައި ޓީޗަރުން ހަމަ ނޫން ކަމަށް ބުނެ މި އަހަރު ބެލެނިވެރިން ނުކުމެ އެ ސްކޫލުގައި ބޮޑުތަޅު އެޅުވި އެވެ.

އަދި އިއްޔެ ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލްގެ ޓީޗަރުން ސްކޫލަށް ހާޒިރު ނުވާތީ ކިޔަވައި ނުދީ ދަރިވަރުން ވަނީ ގެ އަށް ފޮނުވާލައިފަ އެވެ.

މި ފަދަ ކަންކަން ކުރަނީ އެ ކަން ކުރާ ބައެއްގެ ވަރަށް ބޮޑު މަގުސަދުތަކެއް އޮވެގެން ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް އޭދަފުށި ކަހަލަ ތަޢުލީމީ ބަޔަކު ދިރިއުޅޭ ރަށެއްގައި ސްކޫލެއްގައި ކިޔަވައި ނުދީ ދަރިވަރުން ގެ އަށް ފޮނުވާލި މިއީ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖެ އަށް އައި ސިޔާސީ ބަދަލުތަކުގެ ތެރެއިން އުފަންވި މުޒާހަރާ ކުރުމާއި، ހަޅުތާލު ކުރުމާއި،ތަޅުއެޅުވުން ފަދަ ކަންކަން މިއަދު މި އޮތީ މި އަމާން އޭދަފުށްޓަށް ވެސް އައިސްފަ އެވެ.

އިއްޔެ އޭދަފުށީ ބަހިއްޔާ ޕްރީސްކޫލްގެ ތުއްތު ތުއްތު ކުދިން އެ ކުދިން ފެންވަރުވާ ނަލަހައްދާ އިނގިލިކުރިލައިގެން ސްކޫލަށް ދިޔައިރު ބެލެނިވެރިންނަށް ލިބުނީ ހައިރާން ކުރުވަނި ހަބަރެކެވެ؛ ސްކޫލުގައި ކިޔަވައިދޭ އެއްވެސް ޓީޗަރަކު އިއްޔެ ސްކޫލަށް ހާޒިރު ނުވާ ވާހަކަ އެވެ.

އެއްވެސް ޓީޗަރަކު ހާޒިރު ނުވާތީ ބެލެނިވެރިން ޖެހުނީ ކުދިން ގޮވައިގެން އެނބުރި ގެއަށް ދާށެވެ.

ވީ ގޮތެއް އެނގުނީ މާ ފަހުންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބަހިއްޔާ ސްކޫލުގެ ބެލެނިވެރިންނާ އެކު ރަށު ކައުންސިލަރު މުހައްމަދު ހަބީބް ބޭއްވެވި ބައްދަލުވުމުގައި ޕްރީސްކޫލުގެ ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން ހަބީބު ވިދާޅުވި ބަސްތަކަކާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ޓީޗަރުން ސްކޫލަށް ނުނިކުތީ އެވެ.

ނޫނީ ހުރިހާ ޓީޗަރުން ބަލިވެ ސަލާން ބުނެ ގޭގައި ތިބީ އެވެ.

އޭދަފުށީ އޮފީހުން ޓީޗަރުންނަށް ވެސް ދައުވަތުދިން މި ބައްދަލުވުން ފެށުމުގެ ކުރިން ޖަލްސާ ކުރާ މާލަމުން ޓީޗަރުން ބޭރުކުރި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެ އެވެ.

މި ބައްދަލުވުމުގައި ކައުންސިލަރު ދެއްކެވި ވާހަކައިގައި ސްކޫލްގައި ކިޔަވައިދެއްވާ ބައެއް ޓީޗަރުން އެ ސްކޫލްގައި މަސައްކަތް ކުރައްވަނީ ކޮން ގޮތަކަށްކަން އެނގި ނުލައްވާކަމާއި، މަހަކު -/50 ރުފިޔާގެ ފީ އެއް ނަގަމުންދާކަން ވެސް އެނގި ނުލައްވާ ކަމަށް ކައުންސިލަރ ވިދާޅުވި ކަމަށް އެ ސްކޫލުގެ ބެލެނިވެރިންނާ ހަވާލާދީ ރާއްޖޭގެ ބައެއް ދުވަހު ނޫސްތަކުގައި ލިޔެފައި ވެ އެވެ.

އަދި މިހާތަނަށް ވެސް ރަށު އޮފީހުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ބަހިއްޔާ ޕްރީސްކޫލް ހިންގަނީ ރަށު އޮފީހުންކަން ވެސް އެނގި ނުލައްވާ ކަމަށް ކައުންސިލަރު ވިދާޅުވި ކަމަށް ވެ އެވެ.

ކައުންސިލަރު އިއްޔެ ދިވެހި ރާއްޖޭގެ އަޑަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކިޔަވައިދޭނެ ޓީޗަރަކު ހާޒިރު ނުވުމާ ގުޅިގެން ސްކޫލްގެ ކިޔެވުން ބަންދުވުމަކީ “އޭދަފުށީ އޮފީހާ ބެހޭ ކަމެއް” ނޫން ކަމަށެވެ. އަދި އެ ކަމުގެ ޒިންމާ އެ އޮފީހުން ނެގެން ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

ކައުންސިލަރު މިހެން ވިދާޅުވި ނަމަވެސް، ބަހިއްޔާ ޕްރީސްކޫލް ހިންގަނީ އޭދަފުށީ އޮފީހުން ކަމަށް ވުމާއި، އެ ތަނުގެ ހުރިހާ ޒިންމާތަކެއް މީގެ ކުރިން ވެސް ނަގަނީ އޭދަފުށީ އޮފީސް ހިންގަވަން ހުންނަ އިސްވެރިއެކެވެ.

މި ގޮތަށް ކަން ދިމާވުމުން ދަރިވަރުންގެ ކިޔެވުން އެއް ދުވަހަށް ގެއްލިގެން ދިއުމަކީ އޭދަފުށީ އޮފީހުން އެ ކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ކަމަށް އަޅުގަޑު ދެކެމެވެ. ކިތަންމެ ބާރެއް ލާފައި ޒިންމާ ނުނެންގެވޭނޭ ވިދާޅުވުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ.

ބަހިއްޔާ ސްކޫލަށް ކުދިން ހޯދުމަށް އިއުލާން ކުރުމާއި އެ ކުދިންނަށް ފީ ކާޑު ދިނުމާއި، ފީ ބަލައިގަތުމާއި، ފީ ނުދައްކާ ކުދިންގެ މައުލޫމާތު ނޯޓިސް ބޯޑަށް އެރުވުމާއި، މުދައްރިސުންނަށް މުސާރަ ހަވާލު ކުރަނީ ހަމަގައިމު ވެސް އޭދަފުށީ އޮފީހުންނެވެ. އަދި ބެލެނިވެރިންނަށް ދައުވަތުދިނީ ވެސް ހަމަ އޭދަފުށީ އޮފީހުންނެވެ. މައްސަލަ ޖެހުނީމާ “ރެކެން” އުޅުމުގެ ބަދަލުގައި މައްސަލަ އަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތެވެ.

ދެން އޮތީ ޓީޗަރުން ހާޒިރު ނުވުމުގެ މައްސަލަ އެވެ. މުވައްޒަފުން ހާޒިރު ނުވާ ނަމަ ނުވަތަ ބަލިވެގެން ސަލާން ބުނެފި ހާލަތެއްގައި ދަރިވަރުންނަށް ހެދޭނެ ކޮންމެ ވެސް ގޮތެއް އޮންނަން ވާނެ އެވެ.

އަދި އިހްތިޖާޖް ކުރުމުގެ ގޮތުން ސަލާން ބުނާ މުވައްޒަފުންނާ ދޭތެރޭ އެޅޭނެ ފިޔަވަޅުތައް ވެސް އޮވެ އެވެ. މި ފަދަ ހާލަތްތަކުގައި ހާޒިރު ނުވެ ތިބޭ ދުވަސްތައް ޣައިރު ހާޒިރީގެ ގޮތުގައި ވެސް ބެލެވިދާނެ ކަމަށާއި، އެ ފަދަ އަމަލެއް ކޮށްފި ނަމަ އިސްލާހީ ފިޔަވަޅު އެޅޭނެ ކަމަށް ސިވިލް ސާވިސްގެ ސާކިއުލާގައި ބަޔާން ކުރައްވާފައިވެ އެވެ.

ކޮންމެއަކަސް މި ކަން މިއަދު މި އޮތީ އޭދަފުށީގައި ވެފަ އެވެ. މި ކަމުގައި ޒިންމާ އުފުލާނެ ފަރާތެއް ވެސް މި އޮތީ “ނޭނގިފަ” އެވެ. ބައެއް މީހުން ކުށްވެރިކޮށް އިނގިލި ދިއްކުރަނީ ޓީޗަރުންނާއި ދިމާލަށެވެ. އަނެއް ބަޔަކު ކައުންސިލަރާ ދިމާލަށެވެ. ދެ ފަރާތުން ވެސް ދައްކަމުން ގެންދަނީ ކަމުން “ރެކެވޭނެ” ބަހަނާތަކެކެވެ. ހުރިހާ ވެސް ގެއްލުމެއް ބޮލުގައި އަޅަން ޖެހެނީ ކުށެއް ނެތް ބެލެވެރިންނަށާއި އެ ބެލެނިވެރިންގެ ތުއްތު ތުއްތު ދަރިންނަށެވެ. ސްކޫލްތައް ވާން ޖެހޭނީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެފައިވާ ތަންތަން ކަމުގަ އެވެ. އަދި އެ ކަމަކީ ކުދިންނަށް ގެއްލުން ލިބޭނެ ކަންތައް ކަމަށް ވެގެން ނުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.