ބ. އަތޮޅު ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ ބަށި މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.
ބައިނަލް އަގްވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެން މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މި ބަށި މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައި ވާއިރު އެއް ވަނަ އިނާމަށް 1،500ރ. އަދި ދެ ވަނައަށް ދާ ޓީމަކަށް 1،000ރ. ދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އަތޮޅު ހޮސްޕިޓަލުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އަންހެނުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށާއި މުޖުތަމައުގެ އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމާއި އެކުވެރިކަން އާލާކުރުން ކަމަށެވެ.
ހޮސްޕިޓަލުން ބުނީ މި މުބާރާތު ފައިނަލް އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އޮންނާނެ ކަމަށާއި މުބާރާތް ކުރިއަށް ދާނީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި އޮންނަ ބަށި ކޯޓްގައި ކަމަށެވެ.