ޓީބީން ފުޓްބޯޅަ ޓީމަށް 5000ރ. ހަދިޔާކޮށްފި

ޓީބީން އޭދަފުށީ ފުޓްބޯޅަ ޓީމަށް ފައިސާގެ އެހީ ހަވާލުކުރަނީ. ފޮޓޯ/ޓީބީ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ބައިވެރިވާ އޭދަފުށި ޓީމަށް އެހީތެރިވުމުގެގޮތުން ކްލަބް ދަ ބިގިނާސް (ޓީބީ)އިން ފަސްހާސް ރުފިޔާ ހަދިޔާކޮށްފިއެވެ.

މި މަހުގެ 5 ވަނަދުވަހު ކުޅުދުއްފުށީގައި ފަށާގޮތަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ އޭދަފުށި ޓީމަށް ޓީބީން ހަދިޔާކުރި ފައިސާ ޓީމާ ހަވާލުކޮށްފައިވަނީ ރޭ ސަލްސާ ރީޓްރީޓްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.  މި ރަސްމިއްޔާތުގައި ޓީމްގެ ފަރާތުން ފައިސާގެ ރަމްޒީ ޗެކާއި ހަވާލުވެވަޑައިގަތީ އޭދަފުށި ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ އާއި ޓީމްގެ މެނޭޖަރު ޢަބްދުލްމަޖީދު ޙަސަން އެވެ.

އޭދަފުށި ޓީމާ ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭދަފުށި ކައުންސިލްގެ ނައިބު ރައީސް ޙައްވާ ސަމީހާ ވިދާޅުވީ ޓީމަށް އެހީތެރިވެދިނުމުގެގޮތުން ޓީބީ ކަހަލަ ކްލަބަކުން އިސްނެގި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް ޝުކުރުއަދާކުރާކަމަށާއި، އެހެން ކްލަބް ޖަމިއްޔާތަކުންވެސް މިފަދަ އެހީތެރިކަމެއް ޓީމަށް ފޯރުކޮށްދޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ.

މިރަސްމިއްޔާތުގައި ޓީބީ ގެ ފަރާތުން ވާހަކަދެއްކި މެންބަރުން ފާހަގަކުރިގޮތުގައި އޭދަފުށި ފުޓްބޯޅަ ޓީމަށް ފައިސާގެ އެހީއެއް ދިނުމަށް ނިންމީ ފުޓްބޯޅަ ޓީމަކީ އޭދަފުށީގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހް އާލާކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށްވެފައި ޓީމަށް ދެވޭ ކޮންމެ އެހީތެރިކަމަކީ ރަށުގެ އިޖްތިމާއީ ތަރައްގީއަށް ވެދެވޭ އެހީތެރިކަމެއްކަމަށް ކްލަބުން ދެކޭތީ ކަމަށެވެ. އަދި، ޓީބީއަކީ އޭދަފުށީގެ ފުޓްބޯޅަ ތަރައްގި ކުރުމަށް އަބަދުވެސް ބޮޑު އިސްކަމެއްދޭ ކްލަބަކަށްވެފައި މިނިވަން ޗެމްޕިއަންޝިޕްފަދަ ބޮޑު މުބާރާތެއްގައި އޭދަފުށިން ޓިމެއް ބައިވެރިވާއިރު ތީމަށް އެހީތެރިވުމަކީ ކޮންމެހެން ކުރަންޖެހޭން ކަމެއްކަމަށް ކްލަބުން ގަބޫލުކުރާ ކަމަށް ޓީބީގެ ފަރާތުން ވާހަކަދެއްކި މެންބަރުން ފާހަގަކޮށްފައިވެއެވެ.

އޭދަފުށި ފުޓްބޯޅަ ޓީމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޭދަފުށީ ކައުންސިލް އިދާރާއިން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.