އިސްލާމިކް މިނިސްޓަރު މުސްތަފާއާ ބައްދަލުކުރައްވައިފި

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު މުސްތަފާއަށް މުސްހަފެއް ހަދިޔާ ކުރަނީ– ފޮޓޯ/އިސްލާމިކް މިނިސްޓްރީ

އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް، މިދިޔަ ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި، ބ. އޭދަފުއްޓަށް އުފަން އަލްހާފިޒު މުހައްމަދު މުސްތަފާއާ، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިންޑިޔާގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފުރިހަމަކުރި، މިހާރު އެނބުރި އިންޑިއާގެ ދިއުމަށް މާލެގޮސްހުރި މުސްތަފާއާ، އިސްލާމިކް މިނިސްޓަރު ބައްދަލު ކުރެއްވީ އިސްލާމިކް މިނިސްޓަރީގައި މިއަދު މެންދުރު އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒިޔާދު ވަނީ މުސްތަފާއަށާއި މުސްތަފާގެ އާއިލާއަށް މުޝްހަފު ހަދިޔާކުރައްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު މުސްތަފާއަށް މުސްހަފެއް ހަދިޔާ ކުރަނީ– ފޮޓޯ/އިސްލާމިކް މިނިސްޓްރީ

މި ބައްދަލުވުމުގައި މުސްޠަފާގެ އާއިލާގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

ނިމިގެންދިޔަ ރޯދަމަހު މިރަށު ހުކުރު މިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމުގެ އިތުރުން މުސްތަފާ ވަނީ މިއަތޮޅުގެ ބައެއް ރަށްރަށާއި، ރ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް އިމާމްވެ ތަރާވީޙް ނަމާދުކޮށްފައެވެ. މުސްތަފާ އިމާމްވެ ތަރާވީހް ނަމާދުކުރިއިރު ގުރުއާން ކިޔަވަމުންގެންދިޔަލެއް ފަރިތަކަމާއި، ވަރަށް މަދު ރެއަކު ނޫނީ ކުށެއް ނުޖެހި ކިޔެވުން ފުރިހަމަ ކޮށްފައިވުމަކީ ގިނަ ބަޔަކަށް ހައިރާންކަންގެނުވި ކަމެކެވެ.

މުސްތަފާގެ އެ ކާމިޔާބީގެ އަގުވަޒަންކުރަން ރަށު ކައުންސިލުންނާއި އޭދަފުށީގެ އަމިއްލަ ކްލަބް ޖަމިއްޔާތަކުން ވަނީ ހާއްސަ ރަސްމިއްޔާތައް ވެސް ބާއްވައި ފައިސާގެ އިނާމުދީ ހަދައިފަ އެވެ.

މުސްތަފާގެ ބައްޕަ މުހައްމަދު ނަޝީދު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ހުރީ ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގަ އެވެ.

މުސްތަފާގެ ދައްތައަކު ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.