ފޭލިން މުސްޠަފާގެ އަގު ވަޒަންކޮށްފި

މުސްތަފާގެ ކާމިޔާބީގެ އަގުވަޒަން ކުރުމުގެގޮތުން ފޭލިން އޭނާއަށް ހަނދާނީ ފިލައެއް އަރުވަނީ. ފޮޓޯ/ފޭލި

އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށްފައިވާ އަދި މިރޯދަމަހު އޭދަފުށީ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދުކުރި، އުމުރުން 11 އަހަރުގެ ބ. އޭދަފުށީ ޖަންބުމާގޭއާގެ، މުހައްމަދު މުސްތަފާ، ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ފޭލިން އޭނާއަށް ހާއްސަ ހަނދާނީ ފިލައެއް ދީފި އެވެ.

މުސްތަފާއަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ، ފޭލިން ރޯދަމަހު ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އީދު ވިލޭރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ފޭލި ޖަމިއްޔާގެ ރައީސް، އަލީ ނަޒީރު އެވެ. ހަނދާނީފިލާގެ އިތުރުން ފޭލިން އޭނާއަށް ފައިސާގެ އިނާމުވެސް ދިނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޭލި ޖަމިއްޔާގެ ފައުންޑާ މެންބަރު އަބްދުއްރައްޒާގު މުހައްމަދު ވިދާޅުވީ މުސްތަފާ ވަނީ އޭދަފުއްޓާއި މުޅި ގައުމު ވެސް ފަހުރުވެރިކޮށްދީފައި ކަމަށާއި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ވެދާނެ ކަން މުސްތަފާ މިއަދު ދައްކައިދީފައިވާ ކަމަށެވެ.

“އެންމެ ފުރަތަމަ އަޅުގަނޑަށް މުސްތަފާ ފެނުނީ ދެކާފަ ގޮވައިގެން މިސްކިތަށް ގޮސް އިންނަތަން. ދެން އޭގެ ފަހުން ފެނުނީ ބަލި މީހުންނަށް ވަރަށް އަޅާލާ ކުއްޖެއްގެ ގޮތުގައި. އޭގެ ފަހުން މިއަދު މުސްތަފާ މި ފެނުނީ ޤުރުއާން ހިތުދަސް ހާފިޒެއްގެ ގޮތުގައި ނަމާދު ކުރާތަން،” އަބްދުއްރައްޒާގު ވިދާޅުވި އެވެ.

މުސްތަފާގެ ކާމިޔާބީގެ އަގުވަޒަން ކުރުމުގެގޮތުން ފޭލިން އޭނާއަށް ފައިސާގެ އިނާމެއް ދެނީ. ފޮޓޯ/ފޭލި

މުސްތަފާގެ ދިރިއުޅުމުން މިސާލު ނަގައި ކޮންމެ ކުއްޖެއް ވެސް ގުރުއާން ދަސްކުރުމުގެ މަސައްކަތް ކުރުމަށް އޭނާ ވަނީ ނަސޭހަތްތެރި އެވެ.

މި ރަސްމިއްޔާތުގައި މުސްތަފާ ވަނީ ގުރުއާން މުބާރާތުން ވަނަތައް ހޯދި ބައެއް ދަރިވަރުންނަށް ހަނދާނީލިޔުމާއި ޓްރޮފީވެސް ހަވާލުކޮށްދީފަ އެވެ.

މުސްތަފާގެ އަގުވަޒަން ކުރުމުގެ ގޮތުން އޭދަފުށީ ރައްޔިތުންގެ ފަރާތުން ރަށު ކައުންސިލުންވެސް ހަނދާނީ ފިލައަކާއި ހަދިޔާ ދީފައިވެ އެވެ.

މުސްތަފާއަށް އޭދަފުށީ ކައުންސިލުން ހަނދާނީލިޔުން ހަވާލުކުރުމަށްފަހު ކައުންސިލު ބައެއް މެންބަރުންނާއެކު ފޮޓޯއަކަށް ހުއްޓިގެން: ފޮޓޯ/ކައުންސިލް

މުސްތަފާގެ އެ ހުނަރާއި، މިހާރު ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު އޭނާއަކީ މުސްތަގްބަލުގައި ވަރުގަދަ ސަހުޝިއްޔަތަކަށް ވެދާނެ ކުއްޖެއްކަމަށް ގިނަ ބަޔަކު މިހާރުވެސް ގަބޫލުކުރެ އެވެ. އަދި އޭނާގެ މަސައްކަތަށް އެތައްހާސް ބަޔަކު ވަނީ ތައުރީފް ކޮށްފައިވަނީ އޭގެ ތެރޭގައި ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިންވެސް ހިމެނެ އެވެ.

އީޓީ ގެ ފަރާތުން އަބަދުވެސް މުސްތަފާއަށް ކާމިޔާބަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.