އޭދަފުށިން ދީނީ ތިން ސުވާލު (29)

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. އީދަށް މިއުޅެނީ ފުޓްބޯޅަ ކަޕެއް ބާއްވަން. ކޮންމެ މީހަކުވެސް 20ރުފިޔާ ލައިގެން ބައިވެރިވާނީ. މޮޅުވާ ޓީމަށް ހުރިހާ ރުފިޔާއެއް ލިބޭގޮތަށް. މިވާނެތޯ ޖުވާއަށް؟
ޖ. ލައްބަ. ތިޔަގޮތް ރަނގަޅެއް ނޫން.

1. ނިޔަފަތި ނުކަނޑައި 40 ދުވަހަށްވުރެ ގިނައިން ބެހެއްޓުން ހުއްދަވާނެތޯ؟
ނަބަވީ އިރުޝާދުތަކުން އެނގޭގޮތުގައި ނިޔަފަތި ކެނޑުމަކީ ފިތުރަތުގެ ތެރެއިންވާ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެ އެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ ހަދީޘްކުރެއްވި އެވެ.

” الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ”

މާނައަކީ؛ ފިތުރަތުގެ ތެރެއިންވާ ފަސް ކަމެއްވެ އެވެ. ހިތާނުކުރުމާއި، އައުރައިގެ ވަށައިގެންވާ އިސްތަށި ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށީ ވަކިކުރުމެވެ.” (މުސްލިމް)

ބައެއް ދަންނަ ބޭކަލުން ހުކުރުދުވަހު މެންދުރުކުރިން ނިޔަފަތި ކެނޑުން މުސްތަހައްބުކަމުގައި ވިދާޅުވެ އެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ހުކުރު ދުވަހު ނިޔަފަތި ކެނޑުއްވުމާއި، މަތިމަސް ކޮށްޓެވުމަށް ލޯބި ކުރައްވާ ކަމުގައި އައިސްފައިވާ ރިވާޔަތެއްކަން ބުރަވެލައްވަ އެވެ. މި ހަދީޘަކީ ޒައީފު ހަދީޘެއްނަމަވެސް މި ހަދީޘް ބާރުއަޅާ އެހެން ރިވާޔަތްވެސް އައިސްފައިވާތީ އެވެ. އަދި ނިޔަފަތި ނުކަނޑައި ސާޅީސް ދުވަހަށްވުރެ އިތުރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ މާތް ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވި އެވެ.

. ” وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً” ( مسلم )

މަތިމަސް ކުރުކުރުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތިން އިސްތަށީ ވަކިކުރުމާއި އާނަތު (ލަނޑުވެތި ގުނަވަން) ބޭލުމާއި، (މިކަން ނުކޮށް) ސާޅީސް ރެއަށްވުރެ އިތުރު ނުކުރުމަށް އަހަރެމެންނަށް އެންގެވިގެންވެ އެވެ.” (އެބަހީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އަންގަވާފައިވެ އެވެ.) (މުސްލިމް)
ނިޔަފަތި ކެނޑުމުގެ ތަރުތީބާއި ބެހޭޣޮތުން އެއްވެސް ރިވާޔަތެއް ސައްހަވެގެން ނުވާ ކަމުގައި ދަންނަބޭކަލުން ވިދާޅުވެ އެވެ. ނަމަވެސް ކަނާތް އިސްކުރެއްވުން މުސްތަހައްބު ކަމުގައި އިލްމުވެރިން ވިދާޅުވެ އެވެ. އެއީ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއި ޝަރަވެރި ކޮންމެ ކަމެއްގައި ކަނާތްކިބަ އިސްކުރައްވަ އެވެ. -والله أعلم –

3. ސަޖިދައަށްދާއިރު ފުރަތަމަ ޖެއްސުން އެންމެ ރަނގަޅީ ކަކޫތޯ ނޫނީ ދެއަތް ތޯ؟
ޖަވާބު: ސަޖިދައަށް ތިރިވާއިރު ފުރަތަމަ ޖައްސާނީ ކަކޫތޯ ނުވަތަ ދެއަތްތޯ މިއީ އިލްމުވެރިން ހިޔާލު ތަފާޓުވެފައިވާ މައްސަލައެކެވެ. އިލްމުވެރިންގެ އެއް ބަހަކީ ދެކަކޫ ޖެއްސުމެވެ. މިއީ އިމާމު އަބޫ ހަނީފާ رحمه الله އާއި އިމާޟު ޝާފިއީ رحمه الله ގެ މަޒުހަބެވެ. އަދި އެއް ރިވާޔަތެއްގައި އިމާޟު އަހްމަދު رحمه الله ގެ ބަސްފުޅެވެ. އަދި ކިއެއްތަ އިމާމު ތިރުމިޒީ رحمه الله މިއީ ގިނަ އިލުމުވެރިންގެ ބަސްފުޅޫ ކަމުގައި ވިދާޅުވި އެވެ.

ސުނާއު ތިރިމިޒީ މިއީ ގިނަ އިލުމުވެރިންގެ އަމަލު ހުރިގޮތް ކަމުގައި ވިދާޅުވި އެވެ. 57/2 މިފަދައިން ވިދާޅުވާ ބޭފުޅުންގެ ދަލީލަކި؛
ވާއިލްބުނު ހުޖުރުގެ އަންނަނިވި ރިވާޔަތެވެ.

قال : رأيت رسول الله صلى الله عليه وسلم إذا سجد يضع ركبتيه قبل يديه , وإذا نهض رفع يديه قبل ركبتيه. رواه أبوداود والترمذي والنسائي وابن ماجة والدارقطني (1/345) ވިދާޅުވި އެވެ: ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ސަޖިދަ ޖައްސަވާނަމަ ދެއަތްފުޅުގެ ކުރިން ދެ ކަކޫފުޅު ޖައްސަވާތީ އާއި ސަޖިދައިން ތެދުވެ، ވަޑައިގަންނަވާއިރު ދެކަކޫފުޅުގެ ކުރިން ދެއަތްތިލަފުޅު ނަންގަވާތީ އަހަރުން ދެކުނީމެވެ. މި ހަދީޘް އަބޫ ދާއޫދާއި، ތިރުމިޒީ އާއި އިބްނުމާޖާ އަދި ދާރުގުތުނީ ރިވާ ކުރައްވާފައިވެ އެވެ. މި ހަދީޘާއި ބެހޭގޮތުން އަލިމާމު ބައިހާގީ ވިދާޅުވި އެވެ. މި ހަދީޘް އިސްނާދު ޒައީފެވެ. އަލްބާނީ މިޝްކާތުގައްޔާއި (898) އިރުވާއުލް ޤަލީލު (75/2) ގައި މި ހަދީޘް ޒައީފުކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އިބްނު ގައްޔިމު رحمه الله ޒާދުލް މާދުގައި މި ހަދީޘް ސައްހަކަމަށް ވިދާޅުވެފައިވެ އެވެ. ފުރަތަމަ ދެ ކަކޫ ޖެއްސުމަށް ވިދަޅުވި އިލްމުވެރިންގެ ތެރޭގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އާއި ފަޒީލަތުއް ޝައިޚް މުހައްމަދު ސާލިހު އަލް އުސައިމީން رحمه الله ފަދަ ބޭފުޅުން ހިމެނި ވަޑައިގަންނަވަ އެވެ.

އިލްމުވެރިންގެ އަނެއް ބަހަކީ ފުރަތަމަ ދެއަތް ޖެއްސުމަށް އައިސްފައި އޮތް ބަސްފުޅެވެ. މިއީ އަލިމާމު މާލިކު رحمه الله ގެ މަޒުހަބެވެ. އަދި އަލިމާއުލް އައުޒާއީ رحمه الله އާއި ހަދީޘް އިލުމުވެރިންގެ ބަސްފުޅެވެ. މި ބޭފުޅުންގެ ދަލީލަކީ މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިގެން ރިވާވެގެންވާ އަންނަނިވި ހަދީޘެވެ.
. قال : قال رسول الله صلى الله عليه وسلم : إذا سجد أحدكم فلا يبرك كما يبرك البعير وليضع يديه قبل ركبتيه.
ވިދާޅުވި އެވެ. ސަލާޟާއި ސަލަވާތްލެއްވި ﷲ ގެ ރަސޫލާ ހަދީޘްކުރެއްވި އެވެ. ތިޔަބައިމީހުންކުރެ މީހަކު ސަޖިދަކުރާނަމަ ޖަމަލު ބަނޑުޖައްސާހެން ބަނޑު ނުޖައްސާށެވެ. ކަކުލުގެ ކުރިން ދެއަތް ޖައްސާށެވެ!
“މި ހަދީޘް އިމާމު އަޙްމަދާއި 2/381 އަބޫދާއޫދާއި، ތިރުމިޒީއާއި ނަސާއީ ރިވާކުރައްވާފައިވެ އެވެ. އިމާމު ނަވަވީ މަޖުމޫނު 3/421 ގައި ވިދާޅުވި އެވެ. “މި ހަދީޘަކީ އަބޫދާއޫދާއި ނަސާއީ ރަނގަޅު ސަނަދަކުން ރިވާ ކުރައްވާފައިވާ ހަދީޘެކެވެ. އަލްބާނީ އިރުވާއުލް ގަލީލުގައި 78/2 މި ހަދީޘް ސައްހަ ކުރައްވާފައިވެ އެވެ. މި ދެ ރިވާޔަތަށް ބަލާއިރުސަނަދުގެ ގޮތުން އެންމެ ސައްހަ ރިވާޔަތަކީ ދެކަކުލުގެ ކުރިން ދެއަތް ޖެއްސުމަށް އޮތް ރިވާޔަތެވެ. ވީމާ ފުރަތަމަ ދެއަތް ޖެއްސުމަށް އޮތް ބަހަށް ބުރަވެ އެވެ. ކޮންމެ ގޮތަކަށް އަމަލުކުރިނަމަވެސް އެމީހާގެ ނަމާދު ސައްހަވާނެ އެވެ. ޝައިޙުލް އިސްލާމް އިބްނު ތައިމިއްޔާ މި މައްސަލައިގައި ވިދާޅުވެފައިވެ އެވެ. “މި ދެގޮތުންވެސް ނަމާދު ޖާއިޒުވެގެންވެ އެވެ. … ނަމަވެސް އިލްމުވެރިން ޚިލާފުވެފައިވަނީ އައުލާކަން ބޮޑޫވެގެންވާނީ ކޮންގޮތަކާތޯ އެވެ.” އަލްފަތާވާ 449/22 -والله أعلم-

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.