ބީކޭ އާއި ޑައުންޓައުން: ހެޔޮ ފާލަކަށް ނުވާނެތަ؟

ބީކޭއިން ބޭއްވި ފުޓްސަލް މުބާރާތް ކާމިޔާބުކުރި ޑައުން ޓީމު. ފޮޓޯ / ބީކޭ

އޭދަފުށްޓަކީ ނިސްބަތުން ކްލަބް ޖަމިއްޔާތައް ގިނަ ރަށެކޭ ބުނެވިދާނެއެވެ. ޖަމިއްޔާތަކުގެ ހަރަކާތްތައްވެސް މަދެއް ނޫނެވެ. ވާދަވެރިކަންވެސް އަންނަނީ އިތުރުވަމުންނެވެ. ކޮންމެވެސް މޮޅު ކަމެއް ކޮށްލެވޭތޯ ކޮންމެ ބަޔަކުވެސް ތިބެނީ ވިސްނައެވެ. ހުރިހާ ފައިދާއެއް ރަށަށެވެ. ރައްޔިތުންނަށެވެ. މިހުރިހާ ކަމަކަށްވުރެ އަޅުގަނޑަށް ހިތްގައިމު އެހެންކަމެއް އެބައޮތެވެ. ވަރަށް ޒުވާންކުދިން އެކަންކަމުގައި ދައްކަމުން އަންނަ ނަމޫނާއެވެ.

ރޭ އޭދަފުށީގައި ނިމިގެންދިޔަ ފުޓްސެލް މުބާރާތަކީ މީގެ އެއް މިސާލެވެ ރަށުގެ ވަރަށް ޒުވާން ކުދިންކޮޅެއް އެކުވެގެން އުފައްދާފައިވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕްގެ ފަރާތުން މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ބޭއްވި 21 އަހަރުން ދަށުގެ ފުޓްސެލް މުބާރާތަކީ ކާމިޔާބު ހަރަކާތެކޭ ނުބުނާނެ މީހަކު މަދުވާނެ އެވެ. މުބާރާތަކުން ފެންނަން ޖެހޭ ހުރިހާ ސިފައެއް ފެނުނީ ފުރިހަމަކޮށެވެ. ގުރުއަތުލުމާއި ހަމައިން ފެށިގެންގޮސް ނިންމުމުގެ ރަސްމިއްޔާތާއި ހަމައަށް ހުރިހާ އިންތިޒާމްތަކެއްވެސް ދިޔަލެއް ޗާލެވެ. އާއްނުކޮށް އެކަހަލަކަމެއް ކޮށް ނޫޅޭ ބަޔެކޭ ހީވެސް ނުވެއެވެ.

 

މުބާރާތް އެކާވީސް އަހަރުން ދަށަށް ހާއްސަކޮށްފައި އޮތުންވެސް އަޅުގަނޑަށް ވަރަށް ކަމުދިޔައެވެ. މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވުމުގެ އަޒުމުގައިތިބި ޒުވާން އެތައް ކުދިންނެއްގެ ހުނަރު ދައްކާލަން މި މުބާރާތުގައި ފުރުސަތު ލިބުނެވެ. ދަނޑުމަތީގަޔާއި، ދަނޑުން ބޭރުގައި ލީޑަޝިޕް ނަގަން ޒުވާންކުދިން ދަސްކުރިއެވެ.

ޑައުންޓައުން ބޮޑުބެރު ގްރޫޕް

އެކާވީސް އަހަރުން ދަށުގެ ފުޓްސެލް މުބާރާތަކީ ބީކޭ އިން މިއަހަރު ހިންގި ހަމައެކަނި ހަރަކާތެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު މިގްރޫޕުންވަނީ އޭދަފުށީގެ އުތުރުފަރާތުގެ ފަޅު ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައެވެ. އެކުދިންގެ މިސްރާބު ހަމައެކަނި ހުރީ ކުޅިވަރަށް ނޫންކަން މިކަމުން އެގެއެވެ.އަމިއްލަ ރަށާމެދު ވިސްނާކަން އެބަ އެގެއެވެ. އެއީވެސް އުފަލެކެވެ.

 

ކްލަބް ޑައުންޓައުންގެ ފަރާތުންވެސް ވަނީ ތަފާތު ވިސްނުން ގެންގުޅޭ ކަމުގެ ކުލަތައް ފެނިފައެވެ. މިދިޔަ އަހަރުގެ އަޟްޙާ ޢީދުގައި އެ ގްރޫޕްގެ ފަރާތުން ބޭއްވި އަންހެނުންގެ ފުޓްސެލް މުބާރާތަކީ އޭގެ އެއް ހެއްކެވެ. ފުޓްބޯޅަ ކުޅޭހިތުން ތިބި އަންހެންކުދިންވެސް މިރަށުގައި ތިބިކަން ޒުވާންކުދިންކޮޅެއް ދެނެގަތްކަންވީ އަޅުގަނޑަށް ވަރަށް ޝައުގުވެރިކުރުވި ކަމަކަށެވެ. ގޮންޖެހުންތަކާއެކުވެސް އެ މުބާރާތް ޑައުންޓައުންއިން ނިންމާލީ ކާމިޔާބު ހަރަކާތެއްގެ ގޮތުގައެވެ.

ކުޅިވަރަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓަސް ޑައުންޓައުންގައި ތިބި ޒުވާންކުދިންގެ ހިތުގައިވެސް ރަށަށް ލޯބި އިންތިހާއަށް އެބަހުއްޓެވެ. މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ މެޗްތައް އޮޅުވެލިފުށީގައި ކުޅުނުއިރު ޓީމަށް އެންމެ ބޮޑު ހިތްވަރެއް ގެނެސްދިން އެއް ކަމަކީ ޑައުންޓައުންގެ ބޮޑުބެރެވެ. ފައިނަލް މެޗް ބަލަން އޮޅުވެލިފުއްޓަށް ގިނަ ބަޔަކު އޭދަފުށިން ގޮސްތިބިކަން ކުޅުންތެރިންނަށް އިހްސާސްވާވަރުގެ ސަޕޯޓެއް އެމީހުން ނެތްނަމަ ނުނެރެވުނީހެވެ.

 

ބީކޭ ގްރޫޕްގެ ކުދިންތަކެއް ފޮޓޯއަކަށް ހުއްޓިގެން: މިފަދަ ގްރޫޕްތަކުން އަންނަނީ ރަށަށް ފައިދާހުރި ކަންކަމުގައި އިސްނަގަމުން: ފޮޓޯ/ބީކޭ

 

އެހިސާބުންއަދި ޑައުންޓައުންގެ ވާހަކަ ނިންމާލާ ހިތެއް ނުވެއެވެ. ޑައުންޓައުންގެ ފަރާތުން މިހާތަނަށް ބޭއްވި ކުޑަކުދިންގެ ހަވީރު ތަކާއި، މިރަށުގެ ކެންސަރ ޕޭޝަންޓަކަށް އެކުދިން ވެދިން ފައިސާގެ އެހީތެރިކަމުގެ ވާހަކަ ހަނދާން އެބަހުއްޓެވެ. އިޖްތިމާއީ މަސައްކަތްތަކުގައި ބައިވެރިވުމަކީ މުހިއްމުކަމެއްކަން އެކުދިންނަށްވެސް އެބަ ދަނެއެވެ.

 

ހަމައެކަނި ޑައުންޓައުންއާއި، ބީކޭގެ ވާހަކަ މިގެނައީ އެހެން ކްލަބް ޖަމިއްޔާތަކާއި، ގްރޫޕްތަކުން ކުރާ މަސައްކަތް ކަމުނުދާތީއެއް ނޫނެވެ. އެ މަސައްކަތްތަކުގެ މުހިއްމުކަން ކުޑަވެގެންނެއްވެސް ނޫނެވެ. ހަގީގަތަކީ މި ދެ ގްރޫޕުން ކޮށްފައިވާ މަސައްކަތަށްވުރެ މާ ގިނަ މަސައްކަތް އެހެން ގިނަ ކްލަބް ޖަމިއްޔާތަކުން ކޮށްފައިވުމެވެ. މާ އަގުހުރި މަސައްކަތްތަކެއްކޮށްފައިހުރިތަން ފެންނަންވެސް އެބަހުއްޓެވެ.

ބީކޭ އިން އިސްނަގައިގެން މިދިޔަ އަހަރު އޭދަފުށީ ފަޅުތެރެ ސާފުކުރަނީ

 

އެކަމަކު މިފަހަރު ފާހަގަކުރަން ބޭނުންވީ މިރަށުގައި ބޮޑެތި ވަމުންއަންނަ ގިނަ ކުދިންގެ ވިސްނުމުގައި ރަށަށް ފައިދާހުރި ކަންކަން ކުރުމުގެ ވިސްނުން އެބަހުރިކަމެވެ. އެކަންކުރާނެ ގޮތުގެ ވައްޓަފާޅިވެސް އެކުދިންނަށް އެގޭކަން މިދަނީ ހާމަވަމުންނެވެ. ދޮށްޓަށް ތިބި މީހުންގެ މަސައްކަތަކަށް ހަދަންވީ އެކުދިންނަށް ހިތްވަރު ދިނުމެވެ. އެފަދަ ވީހާވެސް ގިނަކަންކަމުގައި ޝާމިލްވެއުޅުމުގެ ފުރުސަތު މިކުދިންނަށް ފަހިކޮށްދިނުމެވެ. މިއީ ނުރަނގަޅު އާދަތަކާއި ޒުވާންކުދިން ދުރުކުރުވުމަށް އޮތް އެންމެ ރަގަޅު އެއް މަގެވެ. މިހާ ޅަކުދިން ރަށަށް ފައިދާހުރި ކަންކަމުގައި އިސްނެގުމަކީ ހެޔޮ ފާލެކެވެ. ފުރުސަތުގެ ބޭނުން ހިފަމާ ހިގާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.